ވާރޭގައި ވީ ހިޔަނިތައް 18

"ޝުކުރުވެރިވުމަކީ އުދަގޫކަމަކަށް ވާނަމަ ތަންކޮޅެއް ކުޑަ އެއްޗިއްސާއިމެދު ވިސްނާލާށެވެ. ކުދި ކުދި ނިއުމަތްތައް ހުރިހާ ދިމާލަކުން ފެންނާނެއެވެ."

***

ރޯޒަލީ ގަހަށް ފެންދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ޚަލީސީ އެހީވާންއައެވެ. ރޯޒަލީގެ މޫނު މަތި ބަނަވިއެވެ.

"މަންމާ ސޮރީ. ދޮގު ބުނެވުނީތީ..."

"ކޮން ދޮގެއް..."

"އައިމް ނޮޓް ޕްރެގްނެންޓް...."

"ކީކޭ؟"

"މިބުނީ ނޯ ބޭބީއޭ...ދޮގު ބުނީއޭ...."

ރޯޒަލީގެ ފަސްބަޔަށް ދުނިޔޭގައިވާހާ އުފާތަކެއް އެޅުނުފަދައަކުން ކުއްލިއަކަށް ހެވިއްޖެއެވެ. ޚަލީސީ ބުނިއެއްޗެއް ފަހުމްވުމުން އަވަށްޓެރިންނަށް ބޮނޑިބަތް ބަހަން ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. ޚަލީސީ ބަލިވެއިން ޚަބަރު ލިބުނުފަހުން އެކަމާއިހެދި ހަމަޖެހިގެން ލޮލު ފިޔަ ޖަހައިލެވުނުކަމެއްވެސް ނޭގެއެވެ. ދެން އޮތީ ހައިސަމްއަށް ވިސްނައިދިނުމެވެ. ރަގަޅު އެހެން އަންހެންކުއްޖެއް ހޯދަދިނުމެވެ. އޭނަގެ އެކުވެރިންގެ ދަރިއަކު ޑޮކްޓަރކަން އެބަކިޔަވައެވެ. މާތްކޮށް ހެދުން އަޅާ އަޅުވެރި އަންހެންކުއްޖެކެވެ. ހައިސަމްއާއި އެހާ ގުޅޭ ބައިވެރިޔަކު ދުނިޔޭގައި އަތް ފުނާއެޅިޔަސް ނުފެންނާނެއެވެ.

ރޯޒަލީ ވަގުތުން އުޅެގަތީ ބޮނޑިބަތް ކެއްކުމާއިގެންނެވެ. އެހާވަރުން ބޮނޑިބަތް ކައްކާ ނިމުނުތަނާ ލިބުނު ލަނޑު ދެރައެއްނޫނެވެ. ސޫފީ އެހެންލާފައި ދަމުން ދެއަތުގައި ހުރި ދޮންވެލިތައް ތެއްޔަށް އަޅާލައިފިއެވެ. ރޯޒަލީ ތެދުވެ ބޮނޑިއެއް އަޅަން އެޅުމުން ފައި އަރިއަޅައިލިގޮތަށް ނުވެއްޓި ސަލާމަތްވީ ގާތުގައި ހުރި ރާހިލްއަށް ހިފެހެއްޓުނުކަމުންނެވެ. ހަޒަލްވެސް ކަންބޮޑުވިއެވެ. މަންމަ އެހާވަރުން ކެއްކި ބޮނޑިބަތް އެތިވެސް ސޫފީ ޚަރާބުކޮށްލީއެވެ. މިދުވަސްކޮޅު ސޫފީ އެންމެނަށް އުދަގޫކުރަމުން ދިޔަގޮތުން ހީވަނީ ކަމެއްގެ ބަދަލު ހިފަން އުޅޭހެންނެވެ. އެންމެން ގެންގުޅޭ އެއްޗެހި ހަލާކުކުރުމާއި ކައްކާފައި ހުންނަ އެއްޗެހި އުކާލުމާއި މާ ގަސްތައް އުފުރައިލުންފަދަ ކަންތައްތަކެވެ. އެންމެންވެސް ރުޅިއައިސްގެން ހަޅޭއްލަވާ ސޫފީއުޅޭގޮތުން ފޫހިވާވަރުކޮށްލައެވެ. އެހާ ކުޑަކުއްޖެއްގެ ސިކުނޑިއަށް އެފަދަ ކަންތައްތައް ވަންނާނީވެސް ކޮންގޮތަކަށް ހެއްޔެވެ؟ ހަޒަލްއަށް ހަގީގަތް އެނގޭތީ ކަންބޮޑުވެ ބިރުވެސް ގަނެއެވެ. ދެރައީ ކައިދަންގެ އިންޒާރާއި ގުޅިގެން އެ ސިއްރު އެހެން މީހުންނާއި ހިއްސާކުރަން ފަސްޖެހޭތީއެވެ.

***

ރާހިލްއަށް ކޮންމެ ރެއަކުހެން ފެންނަ ބިރުވެރި ހުވަފެންތައް ކުރިއަށް ވުރެ ބިރުވެރިވެ ހޭލާ އޮތްވާ ފެންނަން ފެށިއެވެ. "ނައިޓްމެއާސް"ފަދަ ކަންތައްތަކުން ސަލާމަތްވާން ލުސިޑް ޑްރީމް ކުރާނެގޮތް ދަސްކޮށް އެކަންތައް ފެށުމުން ހުވަފެން ކޮންޓްރޯލްވުމުގެ ބަދަލުގައި ބިރުގަންނަ ދަރަޖައަށް ކަންގޮސް ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރުކުރިއެވެ. ހުވަފެނުގައި އަންނަ މީހުންނާއި ހަގުރާމަކުރަން މުޅި ރޭގަނޑު ހަތަރުދަމު ހޭލާއިންނަނީ ނިދި ނަގާލާފައެވެ. ކޮޓަރިތެރޭ އަޑުގަދަވެގެން ބައެއްފަހަރު ހައިސަމް މީހަކު އަންނައިރަށް އެ އެއްޗެހިތައް ފިލައެވެ. ނަމަވެސް އޭނައަށް އަނިޔާކޮށް އެތަން މިތަނުން ލޭ އޮހޮރުވާލާފައެވެ. ރާހިލްއަށް ހަގީގަތާއި ޚިޔާލު ވަކިކުރަން ނޭގޭ ހިސާބަށްވެސް ކަންތައް ދިޔައެވެ. އެންމެފަހުން ފިޓްޖެހެން ފެށިގޮތަށް އައިސީޔޫގައި ބޭއްވިއެވެ. ސީޓީއާއި އެހެން ޓެސްޓްތަކުން އެއްވެސް މައްސަލައެއް ނުފެނެއެވެ.

***

ހައިސަމް އާއި ހަޒަލް ގާތު އައިސީޔޫގެ ބޭރުގައި ޖައިޝް މަޑުކޮށްލައިގެން ހުރިއިރު އެންމެންގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ފުރިހަމަ ސިއްހަތެއްގައި ހުރި ކޮއްކޮއަށް ދިމާވެގެން އުޅޭ ގޮތްނޭގޭ ބައްޔާއިމެދު ފިކުރުބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ. ރާހިލް ދޭތެރެއަކުން ނުރުހުމާއެކު ތެދުވެގެން ދާން އުޅެނީ އެހެން މީހުންނާއި ނުފެންނަ މީހަކު ނުވަތަ ބަޔަކާއި ހަގުރާމަކުރުމަށެވެ. އެއް ފަހަރު ހީނުކުރާފަދަ ގޮތަކަށް ވަޅި ނަގާ ލޮލުން ނުފެންނަ އެއްޗަކަށް ދިން ހަމަލާ ޖައިޝްގެ މެޔަށް ނޭރީ ހަމަކިރިޔާއެވެ.

"މަންމަ ވަރަށް ޔަގީންކަމާއެކު ބުނަނީ މިއީ ރޫހާނީ ކަމެއްކަމަށާއި ރުގުޔާ ކިޔަވައިގެން ނޫންގޮތަކަށް ރާހިލްގެ ބައްޔަށް ފަރުވާއެއް ނުލިބޭނެއޭ...."ހައިސަމް ހުރީ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ.

"މަންމަމެންގެ މުސްކުޅި ޚިޔާލް..."ޖައިޝް ހިނިގަނޑެއް ޖަހައިލިއެވެ.

"އެހެން ނުބުނޭ. ސަބަބަކީ...."ހަޒަލް އެއްޗެކޭ ބުނަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅައިގަތެވެ.

"މަންމަ ބޭރުފުށުން އަޅުވެރިއަކަށް ހެދިގެން ހުއްޓަސް ވަރަށް ނުބައި ފާފައެއްކޮށްފައި ކަމުގައި ބައްޕަ ބުނި. ސިހުރުވެރިޔަކާއި ގުޅުން އޮތް ކަމަށްވެސް. އެހެންވެ އަހަރެން ބައްޕަގެ ގާތަށް ދިޔައީ، ކޮންމެހެން ބައްޕަގެ ފައިސާއާއިހެދިއެއްނޫން. މަންމަގެ ގޯސްވާހަކަތައް މާމައާއި ބައްޕަގެ ދުލުން އަޑުއިވުނީމަ. ހަމަ އިތުބާރު ނުކުރެވުނީ........" ޖައިޝް ކުޑަކޮށް ބުމަ ގޮށްޖަހައިލިއެވެ.

"ފާފަކޮށްފައި ތައުބާވާން އޮވެއެއްނު. އިންސާނެއްވިއްޔާ ޕަފެކްޓެއްނުވާނެ. އެންމެނަށްވެސް ފާފަކުރެވޭނެ. އެފާފަކޮށްފައި ތައުބާ ނުވާނަމަ މަންމަ އަހަރެމެންނަށް މިހާ ރަގަޅު ތަރުބިއްޔަތެއްދޭނެތަ؟ ގޭގައި ނިދަން އޮތިއްޔާ ފަތިސްނަމާދަށް ނަގާނެ. ވަޓް އެބައުޓް ޔޫ ޖައިޝް؟ ސީރިއަސްކޮށް މިއަދު ނަމާދެއް ކުރިންތަ؟"ހައިސަމް އެހިއެވެ.

"ނޫން އެކަމަކު....."

"ނަމާދާއި ކާފަރުކަމާއިމެދު އޮތީ ނަމާދު އެޅުން. ޖައިޝް އެކަން ދަންނަންތަ؟އަދި މަންމަކައިރިން މާފަށް އެދެންވީނު. އެއީވެސް ބޮޑު ފާފައެއް. ހެއްކެއްނެތި މީހަކު ބުނި އެއްޗެއް ގަބޫލުކޮށްގެން އަމިއްލަ މަންމައާއި ގުޅުން ކަނޑައިލީ. ތިމާގެ ކަމުގެ ގުޅުން ކެނޑުމަކީ އެންމެ ބޮޑު އެއްފާފަ....."

ޖައިޝް ފުން ނޭވާއެއް ދޫކޮށްލިއިރު ކުޑަކޮށް ލަދުވެސް ގަތްހެން ހީވިއެވެ. މޫނަށް ކުޑަ ރަތްކަމެއް ފާއްދައިލިއެވެ.

"ބައްޕަ މަންމައާއި ވަކިވާން ދެއްކި ބަހަނާއަކީ ދީން...އެކަން ގަބޫލެއްނުކުރެވޭ...." ހައިސަމް ޖައިޝްގެ ކޮނޑުގައި އަތް ބޭއްވިއެވެ." މަންމަ ގާތުން މާފަށް އެދޭކަށް ނުވޭހެއްޔޭ ބައްޕަ ކައިރިން އަހާބަލަ. އަދި ތިވަރުގެ ބޮޑު ފާފައެއް މަންމަ ކުރިއްޔާ ދޮންބެއަށްވެސް އަންގާށޭ ބުނޭ. މިއީވެސް ބައްޕަގެ ދަރިއެކޭ...."

" ބްރަދާސް....ދީނާއިމެދު ފައިޓްނުކޮށްފާނަންތަ؟ މިހާރުވެސް ލައިގަނެގެން މިއުޅެނީ ކޮންފަދަ ކަމަކާއި ކަމެއްވެސް ނޭގޭ..... ސިހުރުގެ ކަންތައް ގަނޑެއްބާ....ރާހިލްގެ މެޑިކަލް މައްސަލައެއް ހުރިކަމަކަށް ނުބުނޭ. ހީޒް އިން އިންޓެންސް ޕެއިން. ނުފެންނަ ބަޔަކު އަނިޔާކުރާތީ ތަންތަން ދުޅަވެ ލޭ އަރާފައި....."ހަޒަލް ދެކޮޅަށް ހިނގަމުންގޮސް ޖައިޝްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ." ޖިންނި އުޅޭކަމަށް ގަބޫލުކުރަންތަ؟"

"ޔެސް......" ޖައިޝް ހިތްހަމަނުޖެހޭގޮތްވިއެވެ.

ރޯޒަލީ އާއި އެމާ އެދިމާލަށް އަންނަތަން ފެނުމާއެކު ޖައިޝް ހިނގައިގަތީ ކޮރިޑޯގެ އަނެއް ފަރާތަށެވެ. މަންމައާއި ކުރިމަތިލާން އޭނަ ބޭނުންނުވީއެވެ.

***

ރާހިލް ހޭއަރައިގެން ވަށައިގެން ހޯދައިލިއެވެ. ހޮސްޕިޓަލުގެ އެނދެއްގައި އޮތުމުން ފޫހިކަމާއެކު ތެދުވެ އެނދުގައި އިށީދެވިއްޖެއެވެ."ކީއްވެ މިތާ މިއޮތީ؟"

"އާޔޫ އޯކޭ؟"

"ޔެސް... ލުސިޑް ޑްރީމްކުރަން ހަދައިގެން ސަކަރާތްވީކަމަށް ވާނީ. މިހާރު މުޅިން އޯކޭ.........."ރާހިލް ހައިރާންވީ އޭނަގެ ގައިގެ އެތަން މިތަން ބެންޑޭޖްކޮށްފައި ހުރުމުންނެވެ. ޖައިޝް ބުނިގޮތުން އަމިއްލަ ނަފުސަށް އަނިޔާދޭން މަސައްކަތްކުރީއެވެ. ޖައިޝް ފިޔަވާ އެހެން މީހަކު އެގަޑިއަކު ނެތެވެ. ދަންވަރުކަން އެނގުނީ ގަޑިއަށް ބަލައިލުމުންނެވެ. ނޭގޭ ބިރުވެރިކަމެއް ހިތުގައި ހިނގާލާއިފިއެވެ.

"ޖައިޝް. ދޮރުގެ ފޮތިތައް ދަމާލަދީފާނަންތަ؟"

"އަންހެންކުއްޖެއްހާ ފިނޑިވަނީ ކީއްވެތަ؟ފިއަރއަކީ ވަރުގަދަ އިމޯޝަނެއް. ކުރަތްޕެއްދެކެވެސް ބިރުން އުޅެންޏާ ޑެވިލް އޭގެ ފައިދާ ނަގާނެ. ހުރިހާ ފިއާތަކުގެ މައްޗަށް ބާރު ހިންގަންވީ. އޭރުން ބިރު ކިޔާ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެވިދާނެ..."

ޖައިޝްގެ ވާހަކަތައް އަހަން ހިމޭނުން އޮވެފައި ރާހިލް އޭނައަށް ދިމާވެގެން އުޅެނީ ކޮން ކަމެއްކަން ކިޔާދިނެވެ. ލުސިޑް ހުވަފެންތަކުގެ ދުނިޔޭގައި އުޅުނަސް މިހާރު ހަގީގަތް އެނގިއްޖެކަމަށާއި ރޫހާނީ ބާރުތަކުން އޭނައަށް އަނިޔާކުރާކަން ޔަގީންވާކަމުގައި ބުނެ ޖައިޝްގާތު އެދުނީ އޭނަ އެކަނި ދޫކޮށްލާފައި ނުދިޔުމަށެވެ. ސީދާ އޭނަ މަރައިލަން މަސައްތަކުރާ ޝައިތާނުންތަކެއް ކަމަށާއި އެވަގުތު ހެޔޮ އެއްޗެއް ކިޔަން ހަނދާން ނުވިކަމުގައި ބުންޏެވެ. އޭނަގެ މަންމަ ބުނީ ތާސްކުޅޭތީ ދިމާވެގެން އުޅޭ ކަންތައްގަނޑެއްކަމަށެވެ. ޝައިތާނުންގެ ހަވޭއްޔަކަށް އެމީހުންގެ ގެ ބަދަލުވަނީކަމުގައެވެ.

***

ހަޒަލް ކޮޓަރިއަށް ވަންއިރު ކައިދަން ސޫފީ ފެންވަރުވާލައިގެން ރީދޫކުލައިގެ ތުވާލި ކޮޅެއް ލައްވައިގެން ގެނެސް އެނދުމަތީގައި ބެހެއްޓީއެވެ. ސޫފީއަށް ހަޒަލް ފެނުމުން މޫނު ލޯ ދިއްލިގެން ދިޔުމާއެކު މަންމަގެ ކަނދުރާއަށް އަތް ވައްޓައިލާފައި ކޯތާފަތާއި ކޯތާފަތް ޖައްސާ ބާރުކޮށްލީ ނިކަން ލޯބިންނެވެ. ހަޒަލް ފެންކަޅިވާގޮތްވިއެވެ. ލޯބިވާ ދަރިފުޅާއި ދިމާލަށް މިފަހަކަށް އައިސް އެންމެންގެ ދުލުން އިވޭ ލަފުޒުތަކާއި އޭނައަށް ރުޅިއިސްކުރެވޭވަރުން އެކަމާއި ހިތް ފަޅައިގެންދާވަރުވިއެވެ. އިންސާނަކަށްނުވިޔަސް މައުސޫމް ތުއްތުކުއްޖެކެވެ. ކިހާ ލޯބިހެއްޔެވެ؟ ކައިދަންވެސް ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު އިސްތަށިގަނޑު ހާވާލައިގެން ތުނބުޅި ނުބާލާ ހުއްޓަސް ހިތްދަމައިގަންނަގޮތެއް ހުއްޓެވެ.

"ހޭޒް. ރާހިލް ކިހިނެއްތަ؟ "

"ޑޯންޓް ހާޓް ހިމް ޕްލީޒް ކައިދަން....ކޮން ކަމަކާއި އަހަރެމެން ދެކެ ރުޅި އަންނަނީ؟ ކުރެވުނު ކުށެއް ބުނެބަލަ."

"އަހަރެންގެ ހަގީގަތް އެނގުނީމަ މީހަކު ބަލިވިޔަސް އަނިޔާއެއްވިޔަސް ދެން ހޭޒް މަގޭ ބޮލުގައި އަޅުވާނީ...."ކައިދަން ކުޑަކޮށް ހީލައިފިއެވެ.

"އެއީ މެޑިކަލް ކަމެއްނޫން. ދުނިޔޭގައި ލެއްވިހާ ޓެސްޓެއް ހެދިއިރު ރަގަޅު. ރާހިލްއަށް އަނިޔާ ކުރަނީ އިންސާނެއްނޫން....."

"ހޫމް ދެން މަ ހުރިހާ ކަމެއް ކުރަނީ. ހުއްޓުވަންވީނު. ހުއްޓުވާނެ ގޮތްގޮތްވެސް ހުރޭ............."ކައިދަން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އަދި ނިކުމެގެން ދާން ހިނގައިގަތުމުން ހަޒަލްއަށް ބަލަން އިދެވުނީ ހިތްދަތިކަމާއެކުގައެވެ. ކައިދަންގެ އެހުންނަ ދުރުހިލޭކަމާއި ދައްކައިގެން ހުންނަ ރުޅިވެރިކަން އޭނަގެ ހިތް ހަލާކުކުރަނީއެވެ. ކައިދަންގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ޒައްރެއް ހުރިނަމަވެސް އެ ރާގަށް ވާހަކައެއް ނުދައްކާނެއެވެ.

***

އެމާ ސޫފީ ގޮވައިގެން ޕާކަށް ދިޔައީ ހަޒަލްގެ ހުއްދަ ހޯދައިގެންނެވެ. އިރުއޮއްސުމުގެ ކުރިން އަންނާނެކަމަށް ވައުދުވިއެވެ. ފަސްގަޑިބައި ވުމާއެކު އެމާ ސޫފީ ގެއަށް ގެންދާން މަސައްކަތްކުރުމުން އަތުނުވެގޮސް މާސިންގާ އުނި ގަހަކަށް އަރާ ހިމަ ގޮފިކޮޅެއްގެ މަތީގައި ހަމަޖެހިލައިފިއެވެ. އެމާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭރު ޕާކުން މީހުން މަދުވެ އެއްވެސް މީހަކު ފެންނަންވެސް ހުރީއެއްނޫނެވެ. ބޮޑަށް އެހެން އެވީވެސް ސޫފީގެ ސަބަބުން އެހެން ކުދިންނަށް އުދަގޫވެ ކުދިން ގެއަށް ދާން ރޯން ފެށުމުންނެވެ.

އެމާ ފޯނުން އެންމެނަށް މެސެޖްކުރަން އުޅެނިކޮށް ގަސްތަކުގެ އަނދިރިން ނިކުމެގެން އައީ ފިލްމުތަކުން ފެންނަފަދަ ރީތި ފިރިހެނެވެ. އެމާގެ ހިތް ރޭސްޖަހައިލީ ސިކުންތަކު އެއްހާސް މޭލު ބާރު މިނުގައެވެ. އެމާ އަޖައިބުވެފައި ކަޅިޖަހައިލަން ނޭގި ހުއްޓާ އެ ޒުވާނާ ގަހަށް އަރަންފެށިއެވެ. ސޫފީ ގަހުން ނެގީ ފަރިތަކަމާއެކުގައެވެ.

އެމާ ހުރީ ބަސްހުސްވެފައެވެ.

"އަހަންނަކީ ރާމިސް."

"ތެން...ތެންކިއޫ..........................." އެމާގެ އަޑު ރޫރޫއެޅިއެވެ. ކުއްލިއަކަށް ހިތަށް ފިނިވިގޮތަށް މުޅި ހަށިގަނޑުވެސް ގަނޑުފެން ބިލިގާއެއްގައި ވުމުން ވާފަދަގޮތަކަށް ފިނިވެއްޖެއެވެ. ހަށިގަނޑު އައްސިވިއެވެ. ރާމިސްގެ ރީތިކަމާއި ފުރިހަމަކަމަކީ އެމާގެ އުމުރުގެ ކުއްޖަކުވެސް އަޖައިބުކުރުވާ ހިތްކިޔާ ސިފަތަކެވެ.

"ކޮންތާކު ގެ ހުންނަނީ؟"

ސޫފީ ރާމިސްގެ އަތަށް ދޮނެއް ދީފައި ދުރަށް ދުއްވައިގަތެވެ." ސޫފީ މިތަނުން ދާކަށް ބޭނުމެއްނުވޭ ދޯ. ފިކުރުބޮޑުވާކަށް ނުވާނެ. އެކުއްޖާއަށް ގެއްލުމެއްނުވާނެ. މިހިރީ ފާރަވެރިއެއް............."

"އަނގައިން ނުބުނަންޏާ އަހަރެން ދިޔައީ......"

ރާމިސް ލޯމަތިން ގެއްލުމުން އެމާ ދެފައި ތަޅައިގަތެވެ. އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. ސޫފީ ގޮވައިގެން ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް އެމާގެ އުނަގަނޑަށް އެރި ތަދަކުން ނުވެސް ތެދުވެވުނެވެ. ރޯޒަލީ ބޭސްގުޅައެއް ދީފައި ތެޔޮދެމިއެވެ. ނަމަވެސް އެމާއަށް ތެދުވެގެން ހިގޭނެގޮތެއް ނުވުމުން ހޮސްޕިޓަލަށްގެންގޮސް އެމްއާރުއައި އެއްވެސް ހަދައިލަންޖެހުނެވެ. އެއްވެސް މައްސަލައެއް ނުފެނުމުން ސައިކޮލޮޖިކަލެއް ކަމެއްކަމަށް ނިންމާ ނަފްސާނީ ޑޮކްޓަރާއި މަޝްވަރާކޮށްލަން ބުނެފައި ގެއަށް ފޮނުވައިލީއެވެ.

***

ހަޒަލްއަށް އެހެން މުވައްޒަފުންގެ ފަރާތުން މަލާމާތުގެ ނަޒަރުތަކާއި ސިއްރުން ވާހަކަދައްކަން ތިބެފައި އޭނަ ފެނުމުން ހުއްޓައިލާކަން ފާހަގަކުރެވުނެވެ. ކައިދަން ހަޒަލްއާއި ދޭތެރޭ ހިނގި ހަމަނުޖެހުން ދެކުނު މީހުންވަނީ ކައިދަން ހަޒަލްދެކެ ލޯބިނުވާކަމަށް އަޑު ފަތުރާފައެވެ. އަދި އެއަށްވުރެ ދެރަވެ ލަދުގަންނަނީ ކައިދަން މޮޔައެކޭ ކިޔައިގެން ވާހަކަދައްކާކަން އޭނައަށް އެނގޭތީއެވެ. އެނގެނީވެސް ދެބައޮޑުވާ މީހުން އައިސް މިވެނި މީހަކު ބުންޏޭ ކިޔާފައި އެވާހަަކަތައް ދައްކާމީހުންގެ ޚަބަރު ގަވާއިދުން ގެނެސްދޭތީއެވެ.

"ކިހާ ގޯސް ސިފައެއް. ބެކްބައިޓިން. މީހުން ނެތްތާ މީހުންގެ ވާހަކަދެއްކުން..އާދައިގެ ކަމަކަށް ނެގިޔަސް އެއީ ކޮންފަދަ ކަމެއްކަން އެނގޭނަމަ މި އަންހެންވެރިން އެހެން މީހުންގެ ވާހަކަދައްކަން އަނގަ ނުހުޅުވާނެ. ޑާޓީ މައުތްސް. ހޫމް. ހުރެބަލަ. މެޑިކަލް ސެޓްފިކެޓް ހޯދަން އައީމަ ބޮލުގައި ޖަހާނީ..............."ހަޒަލް ހިތާހިތުން އެތިވަރު ގޮވައިލިއެވެ.

ޑޮކްޓަރަކަށްވިޔަސް އޭނައަކީ އިންސާނެކެވެ. ދެރަވެސްވާނެއެވެ. ރުޅިއަންނަންވެސް އެނގެއެވެ. މަލާމާތްކޮށް ސިއްރުން ހުނުމުގެ ސަބަބުން އޭނައަށް ނަފްސާނީގޮތުންވެސް އަސަރުކުރަން ފަށައިފިއެވެ.

ޑޮކްޓަރސް ލައުންޖަށް ވަދެފައި އޭނަ ކަޅުކޮފީއެއް ހިފައިގެން ގޮސް ސޯފާގައި އިށީނެވެ.

"ކައިދަން ޖިންނިއަކަށްވީމަ މާ ރަގަޅެއްނު. ކިހާ ޕަވާފުލްވާނެ. ކިހާ ސްޓްރޯންގްވާނެ. އެންމެން އޭނައަށް މަލާމާތްކޮށް ޖޯކުޖަހަނިކޮށް އަދި އޭނަގެ ހަގީގީ ކުލަ ދައްކާލާނެ ދުވަހެއް އަންނާނެ. އޭރުން މަގޭ ފިރިމީހާއަކީ އެމީހުން ހީކުރާ މޮޔައެއް ނޫންކަމާއި ސުޕަރމޭންއެއްކަން އެނގޭނެ........" ހަޒަލް އެކަނި އިނދެވެސް ހެވުނެވެ.

ސީރިޔަސްކޮށް އޭނަގެ ފިރިމީހާއަކީ ޖިންނިއެވެ. ރޫހާނީ މަޚުލޫގެކެވެ. އެކަން އެނގިއްޖެއްޔާ އެންމެން އޭނައާއި ހަސަދަވެރިވާނެބާވައެވެ. ޖިންނިއަކާއި ކައިވެނިކޮށް ދަރިއަކު ލިބި މޮޔަނުވެ ހުންނާނީ ނަސީބުވެރިއެއްކަން ނޭގެއެވެ. ކައިދަން އޭނަ މޮޔަކޮށެއްނުލައެވެ. އެކަމަކު މިވާހަކަ ބުނާނީވެސް ކިހިނެއްހެއްޔެވެ؟ ގަބޫލުކުރާނީވެސް ކާކުހެއްޔެވެ؟އިންސިންގެ ދިރިއުޅުމަށް ޖިންނިން މިގޮތަށް ފާޅުވެ ގޯނާކޮށްފާނެކަމަށް އޭނަވެސް ކުރިން ގަބޫލެއްނުކުރެއެވެ. އެވަރު މީހަކު ޖިންނިއާއި އިންސާނަކު ކައިވެނިކޮށް ދަރިން ލިބިދާނެކަމަށް ހީކުރާނެހެއްޔެވެ؟ އެހުރިހާކަމެއްގެ ތެރޭ އޭނަ މިހިރީ ތާށިވެ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

***

ރާހިލް އެކަނި އޮންނަން ފަސްޖެހުމުން އެރޭ އެ ކޮޓަރީގައި ހޭލާއިނީ ހައިސަމްއެވެ. އެއްވެސް ކަހަލަ ރޫހާނީކަމެއް އޭނައަކަށް ނުފެނުނެވެ. ހަމައެކަނި ލައިލާ ކޮޓަރިއަށް ވަދެ ޖޫސްތަށްޓެއްދިންކަމެވެ. ރާހިލް އެކުއްޖާއާއި ކޮންމެެވެސް ވަރަކަށް ސަމާސާކޮށްލިއެވެ. ހައިސަމް ސޯފާގައި ލެޕުން މަސައްކަތެއްގައި އިނުމުން އެދެމީހުން ދެއްކި ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ. ލައިލާ އޭނަގެ މަންމަގާތަށް މާލެ ދިޔަ ވާހަކަ އިހަށް ދުވަހު މަންމަ ބުނި ހަނދާނެއްވެސްވިއެވެ. އަނބުރާ އައީ ކަމަށް ވެދާނެއެވެ.

ރާހިލް ހެނދުނު ހޭލެވުނުއިރު އޭނަގެ ގައިގެ އެތަން މިތާ ހުރި ޒަޚަމްގެ އިތުރުން ކަޅުކުލައިގެ ފޮޅުތައް ނަގާފައި ހުރިތަން ފެނުމުން އިންޒާރުގެ ރަގަބީލު ބޮލުތެރޭ އަޅުވާލައިފިއެވެ. އެވަރުންވެސް ހިތްވަރުކޮށްލާފައި ތެދުވެގެން ނާސްތާ ކުރަން އައިއިރު އެންމެން އިންތިޒާރުގައި ތިބިތަން ފެނުމުން އުފާވިއެވެ.

"ރޭ ކޮން ކަހަލަ ޖޫހެއް މަންމަ ފޮނުވީ؟ އެ ޖޫހަށް ކުޑަކޮށް އެލާޖިކްވެއްޖެހެން ހީވޭ................." ރާހިލް އިށީނީ އޭނަގެ މަންމައާއި ޖެހިގެން ހުރި ގޮނޑީގައެވެ. ރޮށްޓާއި ބަށި މަސްހުނި އަދި ޕާނާއި ބަޓަރާއި މާމަލޭޑްއާއި ބިސްގަނޑުވެސް ނާސްތާއަށް ތައްޔާރުކޮށްފައި ހުއްޓެވެ. ރޮށްޓާއި މަސްހުނި ހަދާނީ މަންމަކަން ޔަގީނެވެ. އަމިއްލައަށް ކައްކާ އެއްޗެއްސަށްވުރެ އޭނައަށް ކަމުދަނީ މަންމަގެ ކެއްކުމެވެ.

"ޖޫސް ނުދެމެއްނު..." ރޯޒަލީ ހައިރާންވިއެވެ.

"ލައިލާ ގެންގޮސްދިނީ. ފެހިކުލައިގެ ކިވީފާޑަށްހުރި ޖޫހެއް. ވަރަށް މީރު އެކަމަކު........................"

"ދަރިފުޅު. ލައިލާ މިރަށަކު ނެތޭ. އިއްޔެވެސް މަންމަ އެގެއަށް ދިޔައީމަ އެކުއްޖާ ގެންގުޅުނު މީހުން ބުނީ ލައިލާގެ މަންމަ ލައިލާ ގޮވައިގެން ވީ މެލޭޝިއާގަޔޯ..............................."

"ކީކޭ؟އެކަމަކު..." ރާހިލްއާއި ހައިސަމްގެ ނަޒަރު ބައްދަލުވިހިނދު ރާހިލްގެ ލޮލުން ބިރުވެރިކަން ފައުޅުވިއެވެ.

"ހުވަފެނެއްގައި ކަމަށް ވާނީ ......." ރާހިލް ކޮފީތަށިން ކޯވަރެއް ބޯލިއިރު ހިތް ތެޅެމުން ދިޔައެވެ. އޭނައަށް އެކަނި ފެނުނުނަމަ އެންމެ ރަގަޅެވެ. ހައިސަމްވެސް ލައިލާ ވަނުމުން ބަލައިލިއެވެ. އެކަމަކު އެފަހުން އިނީ އަޅާނުލާ ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. ރާހިލް އެހެން ދުވަހާއި ބަލާފައި ކެއީ ކުޑަކޮށެވެ. އަރުތެރެވެސް ބެދިފައިވިހެން ހީވެ ދިރުވައިލަން ދަތިވީއެވެ. ކައި ނިމިގެން ދަމުން ހައިސަމްއާއި އަރާ ހަމަވެފައި ސުވާލުކުރުމުން ބުނީ އޭނައަށްވެސް ފެނުނު ކަމުގައެވެ.

"މަންމައަށް ނޭގިވެސް ލައިލާ އައީ ކަމަށްވާނީ...."

"ހެހެ...."ރާހިލްގެ ހިތުން ބިރުވެރިކަމެއް ނުފިލިއެވެ. ވީއިރު މިގޭގައި އުޅޭ ޖިންނި ކުއްޖާއަކީ ލައިލާއެވެ. އޭނައާއި އަވަލައިގެން އުޅެނީ އެކުއްޖާކަމުގައި ވަންޏާ އޭނައަށް ގެއްލުން ދޭން އުޅެނީ ކޮންބަޔެއްހެއްޔެވެ؟ ރާހިލްގެ ހިތުގައި ހާސް ސުވާލު އުފެދި އިތުރަށް ބިރުވެރިކަން ހިނގައިގަތެވެ. ގައިގާ ހުރި ބިހިތައް އެހެން މީހަކަށް ދައްކަންވެސް ބޭނުމެއްނުވިއެވެ. މިއީ ކޮންފަދަ ބިރުވެރި ކަމެއްކަން އެނގެނީއެއްވެސް ނޫނެވެ. ފަންޑިތައާއި ރުގުޔާއިން ނޫނީ ސަލާމަތްނުވާނެހެއްޔޭވެސް ހިތަށް އެރިއެވެ.

***

އެންމެންހެން ސިޓިން ރޫމްގައި އިށީދެލައިގެން ތިއްބާ ޚަލީސީ ދުވަމުން އައިސް ހައިސަމްގެ ގާތުގައި އިށީންއިރު އޭނަ ހުރީ ނޭވާ ހާސްވެފައެވެ. ފޯނުގައި ހުރި އެއްޗެއް ދައްކާހިތުން ކެތްމަދުވެ މޫނަށް އަރާފައި ހުރީ ލައިގެން ހުރި ކުރު ފިޔާތޮށިކުލައިގެ ޓޮޕްކޮޅުގައި ހުރި ކުލައެވެ. ހުދު ޓައިޓަކުން އެހިމަ ފައިގެ ބައްޓަން އެނގޭއިރު މޮޑެލްއަކާއި ތަފާތެއްނެވެ. ހިމަވެފައި އިސްކޮޅުން ދިގު ރީތި އަންހެންކުއްޖެކެވެ.

"ސޭމްމެންނަށް އެނގޭތަ؟ ކްއީން އެލިޒަބެތުއަކީ ޔޯ ޕްރޮފެޓްގެ ދަރިކޮޅުން އައި ކަމަނާއެއް.......ވާއު..ވީއިރު އަހަރެމެން އިނގިރޭސިންގެ ވެސް އެ ރޯޔަލް ބްލަޑް އެބަހުރި. އަދި މި އާޓިކަލް ކިޔާބަލަ.." ޚަލީސީ އެހާ ކައިރިވުމުން ހައިސަމް ޖެހިލުންވެފައި އަވަހަށް ދުރަށް ޖެހުނެވެ.

"ވަޓް؟" ހަޒަލް އޭނަގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އައިސް އެދިމާލަށް ގުދުވެލިއެވެ."ތިިވާނީ ފޭކް ޚަބަރަކަށް. އިނގިރޭސިންގެ އެޖެންޑާއަކަށް. ޖޯޑަންގެ ރަސްގެފާނު އަދި މޮރޮކޯ ރަސްގެފާނަކީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ދަރިފަސްކޮޅުން އައި ރަސްކަލުން އެކަމަކު ދެން ތި ކްއީން ހިޔެއްނުވޭ....."

"ބައިވަރު އާޓިކަލްސްތައް އެބަހުރި. އެ ލިނިއޭޖުން އައިސްފައި ހުރި ޚަލީފާއެއްގެ ދަރިކަނބަލުން އަމީރާ ޒައިދާ އީސާއީއަކަށްވެ ކިންގް އަލްފަންސޯއާއި ކައިވެނިކުރުމަށްފަހުކަމަށް މިއޮތީ...މި ބަލައިލަބަލަ.."ޚަލީސީ ހުރީ ފޯރި އައިސްފައެވެ.

"ކީކޭތަ ތިކިޔަނީ؟" ރޯޒަލީ އޮޅުން ފިލުވަން ބޭނުންވިއެވެ. ހަޒަލް ކިޔާދިނުމުން ރޯޒަލީ ބުމަކައިރިކޮށްލީ ނުރުހުމާއެކުގައެވެ."އެހެންވެ މަންމަ ބުނަނީ ތި އިޔަހޫދީ އިނގިރޭސިންނާއި ކައިރިނުވާށޭ......"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު