ޝާފިޔާ ކަނޑުގެ އަޑިން: ފެނުނީ އުއްމީދުކުރި ވަރުގެ މަންޒަރެއް

ދެހާސް ވަނަ އަހަރުން ފެށިގެން ފިޝަރީސް މިނިސްޓްރީގައި މަސައްކަތްކުރައްވައި، ރާއްޖެއިން ބޭރުގެ ކަނޑުތަކުގެ 150 މީޓަރު އަޑީގައި އުޅޭ ދިރުންތައް ވެސް ތަހުލީލު ކުރައްވާފައިވާ ޝާފިޔާ ނައީމަށް މީގެ ކުރިން ކަނޑުގެ ފުން ސަރަހައްދުތައް ހަމަ ލޮލުން ދެކިލުމުގެ ފުރުސަތު ލިބިފައިނުވެއެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ ރާއްޖޭގެ ކަނޑުގެ ދިރާސާއަކަށް މީގެ ކުރިން އެއްވެސް ބަޔަކު ފީނާފައި ނުވާ ހިސާބަކަށް ފީނައި، ތާރީޚުން ޖާގަ ހޯދައިފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ، ކަނޑުގެ ފުނަށް ދަތުރުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ އުޅަނދެއްގައި އިއްޔެ ފީނީ ރާއްޖޭގެ މޫސުން ދިރާސާކޮށް، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ކުރާ ބޮޑު ދިރާސާއެއްގެ ތެރެއިންނެވެ.

އެއީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.

އިއްޔެގެ ޑައިވްގައި ޝާފިޔާގެ އިތުރުން ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓެންޓެއް ކަމަށްވާ ފަރާހް އަމްޖަދާއި އުޅަނދުގެ ޕައިލެޓް ކިމްލީ ޑޯ ބައިވެރިވިއެވެ.

އެއީ ދިވެހިން އެފަދަ ޑައިވެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ދުނިޔެއިން ވެސް، ހުސް އަންހެނުން ހިމެނޭ ޓީމަކުން ކަނޑުގެ އެފަދަ ދިރާސާއެއް ކުރަން ފީނި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުތަކުގެ 30 މީޓަރަށް ވުރެ ފުން ސަރަހައްދުތަކާ ބެހޭ ގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތު ވަރަށް މަދު ކަމަށާއި އެހެންކަމުން މި ދިރާސާގައި 30 މީޓަރަށް ވުރެ ފުނަށް ދިޔުމަކީ ވެސް ތާރީޚީ ކަމެއްކަން ނެކްޓަންއިން ފާހަގަކުރެއެވެ.

ނެކްޓަން މިޝަންގައި ފުރަތަމަ ފީނި ތިން އަންހެނުން -- ފޮޓޯ/ ނެކްޓަން

އިއްޔެގެ ޑައިވަށް ފަހު ޝާފިޔާ "ސަން"އަށް ވިދާޅުވީ އެ ޑައިވްގައި ބައިވެރިވާން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި އެކަން ދެކެނީ އަމިއްލަ ކާމިޔާބީއަކަށް ވުރެ ބޮޑަށް، ރާއްޖެއާއި ރާއްޖޭގެ ކަނޑުތަކާ ބެހޭ އިލްމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެއްސަކަށްވެ [މިފަދަ ޑައިވެއްގައި] ފުރަތަމަ ބައިވެރިވި އެކަކަށް ވީމަ ވަރަށް ފަޚުރުވެރިވޭ. ހާއްސަކޮށް މެރިން ރިސާޗް ދާއިރާގަ އުޅޭ މީހަކަށް ވެފަ. އަޅުގަނޑުމެންނަށް މީގެ ކުރިން ރާއްޖެއިން ދުވަހަކު ވެސް ނުބެލޭ ހިސާބުތަކެއް ބަލަން ފެށުނީމަ އެއީ ދެން ބޮޑު މަސައްކަތެއްގެ ފެށުން،" ޝާފިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ފުން ސަރަހައްދުތައް ދިރާސާ ކުރުމާ ބެހޭ ގޮތުން ނެކްޓަންއާ މަޝްވަރާތައް ފެށީ 2019 ވަނަ އަހަރުކަން ފާހަގަކުރައްވައި ޝާފިޔާ ވިދާޅުވީ، ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަކީ ފަތުރުވެރިކަން ފަދަ ސިނާއަތްތަކަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް އެހާ ފުން އިރު އަސްލު އަޑީގަ އުޅެނީ ކޯއްޗެއް ކަމެއް ނޭނގެ. ކަނޑުގެ މައްޗާ އަޑިއާ އޮތީ ކޮން ގުޅުމެއްކަން ނޭނގޭ. މިހާރު ރިސޯޓެއް މެނޭޖު ކުރަން ބަލާއިރު މުހިންމު ކަމެއް ނޫންތޯ ކަނޑުގެ ތަފާތު ހިސާބުތަކުގަ ހުރީ ކޯއްޗެއްކަން އެނގި އޭގެ ގުޅުން ދެނެގަތުން،" ޝާފިޔާ ވިދާޅުވިއެވެ.

އިއްޔެގެ ޑައިވްގައި އެކަނިވެސް ޝާފިޔާ އާއި ފަރާހް ވަނީ ލ. އަތޮޅުން ބޭރުން، 250 މީޓަރު އަޑިއަށް ފީނާފައެވެ. އެ ފުންމިނުން ފެނުނީ މަޑު މުރަކައާއި ހިޔަމަ ފަދަ ބާވަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު، 150 މީޓަރާއި 60 މީޓަރުގެ ފުންމިނުގައި ސަބްމާސިބުލް ބާއްވައިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރިއެވެ. އެހާ ހިސާބުން ކަނޑުމަހުގެ އައިނާއި އެފަދަ ތަފާތު މަސްމަހާމެހި ފެނުނު ކަމަށް ޝާފިޔާ ވިދާޅުވިއެވެ.

އިއްޔެ ލ. އަތޮޅު ކައިރިން ފީނި ޓީމަށް ފެނުނު މަންޒަރެއް: އެ ޓީމުން ވަނީ ކަނޑުގެ 250 މީޓަރު އަޑި ބަލާފަ -- ފޮޓޯ/ ނެކްޓަން

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފެށި އެ ދިރާސާގައި 40 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި 16 ދިވެހިން ހިމެނޭ އިރު، ދިރާސާއަށް ކަނޑުއަޑިއަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން ހިމެނެއެވެ.

އެ ދިރާސާ ނިންމާލަން ރާވާފައި ވަނީ އަންނަ މަހުގެ ހަތެއްގައެވެ. އެ ތާރީޚުގެ ކުރިން ދިރާސާގެ ބައިވެރިން ލ. އަތޮޅުން ދެކުނަށް ދަތުރުކޮށް، ތަފާތު ސަރަހައްދުތަކުގައި ސާމްޕަލް ނެގުމާއި ފީނުމުގެ މަސައްކަތް ކުރާނެއެވެ.

އެ ދިރާސާގެ ބައިވެރިން އުންމީދު ކުރަނީ ރާއްޖޭގެ ކަނޑުގެ 1،000 މީޓަރު އަޑި ވެސް މިފަހަރު ބަލައިލެވޭނެ ކަމަށެވެ.

ޝާފިޔާ ވިދާޅުވީ އެ ދިރާސާގެ ތެރެއިން ކަނޑުއަޑީގައި ކުރާ މަސައްކަތްތައް ނިންމުމަށް ފަހު ދެން އޮންނާނީ ލިބުނު މައުލޫމާތު އެނެލައިޒް ކުރުން ކަމަށެވެ. އެ މަސައްކަތުގައި ވެސް ދިވެހި ސައިންސުވެރިން ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ދިރާސާއިން ސައިންސުވެރިން ހޯދާ ހުރިހާ މައުލޫމާތެއް ވެސް ރާއްޖެއާ ހިއްސާކުރާނެއެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށާއި ދިރުންތައް ހިމާޔަތް ކުރުމަށް އެ މައުލޫމާތު ބޭނުން ކުރެވޭނެއެވެ.

ޝާފިޔާ ވިދާޅުވީ އޭނާގެ އުއްމީދަކީ އެ ދިރާސާއިން ލިބޭ މައުލޫމާތުގެ އެހީގައި ރާއްޖޭގެ ކަނޑުގެ މާހައުލު ދެމެހެއްޓުމަށް ކުރެވޭނެ ކަންތައްތައް އޮޅުންފިލާނެ ކަމަށެވެ.

"އެގޮތަށް ބަލާއިރު މިކަން އަޅުގަނޑަށް ޕާސަނަލް ކަމަކަށް ވުރެ ބޮޑަށް، ދިވެހިރާއްޖެއަށް މުހިންމު މައުލޫމާތުތަކެއް ލިބި، މީގެ ތެރެއިން ދިވެހިންގެ ގާބިލުކަން ކުރި އަރުވަން ފުރުސަތު ލިބޭ ކަމަކަށް ވެގެންދޭ،" ޝާފިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް