އައްޑޫ އެކްސިޑެންޓް: އަނިޔާވި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

އައްޑޫސިޓީ ހިތަދޫގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އަައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމުން މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އޭނާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލަކުން ނުދެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ގެނެސް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގެ އަވަސް ފަރުވާ ވާދޭ ރޫމްގައި ކަމަށް އެ ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

https://sun.mv/168005

އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

އެ ވީޑިއޯތަކުން ފެންނަގޮތުގައި މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ފިރިހެނެއްގެ ގަޔަށް ލޮރީ އަރައެވެ. އަދި އޭނާ ވެއްޓޭ މަންޒަރާއި އޭނާގެ ގައިމަތިން ލޮރީ ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ހިތަދޫން އެ ދުވަހު "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އޭނާގެ މޫނަށާއި ބޮލުގެ އިތުރުން ގަޔަށް އެކި ވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށެވެ. އެގޮތުން އޭނާގެ ފުއްޕާމެއަށް ވެސް އަނިޔާވެފައިވާކަމަށް އޭނާ ކިޔައިދިނެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

comment ކޮމެންޓް