ވާރޭގައި ވީ ހިޔަނިތައް 17

"އަބުދުﷲ ބިން މުބާރަކް ރަހިމަހުﷲ ވިދާޅުވިއެވެ. ނަބީކަމުގެ ދަރަޖައަށްފަހު އިލްމު ފެތުރުމުގެ ދަރަޖައަށްވުރެ މަތިވެރި ދަރަޖައެއް ނުވެއެވެ."

***

ކައިދަން ކިޔާ އެއްޗަކަށް ފަރުވާލެއްނެތި ހަޒަލްއަށް ދަރިފުޅު ނަގާ މޭގައި ޖައްސައިލެވުނެވެ. ސޫފީ ވަރަށް ހެވިލާފައި ހަޒަލްގެ މޫނަށް ބަލަން އިނީ މޮޅުކަމެއް ކުރެވިގެން އުޅޭފަދަ ގޮތަކަށެވެ. ސޫފީއަށް ދިމާވެގެން އުޅޭ ނުރައްކަލުގެ ހިލަމެއްވެސް އެތުއްތު މައުސޫމް ފުރާނައަކަށް ނޭގެއެވެ. އެންމެންގެ ސަމާލުކަން ލިބުމުން އުފާވެފައި އިނދެ ހެނީއެވެ.

"ސޫފި އީޓް ބަޓްން...."

"ބެޓެރިއެއްކަން އެނގުނީ ޓޯއި ރޫޅާލައިގެން އިނީމަ. ބެލިއިރު ބެޓެރި ނެތް. ބަޓްން ބެޓެރިއެއް........" ކައިދަން ބުނެދިނެވެ. ހަޒަލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެކްސްރޭރޫމަށް ވަދެފައި ކައިދަން ސޫފީގެ އަނގަޔަށް މާމުއި ސަމުސަލެއް ލެއްވިއެވެ.

"ދިހަ މިނިޓުން އެއްފަހަރު މާމުއި ދިނީމަ ރަގަޅުވާނެޔޯ..........."

ހަޒަލްއަަށް ޖެހުނީ ރުޅިގަނޑު ހިންދާލައިގެން ހުރުމަށެވެ. އެހެން މީހުންގެ ކުރިމަތީގައި އަމިއްލަ އަގު ހިފަހައްޓަން މަސައްކަތްކުރަން ޖެހޭނެއެވެ. އެހެންނޫނަސް ހިތާމައާއި ބިރުވެރިކަންވެސް އެކަމަށް ހިޔަނިއަޅާފައިވިއެވެ. ދަރިފުޅު ކިތަންމެ ހެވިފައި ހުއްޓަސް ނުރައްކަލުގެ ރަނގަބީލު އޭނަގެ ކަންފަތުގައި ޖެހެމުން ދިޔައެވެ. ހަގީގަތުގައި ކައިދަން އެވަގުތު އަމަލުކުރީ އެންމެ އެކަށީގެންވާގޮތަށެވެ. ފަހުގެ ރިސާޗްތަކުން ދައްކާގޮތުން ބަޓްން ބެޓެރި ދިރުވައިލާ ކުޑަކުދިން ޑޮކްޓަރާއި ހަމަޔަށް ދެވެންދެން މާމުއި ދިނުމުން ބެޓެރި ކާނާ ދަތުރުކުރާ ހޮޅީގައި ތާށިވެ ހޮޅި ހަލާކުކުރުމުގެ ފުރުސަތު ކުޑަކޮށްދޭނެއެވެ. ސަބަބަކީ މާމުއި ބެޓެރީގެ ވަށައި ފަށަލައެއްލާ އެބެޓެރީގައި ހުންނަ އެސިޑް ބައި ނައްތާލާތީއެވެ.

އެކްސްރޭ ނަގަން ތައްޔާރުކޮށްލިވަގުތު ރާސްލާފައި ކައިދަން ވަނެވެ.

"ރަވާން ބުނީ އެކްސްރޭ ނަގައިގެން ނުވާނެއޭ. ބެޓެރި ދިރުވައެއްނުލައޭ...." ކައިދަން ދަރިފުޅު ކޮނޑުމައްޗަށް ލިއެވެ.

"ކޭޑް. މޮޔަނުވޭ. ފާއިތުވެދާ ކޮންމެ ވަގުތަކީ ދަރިފުޅުގެ ފުރާނައަށް ކިހާ މުހިއްމު މިނިޓެއްކަމެއް ނޭގޭތަ؟"'

"ރަވާން ދޮގެއް ނަހަދާނެ..."

"ކޮން ރަވާނެއްތަ؟ ހެޔޮނުވާނެ..." ހަޒަލް ސޫފީ އަތުލަން މަސައްކަތްކުރުމުން ކައިދަން އަތުނުވާންވެގެން ދުއްވައިގަތުމުން ސޫފީއަށް މަޖާވެ ހޭންފެށިއެވެ. އެންމެންގެ ނަޒަރު އެ ކުޑަ އާއިލާގެ މައްޗަށް ހުއްޓުނެވެ. ބައެއް މުވައްޒަފުން ސިއްރުން ވީޑިއޯކޮށް އެހެން އެކުވެރިންނާއި ހިއްސާކޮށްލިއެވެ.

"މަޑުކުރޭ......" ހަޒަލް ފަހަތުން ދުވަމުން ހަޅޭއްލަވައިގަތެވެ. މަގާއި ހަމައިން ކައިދަން ހަމަޖެހިލި ވަގުތު ދުވަމުން އައި ހަޒަލްއަށް ކައިދަންގެ ޓީޝާޓްގައި ހިފާލެވުނެވެ. ސޫފީވެސް ގަދަ ހަދާފައި ބިމަށް ފައިބަން އުޅުމުން ދޫކޮށްލެވުނު ވަގުތު ފެނުނީ ޓްރެފިކް ބޮޑުކަމާއެކުވެސް މަގު މެދަށް ނުކުމެ ދުއްވައިގަތްތަނެވެ. ބާރަށް އައި ލޮރީއެއް ސޫފީގެ ގައިމަތިން ދިޔަތަން ފެނުމާއެކު ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތުމާއެކު ކަކުލު ހުޅުން ވާގިދޫވެ ހަޒަލް ހުރިތަނަށް ތިރިވެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި ފެނުނީ ސޫފީ ގައިން ހިރަފުސް ފޮޅާލާފައި އަނެއްކާ ރޭސް ޖަހައިލިތަނެވެ. ހަޒަލް ރޮމުން ﷲއަށް ހަމްދުކުރިއެވެ. އޭނަގެ ދަރިފުޅު އެ މަރު އެތިފަހަރުން ސަލާމަތްވިކަމީ ކުޅަދުންވަންތަކަމެވެ. ކަރާމާތެކެވެ. ނަމަވެސް އެތެރެހަށްޓަށް ގެއްލުމެއްނުވާނެބާވައެވެ. ކުއްލިއަކަށް ހަޒަލް ހަނދާންވީ ދަރިފުޅު ބެޓެރި ދިރުވައިލިކަމެވެ. ކައިދަން ހޭންފެށިއެވެ.

"ހަޒަލް. ހާސްނުވޭ. ރަވާން ޖަހާހާ ސަކަރާތް. ސޫފީއަށް ގެއްލުމެއްނުވާނެ..."

"އިޑިއަޓް....ޔޫޒްލެސް......"ހަޒަލްއަށް ރޮވެން ފެށުނެވެ. އޭނަ ސޫފީގެ ފަހަތުން ގޮސް އުރައިލަން އުޅުމުން ސޫފީ ތުންފިތައިލިއެވެ."މަންމި ލީވް....."

ހަޒަލް ސޫފީ ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

"ކިރިޔާނު މަންމަގެ ދަރިފުޅު...."ހަޒަލް ސޫފީގެ އަތާއި ފައި ޗެކްކުރިއެވެ. ކަކުލުން ލޭ ހަންކޮށިވުމުގެ އިތުރަށް އަނިޔާއެއްވިކަމުގެ ނިޝާނެއް ނުފެނުނެވެ. އަލުން ހޮސްޕިޓަލަށް ގެންދާން އުޅުމުން ކައިދަން ދެކޮޅުހެދިއެވެ. މަގުމަތީގައި ތިބެ ބޮޑު އަރައިރުމެއް ހިނގާ ޒުވާބަކަށް ގޮސްފައި އެންމެފަހުން ހަޒަލް ފުލުހުން ގެނެސް ކައިދަން ދުރުކުރަން މަސައްކަތްކުރިއެވެ. އެހިސާބުން ހަތިޔާރު ބަހައްޓާފައި އަލުން އެކްސްރޭ ނަގަން ގެންދިޔައިރު ކައިދަން ބުނަމުން ދިޔައީ ބޭކާރުކަމެއްކަމުގައެވެ. އެވަރަށް ރަވާން ބުނުމުންވެސް ރޭޑިއޭޝަނަށް ދަރިފުޅު ހުށަހަޅަނީ މީހުން ކެންސަރު ޖެހޭލެއް މަދުވެގެން ތޯ އެހިއެވެ. އެކްސްރޭއަށް ވަދެފައި އެންމެފަހުން ކައިދަން މުށުތެރޭގައި އޮތް ބަޓްން ބެޓެރި ދައްކައިލިއެވެ.

"ސޮރީ.....ހޭޒް. މިހުރިހާއިރު ޑްރާމާއެއް ކުޅެން ޖެހުނީތީ. މިއޮތީ އެބެޓެރި..."ކައިދަން އަނގަޔަށްގޮތެއް ހަދައިލިއެވެ." ރާމިސް މި ގެނެސްދިނީ..."

ހަޒަލް އިސްޖެހުނެވެ. ލަދުންގޮސް މޫނު ރަތްވެ މުވައްޒަފުންގެ ކުރިމައްޗަށް ނިކުންނަން ލަދުގަންނަވަރަށް ކައިދަން އެތާތެރޭ މޮޔަ ވައްތަރު ޖައްސައި އެބުނާހެން ބޮޑު ޑްރާމާގަނޑެއް ކުޅެލައިފިއެވެ. ރަވާންގެ އިތުރުން ޚިޔާލީ އެހެން މީހެއްގެ ނަން މިއަދު ކިޔާލައިފިއެވެ. ސުބުހާނަﷲއެވެ. އޭނަ ހަދާނީ ކިހިނެއްހެއްޔެވެ؟އެކަމަކު ކައިދަންގެ ލޮލުގައި އެހެރަ މައުސޫމްކަމާއި ފުން ރީތިކަމަށް އެންމެ ނަޒަރެއް ހިންގައިލެވުނަސް ގެނބިގެންދާ ވަރުވާއިރު ދުރަށްދާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އޭނަ ކޮންމެވެސް އެކަކު ޚިޔާރުކުރަން އެބަޖެހެއެވެ. ކައިދަން ނޫނީ ސޫފީއެވެ.ކައިދަންގެ ފަރާތުން ސޫފީ ނުރައްކަލަށް ހުށަހަޅަން އޭނައަކަށް ނުކެރޭނެއެވެ. ސްކިޒޮފްރީނިއާ މީހަކަށްވިޔަސް ލޯބިވެވިދާނެއެވެ. ލޯތްބަކީ ކަނު އެއްޗެކެވެ. އެކަމަކު ކައިދަންގެ އަމަލުތައް ހުރިގޮތުން މިއަދު ސޫފީ އަބަދަށްޓަކާ ވަކިވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ޕޭވްމެންޓުމަތީގައި ހުރެފައި ސޫފީގެ އަތުން ދޫކޮށްލުމާއެކު ލިބުނު ދަނޑިވަޅުގައި އެކުޑަ ކުޑަ ކުއްޖާ ދުއްވައިގަތްގޮތަށް ވަނީ އެންމެ ކާރު ބާރު ބޮޑު މަގަށެވެ. ލޮރީދަށުވި ތަން ފެނުނީ އޭނަގެ ލޮލަށެވެ. ﷲއަށް ހާސްފަށުން ޝުކުރުހުއްޓެވެ. މިއަދު ދަރިފުޅު ސަލާމަތްވިކަމީ ނިއުމަތެކެވެ.

ހަޒަލް ސޫފީގެ ކަކުލުގައި ބޭސް އަޅުވާ ނިމިގެން ކުޑަކުދިންގެ ޑޮކްޓަރަށްވެސް ދެއްކީ ޔަގީންނުވެފައި ހުރެއެވެ. އޭރުވެސް ހަޒަލްގެ ޚިޔާލުގައި އެތައް ކަންތައްތަކެއް ހިގަމުން ދިޔައެވެ.

***

ބޯކޮށް ހެދިފައިވާ ކިނބި ގަސްތަކުގެ ސަބަބުން މަތިން ކޮންމެވެސް ވަރަކަށް ބައްދާލާފައިވާއިރު ހިނގަން ހަދާފައިއޮތް މަގުގެ ދެފަރާތަށް އޮރެންޖާއި ރީދޫކުލައިގެ ފަތްތައް އެޅި ޚަރީފު މޫސުމްފަދަ މަންޒަރެއް ފެންނަފަދައެވެ. މަގުގެ އަނެއް ފަޅި ތަންކޮޅެއް އުސްކޮށް އޮތުމާއެކު ދުރުން މޫދު ފެންނާންއޮތްއިރު ރާޅުތައް އެއްގަމަށް ބީއްސާ އަޑު ނާނާއެއް ފަދައިން އިވެއެވެ. ކައިދަންގެ ކޮނޑުމަތީގައި އޮތް ސޫފީގެ އެންމެ ބަސްއަހާ އެއް ވަގުތުކޮޅު ހިބަކޮށްދީގެން އޮތީ މަންމައާއި ބައްޕައަށެވެ. އެދެމަފިރިންނަށް ވާހަކަދެއްކުމުގެ ފުރުސަތު ދީގެން އޮތްފަދައެވެ.

"ކައިދަން. މިއަދު މިހިނގި ހާދިސާއަށްފަހު އަހަންނަށް ކައިދަންއާއެކު އުޅުން ފަސޭހައެއްނޫން. ސޫފީ ލޮރީދަށުވިނަމަ..."

"އެހެން ވިޔަކަ ނުދޭނަން. ބުނީމެއްނު ރަވާ........"

"އެހެންވިއްޔާ ސައިކޭޓްރިސްޓް ލައްވާ ބޭސް ގެނެސްދިނީމަ ކާނަންތަ؟"

"ހޭޒް. ގަބޫލުކޮށްބަލަ. އަހަރެންގެ ނަފްސާނީ މައްސަލައެއްނެތް. ބޭސް ކާންދިނީމަ އިތުރަށް މޮޔަވުން ނޫންކަމެއްނުވާނެ. ރޫހާނީ އެހެން މަޚުލޫގުންވާކަމަށް ގަބޫލެއްނުކުރަންތަ؟ ރަވާންއަކީ އަހަރެންގެ ބޭބެ...އެއްމާބަނޑު ބޭބެ.."

ހޭންވީކަމެއް ރޯންވީކަމެއްވެސް ހަޒަލްއަކަށް ނޭގުނެވެ.

"ވީއިރު ތިއީ ރޫހާނީ މަޚުލޫގެއް؟"

"ނޭގޭ.....އެކަމަކު..."

"ނަންސެންސް....ހަމަޖެހޭ ވާހަކައެއް ދައްކަބަލަ...މިއަދުވެސް ހޮސްޕިޓަލް މުވައްޒަފުންގެތެރޭ ކޮން ފާޑަކަށް އުޅުނީ. ހުރިހާ ލަދެއް ގަންނަން ޖެހުނީ މަށޭ. ކައިދަން ތިހެން އުޅެންޏާ އެކީ ނޫޅެވޭނެ. ތި ހުރިހާ ރޫހާނީ މީހުން ކައިރީ ބުނޭ އައި ތަނަކަށް ދާށޭ. އިންސާނުންގެ ތެރޭ އުޅޭކަށް ނުޖެހޭނެއޭ. ކައިދަންއަކީ އޭގެ މީހެއްވިއްޔާވެސް ދާންވީ ހަމަ...."

"ސޫފީއަކީ އޭގެ ކުއްޖަކަށް ވިއްޔާ؟" މިފަހަރު ކައިދަންގެ އަޑު އައީ ތަންކޮޅެއް ބަރުކޮށެވެ. އަދި ބިންމަތީގައި ފައިން ޖެހިގޮތަށް ބިންގަނޑަށް ކުޑަ ލޮޅުމެއް އަރާ ހަޒަލް ވިއްސައިގެން ގޮސް ލައްވެލީ ކިނބި ގަހަކަށެވެ.ހަޒަލްގެ ގަޔަށް ނުބައި ވައްތަރެއްގެ ހީލިގަނޑެއްވެސް އެރިއެވެ. ކައިދަންއަކީ އިންސާނެއް ނޫންކަން ޔަގީންވުމާއެކު ހަޒަލްއަށް ކިޔައިލެވުނީ ކުރުސިއެވެ. އޭރު ވިސްނެމުން ދިޔައީ މި ޖިންނީގެ ފަރާތުން ދަރިފުޅު ސަލާމަތްކުރުމަށެވެ. ނަމަވެސް ކައިދަންގެ ދަރިއަކަށްވިއްޔާ އެދަރިފުޅުވެސް "ނޯމަލް"އެއްނުވާނެއެވެ. އެހެން ކުދިންނާއި ސޫފީ ތަފާތުކަން މިއަދު ފެނުނު މަންޒަރުވެސް ސާބިތުކޮށްދީފިއެވެ. ސޫފީއަކީ އޭނަގެވެސް ދަރިއެކެވެ. އިންސާނަކަށް ނުވިޔަސް އޭނަ ދުނިޔެއިން އެންމެ ލޯބިވާ އޭނަގެ ލޮލުގެ ނޫރެވެ. އިފުރީތަކަށްވިޔަސް އެދަރިފުޅުދެކެ ވާ މަތިވެރި ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. ވީއިރު އޭނަގެ ހިތުގައި ކައިދަންއަށްޓަކާ އެފަދަ ލޯތްބެއް ނެތީހެއްޔެވެ؟ ކައިދަންއާއި ވަކިން އުޅެވިދާނެހެއްޔެވެ؟ އޭނައަށް ކައިދަން ގެއްލުމެއް ދީފާނެހެއްޔެވެ؟ އެތައް ސުވާލުތަކުން ގަބުވިގޮތަށް ގުޑިލާން ނުކެރިފައި ހުއްޓާ އެހެންލާފައި އައި ސައިކަލުގައި ތިބި މުވައްޒަފުން ފެނިގެން ހަޒަލް އިތުރަށް ލަދުގަތީ ކައިދަން ހަޅޭއްލަވައިގަތީމައެވެ.

"ހަޒަލް. މިބުނީނު އަހަރެން ހަޒަލްދެކެ ލޯތްބެއްނުވެއޭ، ކައިވެނުކުރީވެސް ލޯތްބަކުން ނޫން. އަމިއްލައަށް މަތިންބައިން ޖެހިގެން އުޅުނީ. އެކަމަކު އަހަރެން އުޅޭ ފާޑުން ލަދުގަނެޔޯ..................."

ހަޒަލް ލަދުން މަރުވާވަރުވިއެވެ.

ސައިކަލް މަޑުކުރުމެއްނެތި މަގުކޮޅުން ލަބާލިޔަސް ދުއްވާފައި ދިޔަލެއް މަޑުކަމުން އެ ޖުމްލަތައް ކިތަންމެ ރީއްޗަށް އިވޭނެއެވެ.

"އިތުރަށް ވަކިވުމުގެ ވާހަކަ ދައްކަންޏާ ސޫފީ އަބަދަށްޓަކާ ގެއްލޭނެ...." ކައިދަން އިންޒާރު ދިނެވެ. ހަޒަލް ޣުލާމެއްފަދައިން ފަހަތުން މަޑުމަޑުން އައިއިރު މުޅި ހަށިގަނޑު ފިނިވެ ބިރުގަނެފައިވީ ދުވަހަކުވެސް ނުވާފަދައިންނެވެ. އޭނަގެ ކުޑަ ކުޑަ އާއިލާއަކީ ޖިންނިންކަމަށް ގަބޫލުކުރަން ފަސޭހަނުވެ ހުވަފެނެއްގައި އުޅެވުނުފަދައެވެ. މި ހުވަފެނުން ހޭލެވޭއިރު ހުރިހަ ކަމެއް ރަގަޅުވާނެއެވެ.

***

ރޯޒަލީ ގަހަށް ފެންދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ޚަލީސީ އެހީވާންއައެވެ. ރޯޒަލީގެ މޫނު މަތި ބަނަވިއެވެ.

"މަންމާ ސޮރީ. ދޮގު ބުނެވުނީތީ..."

"ކޮން ދޮގެއް..."

"އައިމް ނޮޓް ޕްރެގްނެންޓް...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު