ކައުންސިލްތައް މިހާރަށްވުރެ ފުދުންތެރި ބަޔަކަށް ހަދަން ޖެހޭ: ރައީސް

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިން ވަނަ ސެޝަން ފައްޓަވައި ދެއްވައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ވަނީ ވާހަކަދައްކަވާފައެވެ.

އެގޮތުން ވިއަވަތި ރާއްޖެ ކޮންފަރެންސްގައި އެކަމަށް އަލިއަޅުވާލެއްވުމުގެ ބޭނުމަކީ ކައުންސިލްތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކައުންސިލް މެދުވެރިވެގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ ކަންކަމާއި މެދު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އެކު އިތުރަށް މަޝްވަރާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިން ވަނަ ސެޝަންގެ މައުޟޫއަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް، ރިޔާސަތު ބެލެހެއްޓެވި އެ ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި މިނިސްޓަ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާޢީލާއި މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ޢަލީ ޝިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ޢަލީ ނިޔާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ، ފާޠިމަތު އަފްޝާން ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ސެޝަންްގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާ އެކީގައި، ސަރުކާރުން ޙާޞިލްކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމަށެވެ.

"ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުން. ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި. މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓާއި އަތޮޅުތަކުގެ ރަށްރަށާއި ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40ޕަސެންޓް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން އއ. އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސް އާއި މިފަހަރުގެ ކޮންފަރެންސްގައި ވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ މާލީ ގޮތުން ހުރި ދަތިތަކާއި ގުޅޭ ގޮތުން ކަމަށެވެ.

ހަމައެއާއެކު އެ ކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިއްމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސެޝަންގައި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، އަދި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނާއި މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ޕްރެޒެންޓޭޝަންތައް ހުށަހަޅުއްވާފައެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް ވެސް ވަނީ، ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.

އެ ޕްރެޒެންޓޭޝަންގައި ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ބޭނުންވާގޮތްތައް ވަނީ ހިމަނާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިން ވަނަ ކޮންފަރެންސް ލ. ގަމުގައި ކުރިޔަށް ދާއިރު، މިއަދު އެ ކޮންފަރެންސް ނިމޭނެއެވެ.

އެ ކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި މަޝްވަރާކުރެވޭނީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

comment ކޮމެންޓް