ރައީސް ޔާމީނަށް ނަމަ ބޭންކް ރޭޓުގައި ޑޮލަރު ވިއްކިދާނެ ކަމަށް ޔޫސުފް ނައީމް ވިދާޅުވި: މުހައްމަދު އިސްމާއީލް

ރައީސް ޔާމީނަށް ނަމަ ބޭންކް ރޭޓުގައި އެއް މިލިއަން ޑޮލަރު ވިއްކިދާނެ ކަމަށް ކުރީގެ މެންބަރު ޔޫސުފް ނައީމް ވިދާޅުވި ----

ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވިއިރު އެމަނިކުފާނަށް ނަމަ ބޭންކް ރޭޓްގައި އެއް މިލިއަން ޑޮލަރު ވިއްކިދާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ފުލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމް ދެންނެވިކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިފިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންއާ ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދިިފާއުން ރައީސް ޔާމީންގެ ފަރާތުން ވަނީ މުހައްމަދު އިސްމާއީލް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ދިފާއުން ހެއްކެއްގެ ގޮތުގައި މުހައްމަދު އިސްމާއީލް ހުށަހެޅުއްވީ, ޔޫސުފް ނައީމް އަތުން ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ބައްލަވައިގަތްކަން ސާބިތު ކޮށްދިނުމަށެވެ.

https://sun.mv/167976

ބޭންކް ރޭޓުން އެއް މިލިއަން ޑޮލަރު ހޯއްދެވުމުގެ މަސައްކަތް އޭނާއާ ހަވާލު ކުރި ކަމަށް މުހައްމަދު އިސްމާއީލް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

"ރައީސް ޔާމީން އެއްދުވަހު އަޅަގަނޑަށް ގުޅުއްވާފައި ވިދާޅުވި ބޭންކް ރޭޓުން އެއް މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަ ދީބަލާށެ," 2015 ވަނަ އަހަރުގެ ފަހު ކޮޅު ހިނގައިދިޔަ ކަމެއްގެ ވާހަކަ ފާހަގަކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ބޭންކް ރޭޓުގައި އެއް މިލިއަން ޑޮލަރު ހޯއްދެވުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުން ވަގުތުން މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ, އެ ވަގުތު ވެސް ފަސް ވަރަކަށް ވިޔަފާރިވެރިންނަށް ގުޅުއްވި ކަމަށެވެ. އޭގެ ތެރޭގައި ޔޫސުފް ނައީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

އޭގެ ދެ ދުވަސްވަރު ފަހުން ޔޫސުފް ނައީމް އަމިއްލައަށް ގުޅުއްވައި އެކަން ހަމަޖެހޭނެ ވާހަކަ ދެންނެވިކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

"ޔޫސުފް ނައީމް ވިދާޅުވީ ތިމަންނަ އަތުގައި އަބަހުއްޓޭ އެއް މިލިއަން ޑޮލަރު 15.42ގެ ރޭޓުން ރައީސް ޔާމީނަށް ވެއްޖެއްޔާ ތިމަންނަ ވިއްކަފާނަމޭ," މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ވަގުތުން ރައީސް ޔާމީނަށް ގުޅުއްވައި 'ޑީލް' ހަމަޖެހިފައިވާކަން ދެންނެވި ކަމަށް މުހައްމަދު އިސްމާއީލް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނަށް ނަމަ ބޭންކް ރޭޓުގައި އެއް މިލިއަން ޑޮލަރު ވިއްކިދާނެ ކަމަށް ޔޫސުފް ނައީމް ދެންނެވި ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ދެ ބޭފުޅުންގެ ދެމެދުގައި ވިޔަފާރީގެ އެ މުއާމަލާތް ހިނގިކަން ކަށަވަރުވަނީ ޔޫސުފް ނައީމް ގުޅުއްވައި އެކަން ނިމިއްޖެ ވާހަކަ ދެންނެވުމުން ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ކޮފީއަކުން ދިމާވެގެން ވެސް ރައީސް ޔާމީންއާ ޑޮލަރުގެ މުއާމަލާތް ކުރެއްވި ވާހަކަ 'ސަކަ' މިޒާޖެއްގައި ދައްކާލިކަން މުހައްމަދު އިސްމާއީލް ފާހަގަކުރެއްވިއެވެ.

އެއް މިލިއަން ޑޮލަރު ގަންނަން ބޭނުން ވެގެން އެ މަސައްކަތް ރައީސް ޔާމީން މުހައްމަދު އިސްމާއީލްއާ ހަވާލުކުރެއްވިކަން ސާބިތު ކޮށްދިނުމަށް ދިފާއުން ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

މުހައްމަދު އިސްމާއީލްއާ އެކު އިންނަވަނިކޮށް ރައީސް ޔާމީން ގުޅުއްވައި އެއް މިލިއަން ޑޮލަރު ހޯއްދަވައިދެއްވުމަށް އޭނާ ކައިރީގައި އެދުނުކަން އެނގޭ ކަމަށް ހެކިބަސް ދެއްވަމުން ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް