އަލަށް އިފްތިތާހު ކުރި، ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނިޝިއޭޓިވްގެ ޗެއާ އަކަށް ރާއްޖެ

ސާފީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްއެމްއޭ

މާލީ ބައިވެރިވުން އިތުރު ކުރުމަށް ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ އިއްތިހާދު، އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން ދެކުނު އޭޝިޔާ ސަރަހައްދަށް ޚާއްސަކޮށް، އިފްތިތާހުކުރި ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނިޝިއޭޓިވް(ސާފީ)ގެ ޗެއާއަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

އުރުދުންގައި މިހާރު ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމްގައި އިފްތިތާހުކުރި މި އިނީޝިއޭޓިވްގެ މަގުސަދަކީ މި ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން، ސަރަހައްދީ އެއްބާރުލުން އިތުރުކޮށް މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ.

ސާފީ އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ސާފީގެ ފުރަތަމަ ދައުރުގެ ޗެއާގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ސަރަހައްދުގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.

ސާފީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެމްއޭ

މީގެ އިތުރުން، މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް މާލީ ބައިވެރިވުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަށް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކެކެވެ. ދުނީޔޭގެ އެކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަފީއިން ވަނީ މިފަދަ ގިނަ ރީޖަނަލް އިނީޝިއޭޓިވްތަކެއް އިފްތިތާހު ކޮށްފައެވެ.

comment ކޮމެންޓް