މިނީ ބަހަށް ހަފުތާއެއް: ޓެކްސީތަކުގެ އާމްދަނީއަށް އެނގުން ވެއްޖެ

ޓެކްސީއަކުން ފޮއްޓެއް ބާލަނީ: ބަހުގެ ހިދުމަތާއެކު ޓެކްސީގެ ޑިމާންޑް ވަނީ ދަށަށް ގޮސްފައި-- ސަން ފައިލް ފޮޓޯ

މާލޭގެ އެތެރޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއް ނެތުމުގެ ޒަމާނީ މައްސަލަ ހައްލުކޮށް، މިނީ ބަސްތަކުން ދަތުރުތައް ފެށިތާ މިއަދަށް ހަފުތާއެއްވީއިރު ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރާ މީހުން ބުނެފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާ މިނީ ބަހުގެ ދަތުރުތައް ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މިއަދަށް ހަފުތާއެއްވިއިރު އެތައް ހާސް ބަޔަކު ވަނީ އެ ހިދުމަތް ހޯދައިފައެވެ. ބަހުގެ ދަތުރުތައް ފުރަތަމަ ދެ ހަފުތާގައި ކުރަމުން އަންނަނީ ވެސް ހިލެއެވެ.

ޓެކްސީތަކުގެ ހައްގުގައި މަސައްކަތް ކުރާ ޑްރައިވަރެއް ކަމަށްވާ އަހްމަދު ޝަމާލް މިއަދު "ސަން" އަށް ބުނީ ޓެކްސީތަކުގެ އާމްދަނީ އެވަރެޖްކޮށް 35 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށް ވެފައިވާ ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުން -- ސަންފޮޓޯ/ ނާއިލް ހުސައިން

އޭނާ ބުނިގޮތުގައި ހިލޭ ބަހުގައި ދަތުރު ކުރެވޭތީ ވޭތުވެދިޔަ ހަފުތާގައި ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދިއުމަށް ބަސް ބޭނުން ކުރިއެވެ. އަދި މީގެ ކުރިން ޓެކްސީތަކަށް އެންމެ ގިނައިން މަގުމަތިން ދަތުރު ލިބެނީ މަޖީދީމަގުން ކަމަށްވާއިރު އެ މަގުގައި ގިނަ އަދަދެއްގެ ބަސް ސްޓޮޕް ހުންނާތީ މީހުން ޓެކްސީއަށް މަޑުނުކޮށް ބަހަށް އަރާ ކަމަށް އޭނާ ބުންޏެވެ.

"މަގުތައް އެހާ ބާރުބޮޑު. އެހެންވެ ދަތުރުކުރަން ވެސް އުނދަގޫ. މަގުތައް ތާށިވާތީ ގުޅައިގެން ޓެކްސީ ހޯދަން އެބަ ވަގުތު ނަގާ. އެހެންވެ ވެސް މީހުން ބަހަށް އެބަ އަރާ،" ޝަމާލް ބުންޏެވެ.

އެހެން ޑުރައިވަރަކު މި ނޫހާ ވާހަކަ ދައްކަމުން ނަން ނުޖަހަން ޝަރުތުކޮށް ބުނީ މީގެ ކުރިން ހެނދުނު 6:00 އިން އިރުއޮއްސި 7:00އާ ހަމައަށް 1500 ރުފިޔާގެ އާމްދަނީއެއް ހޯދޭ ކަމަށެވެ. ނަމަވެސް ބަހާއެކު އެ އަދަދު 1300 ރުފިޔާއަށް ދަށް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހެނދުނާއި ރޭގަނޑު މިހާރު މަދު ދަތުރު. ހަވީރު އޮވޭ ދަތުރުތައް. މިހާރު އެބަ މަދުވޭ ކުރިއާ ބަލާއިރު 200 ނޫނީ 300 ރުފިޔާ. އެވެސް އެއްޗެއްތާ،" ޓެކްސީ ކުރުމުގައި 10 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ އެޑްރައިވަރު ބުންޏެވެ.

ޓެކްސީ އެޕްލިކޭޝަންތަކުން ދަތުރު ހޯދައިގެން މަސައްކަތް ކުރަމުން ދިޔަ ޑްރައިވަރުންތަކެއް ވެސް ބުނީ މިދިޔަ ހަފުތާގައި އެނގުން ވާވަރަށް ދަތުރުތައް މަދުވި ކަމަށެވެ.

"ކުރިން ދުވާލު އެއްކޮށް އުޅެގެން ހާހެއްހާ ރުފިޔާ ލިބޭ. މިހާރު ޖުމުލަ 600 ވަރު މި ލިބެނީ،" ޑްރައިވަރަކު ބުންޏެވެ.

މިއީ ވަގުތީ ކަމެއް، އަގު ނަގަން ފެށީމަ ބަހުގެ ޑިމާންޑް ދަށް ވާނެ: ޑްރައިވަރުން

މިހާރު ހިލޭ ހިދުމަތް ދެމުން އަންނަ ބަސް ދަތުރުތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ފަށާނެއެވެ. ނަމަވެސް އޭރުން ވެސް 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖެހިފައެވެ.

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުން -- ސަންފޮޓޯ/ ނާއިލް ހުސައިން

ހަތަރު މީހުންނާއެކު ޓެކްސީތަކުން މާލޭގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާއަށް ކުރެވެއެވެ. އަގު ނަގާ ކެޓަގަރީގެ ހަތަރު މީހުން ބަހަށް އަރައިފި ނަމަ 28 ރުފިޔާ ނަގާނެއެވެ.

"އަސްލު މިހާރު ހިލޭ ވީމައި އެ އަރަނީ. ލާރި ނަގަން ފެށީމަ ހިޔެއް ނުވޭ އެހާ މީހުން އަރާނެ ހެނެއް. އޭރަށް ދަތުރުތައް އިތުރު ވާނެ ކަމަށް ބެލެވޭ،" މި ނޫހާ ވާހަކަ ދެއްކި ޑްރައިވަރަކު ބުންޏެވެ.

އޮފީހަށް ދިއުމަށާއި ސްކޫލްތަކަށް ދިއުމަށް މީގެ ކުރިން މީހުން ޓެކްސީ ބޭނުން ކުރިނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަސް ދަތުރުތައް ކުރަން ފަށައިފައެވެ.

މިނީ ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރުފަށާނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

އެ ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ބަހުގައި 20ގޮނޑި ހުންނައިރު އާންމު ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މިނީ ބަސްތަކުގައި ކޮންމެ ބަހެއްގައި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރު ކުރެވޭނެއެވެ.

comment ކޮމެންޓް