ސާފްގޭމްސް މުބާރާތުން ރާއްޖެ ކެޓިއިރު، ރާއްޖެކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

ރާއްޖޭގެ ޤައުމީ އަންހެންޓީމް ފޮޓޯ/ އެފްއޭއެމް

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ގްރޫޕް އޭގައި މިއަދު ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗް، އިންޑިއާ ކާމިޔާބުކުރީ، 0-9 ގެ ނަތީޖާއިންނެވެ. މުޅި މެޗުގައި ވެސް ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އިންޑިއާއެވެ. މި މެޗުގައި އަންޖޫ ތަމަންގް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

މެޗުގައި އިންޑިއާއަށް ގޯލް ހުޅުވާލަދިނީ 23 ވަނަ މިނެޓް ތެރޭގައި އަންޖޫ ތަމަންގުއެވެ. ޕެނަލްޓީ އޭރިއާ ކަނުން އަންޖޫ ތަމަންގު ފޮނުވާލި ބޯޅަ ގޯލަށްވަނީ އައިމިނަތު ލީޒާގެ އަތުގައި ޖެހިފައެވެ.

އިންޑިއާއިން ޖެހި ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ 42 ވަނަ މިނެޓް ތެރޭގައި ޕްރިޔަންކާ ނައޮރެމެވެ. އިންޑިއާގެ ތިންވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑުޖެހި އަންޖޫ ތަމަންގުއެވެ.

މެޗްގައި ދެން އިންޑިއާއިްނ ޖެހި ހުރިހާ ލަނޑެއްވެސް ފެނިފައިވަނީ ފަހު ހާފުގައެވެ. މި ހާފުގައި އިންޑިއާއިން ވަނީ ރާއްޖެކޮޅަށް ހަ ލަނޑު ޖަހާފައެވެ. މި ހާފުގައި އިންޑިއާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ޑަގްމޭ ގްރޭސް، ސޮމްޔޯ ގުގުލޯތެވެ.

މުބާރާތުގައި ރާއްޖެއަށް އަދި އެއް މެޗު އޮތްނަމަވެސް މެޗުން ރާއްޖެ ބަލިވުމާއެކު މުބާރާތުން ވަނީ ކަޓައިފައެވެ. މުބާރާތުގައި ދެން ރާއްޖެ ނިކުންނާނީ އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް