މޯލްޑިވިއަންގެ އެއާބަސް ފޮނުވާލަން ނިންމީ ބާވެ ގިނަ ދުވަސް ވުމުން: ޖެނިފާ

މޯލްޑިވިއަންގެ އެއާބަސް -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަންގެ އެއާބަސް ފޮނުވާލަން ނިންމީ ބާވެ ގިނަދުވަސް ވުމުން ކަމަށް އައިލެންޑްއޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ އެއާބަސް ފޮނުވާލަން ނިންމީ ފައިސާ ނުދެއްކިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޖެނިފާ "ސަން"އަށް މިރޭ ވިދާޅުވީ އެ އެއާކްރާފްޓަކީ ކުއްޔަށް ނަގާފައިވާ ބޯޓެއްކަމަށެވެ. އަދި އަންނަ އަހަރުގެ މާޗު މަހަށް ބޯޓުގެ ލީސް އެގްރީމަންޓްގެ މުއްދަތު ހަމަވާތީ، އެ މުއްދަތު ހަމަވުމުން ބޯޓު ފޮނުވާލަން ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އެއާކްރާފްޓް ލީސް އަށް ނެގީ އަށް އަހަރާއި ދެ މަސްދުވަހަށް އަޅުގަނޑު ހަނދާންވާ ގޮތުގައި. އަންނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެ މުއްދަތު ހަމަވާނެ،" އޭނަ ވިދާޅުވިއެވެ.

ލީސް އެގްރީމަންޓްގެ މުއްދަތު އިތުރު ނުކޮށް ބޯޓު ފޮނުވާލަން ނިންމީ ބޯޓު ބާވެ ގިނަދުވަސް ވެފައިވާތީކަމަށް ޖެނިފާ ވިދާޅުވިއެވެ. ބާވެފައިވުމުން ބޯޓު މެއިންޓެއިންކުރަން ވެސް ބޮޑު ޚަރަދެއް ދާކަމަށް ޖެނިފާ ވިދާޅުވިއެވެ.

އެއީ ޖުމްލަ 200 މީހުންގެ ޖާގައިގެ އެއާބަސް-އޭ321 މަރުކާގެ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ގެނައީ 2015 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުއެވެ.

އެ ބޯޓުގައި ޗައިނާއަށް ދަތުރުކުރި އިރު ވެސް ސީދާ ދަތުރުތައް ޗައިނާއަށް ކުރުމުގެ ބަދަލުގައި ދަތުރުކުރެވެނީ ބެންކޮކްގައި މަޑުކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޗައިނާއަށް ސީދާ ދަތުރުތައް ކުރެވޭ ފެންވަރުގެ ބޯޓުތައް މިހާރު އެބަހުރިކަމަށާއި މޯލްޑިވިއަންއާ ވާދަކުރާ ކުންފުނިތަކުން ވެސް ބޭނުންކުރަނީ ފެންވަރު ރަނގަޅު ބޯޓުތައްކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ބާ އެއްޗަކަށް އަނެއްކާ ޚަރަދުނުކުރަންވެގެން އަޅުގަނޑުމެން ލީސް އާނުކޮށް އިތުރު އާ ބޯޓެއް ގެނައުމުގެ މަސައްކަތް މި ކުރަނީ،" ޖެނިފާ ވިދާޅުވިއެވެ.

ބޯޓު ގެނެވޭނެ ތާރީޚެއް ނޑައެޅިގެން ބުނަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން މި ގެންނަނީ ތިން އޭޓީއާރު ބޯޓު އެއަށްފަހު އަޅުގަނޑުމެން މި ބޯޓު ގެންނާނީ އިނގޭތޯ،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވިގޮތުގައި ބައިނަލްއަގުވާމީގޮތުން ވެސް ވާދަކުރަން ބޭނުން ނަމަ ޖެހޭނީ އާ ބޯޓަކަށް ޚަރަދުކުރާށެވެ. އަދި ސަރުކާރުން ވެސް ލަފާދެނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ސަރުކާރުން ވެސް ވަރަށް އެއްބާރުލުންދޭ. އެބޭފުޅުން ވެސް ލަފާދެއްވަނީ ހަމަ އާ ބޯޓެއް ގެނައުމަށް. އެހެންވީމަ އަޅުގަނޑުމެން މި ބޯޓު ރިޓާން ކުރަން މި ނިންމީ،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ކުރީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން "ސަން" އަށް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖެއަށް މެޑިކަލް ސާމާނު ވެސް ގެނެވުނީ އެއާބަސް އޮތުމުން ކަމަށެވެ. އެހެންކަމުން މީގެ އެހެން ބޯޓެއް ނުހޯދާ ބޯޓު ފޮނުވާލުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯޓު ހޯދަން ވެސް އަޅުގަނޑަށް އިނގޭ ވަރަށް ގިނަ ޚަރަދުތައް ދާނެކަން. ރާއްޖޭގެ ރަޖިސްޓްރީއަށް ބަދަލުކޮށް ރާއްޖޭގެ މެޝިނަރީއަށް ހަދާ ރެޖިސްޓްރޭޝަން ބަދަލުކުރުމަކީ ވަރަށް ބޮޑެތި ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން 400ބިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަންޏެއްގެ ތެރޭ އޮއްވާ ބޯޓު ދޫކޮށްލުން އެއީ ސަރުކާރުން ވެސް ކުރުވިޔަދީގެން ވާނެކަމެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނަކީ މީގެކުރިން ވަރަށް ބޮޑަށް ކުރިއަރަމުންދިޔަ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނި މިހާރު އޮތީ މާލީގޮތުން ބޮޑު އަނދަވަޅެއްގައެވެ. ކެޕްޓަން އަމީން ވިދާޅުވިގޮތުގައި އެ ކުންފުނި މި ހާލަތައް ވެއްޓެންފެށީ 2018ވަނަ އަހަރުން ފެށިގެންނެވެ.

މީގެކުރިން އައިލެންޑް އޭވިއޭޝަން މެނޭޖުކުރީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އާއިލީ ބޭފުޅުން ކުންފުނި ހިންގަން ހަވާލުކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް