ފްރެންޗު ލީގް: ޕީއެސްޖީ މޮޅުވެ ތާވަލްގެ އެއްވަނައަށް

ބްރެސްޓާ ދެކޮޅަށް މިރޭ ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްރެންޗް ލީގް ވަންގައި މިރޭ ބްރެސްޓް ބަލިކޮށް ތާވަލްގެ އެއްވަނައަށް ޕީއެސްޖީ ޖެހިލައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބްރެސްޓްގެ މައްޗަށް އެޓީމް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 30 ވަނަ މިނެޓް ތެރޭގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާއެވެ.

މެޗުގައި ބްރެސްޓަށް ޕެނަލްޓީއެއް ލިބުނުނަމަވެސް ޕީއެސްޖީގެ ކީޕަރު ޑޮއްނަރުއްމާ ވަނީ ބްރެސްޓްގެ އިސްމާއީލް ސްލައިމާނީ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

މެޗުގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޕީއެސްޖީއެވެ. ޕީއެސްޖީގެ ނޭމާ އަދި މެސީ ވަނީ މެޗުގައި ގިނަ ހަމަލާތަކެއް ބްރެސްޓްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނައިގައި ޕީއެސްޖީ އުޅެނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 17 ޕޮއިންޓާއެކު ލެންސް އޮތްއިރު، މިރޭގެ މެޗުން ބަލިވި ބްރެސްޓް އުޅެނީ ހަތް މެޗު ކުޅެގެން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

comment ކޮމެންޓް