ބީއެމްއެލްގެ އެހީގައި ގެ އަޅައިދޭނެ ތިން އާއިލާއެއް ހޮވައިފި

ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް އެ ބޭންކުން އިއުލާންކުރި ހައުސިން ގްރާންޓްގެ ދަށުން ގެ އަޅައިދޭނެ ތިން އާއިލާއެއް ހޮވައިފިއެވެ.

އެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެން ގެ އިމާރާތްކޮށްދޭނެކަން ބީއެމްއެލްއިން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެ އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށެވެ. އެގޮތުން ބީއެމްއެލްއަށް ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިން ގްރާންޓް ލިބޭނެ އާއިލާތައް ވަނީ ހޮވާފައެވެ. އެއީ

1. ސުކޫން، ށ. ފުނަދޫ. ޕްރޮޕޯޒަލް ހުށަހެޅީ: ޔުނިޓީ ސްޕޯޓްސް އެކަޑަމީ
2. ޢިޝާ، ނ. ވެލިދޫ. ޕްރޮޕޯޒަލް ހުށަހެޅީ: ވެލިދޫ ފިއުޗާ ފައުންޑޭޝަން
3. ސަންހިޔާ، އދ. މާމިގިލި. ޕްރޮޕޯޒަލް ހުށަހެޅީ: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން

އެކަމާ ބެހޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ މަޝްރޫއުތަކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ބޮޑު އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިން ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން،" ނޫރައްދީން ވިދާޅުވިއެވެ.

އެ ހައުސިން ގްރާންޓް ތައާރަފް ކުރީ ބީއެމްއެލްއިން އަންނަ ނޮވެމްބަރު މަހު ފާހަގަކުރަން ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ރާވާފައިވާ، މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.

comment ކޮމެންޓް