އިނގިރޭސި އައު ރަސްގެފާނު ކިންގް ޗާލްސް 3 ވަނަ ގެ ހަޔާތްޕުޅުގެ މައްޗަށް އަވަސް ކަޅިއެއް

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ކިންގް ޗާލްސް 3

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ކިންގް ޗާލްސް 3 ވަނަ ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި އިއްޔެވަނީ ފުރަތަމަ ޚިތާބު ދެއްވާފައެވެ.

މިޚިތާބުގައި ޗާލްސްވަނީ އޭނާގެ މުޅި ހަޔާތްވަނީ އިނގިރޭސި ދައުލަތަށް ޚިދުމަތްކޮށް ދިނުމަށާއި އިނގިރޭސިވިލާތުގެ ގާނޫނުތަކާއި އުސޫލުތައް ހިމާޔަތް ކުރުމާއި އިނގިރޭސި ރަސްކަމުގެ އަގުތައް ހިފެހެއްޓުމަށް ހޭދަކުރާނެކަމަށް ވިދާޅުވެފައެވެ.

ޗާލްސް އޭނާގެ މަންމަފުޅު ރާނީ އެލިޒަބަތު ގެ އުރުގައި

ބަކިންހަމް ޕެލަސް ގައި ހުންނަވައިގެން ރައްޔިތުންނަށް ދެއްވި ޚިތާބުގައި ޗާލްސް ވިދާޅުވީ 70 އަހަރުގެ ދިގުމުއްދަތަށް ރަނިކަން ކުރެއްވި އޭނާގެ މަންމާފުޅު ރާނީ އެލިޒަބަތަކީ ގައުމީ ވާޖިބުތައް އަދާކުރުމުގައި ދެވަނައެއް ނެތް ބޭފުޅެއްކަމަށާ އޭނާ ރަސްކަމުގެ ވާޖިބުތައް އަދާކުރައްވާނީ މަންމާފުޅުގެ އިލްހާމެއްގެ ގޮތުގައާއި މިސާލެއްގެ ގޮތުގައި ބައްލަވައިގެން ކަމުގައެވެ.

ތިރީގައި އަވަސް ގޮތަކަށް މިބަލާލަނީ ކިންގް ޗާލްސް 3 ގެ ހަޔާތްޕުޅުގެ މައްޗަށެވެ.

ޗާލްސްގެ ފުރިހަމަ ނަންފުޅަކީ ޗާލްސް ފިލިޕް އާތަރ ޖޯޖް އެވެ. ޗާލްސް އުފަންވެ ވަޑައިގަތީ 1948 ވަނައަހަރުގެ ނޮވެންބަރު މަހުގެ 14ވަނަ ދުވަހު އިނގިރޭސި ޝާހީ ގަނޑުވަރުކަމަށްވާ ބަކިންހަމް ޕެލަސްގައެވެ. އޭރު ޗާލްސްގެ މަންމާފުޅު އެލިޒަބަތުގެ އުމުރުފުޅަކީ 21 އަހަރެވެ. އިނގިރޭސި ރަސްކަމުގައި އޭރު ހުންނެވީ ޗާލްސްގެ ކާފާފުޅު ޖޯޖް ހަ ވަނައެވެ. އޭރު އެލިޒަބަތު ހުންނެވީ ވަލީއުލްއަހްދުގެ މަގާމުގައެވެ.

އެލިޒަބަތު ވަލީއުލްއަހްދުގެ މަގާމުގައި ހުންނަވަނިކޮށް 1952 ވަނަ އަހަރު އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވަނަ ކުއްލިގޮތަކަށް އަވަހަރަވީއެވެ. މިއާއެކު އޮޓަމެޓިކުން އެލިޒަބަތު ރަސްކަމަށް (ރަނިކަމަށް) އެއަހަރު އިސްކުރެވުނެވެ. ނަމަވެސް ރަސްމީގޮތުން އެލިޒަބަތު ރަނިކަމަށް އިސްކޮށް ތަޚުތުގައި ވެޑުވީ 1953 ވަނަ އަހަރުގައެވެ.

ޗާލްސް ތުއްޕުޅުއިރު އާއިލާއާއެކު

އެލިޒަބަތުގެ މާމާފުޅަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރަނިކަމަނާ ކްއީން ވިކްޓޯރިއާއެވެ. އިނގިރޭސިވިލާތަށް ޑިމޮކްރަސީ ތައާރަފު ކުރެވުނީ ވިކްޓޯރިޔާގެ ރަނިކަމުގައި 1832 ވަނަ އަހަރުއެވެ.

ވިކްޓޯރިއާ އަވަހާރަވުމަށްފަހު ރަސްކަން ލިބިވަޑައިގަތީ އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން އެޑްވަރޑް ތިން ވަނަ އަށެވެ. އެޑްވަރޑް ތިން ވަނައަކީ އެލިޒަބަތުގެ ބޮޑުބޭބޭފުޅެވެ. ބައްޕާފުޅު ޖޯޖް ހަ ވަނައަށް ރަސްކަން ލިބިވަޑައިގަތީ އޭނާގެ ބޭބޭފުޅު އެޑްވަރޑް ތިން ވަނަ ރަސްކަން އަމިއްލަ ފުޅަށް ދޫކޮށްލެވުމުންނެވެ.

ޗާލްސް ތައުލީމު ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ އާންމުންގެ ދަރިވަރުންނާއެކު އާންމު މަދްރަސާތަކާއި ކޮލެޖުތަކުގައެވެ. ޝާހީ މެންބަރުންނަށް ޚާއްސަ ސްކޫލްތަކާއި ކޮލެޖްތަކުގައެއް ނޫނެވެ. ޗާލްސް އިބްތިދާއީ ތައުލީމު ކުރެއްވީ ލަންޑަންގެ ހުޅަނގުގައި ހުންނަ ހިލް ހައުސް ސްކޫލްގައާއި ބާކްޝިއާގައި ހުންނަ ކީމް ސްކޫލްގައެވެ. ސާނަވީ ތައުލީމު ހާސިލް ކުރެއްވީ ސްކޮޓްލެންޑުގައި ހުންނަ އާންމު ބޯޑިން ސްކޫލެއްގައެވެ.

ޗާލްސް މަތީ ތައުލީމު ހާސިލް ކުރެއްވީ ކޭމްބްރިޖްގެ ކޮލެޖެއްގައެވެ. ޚާއްސަވެ ވަޑައިގެންނެވީ އާކިއޮލޮޖީއާއި އެންތްރޮޕޮލޮޖީގެ ދާއިރާގައެވެ. މިދާއިރާއިން ޗާލްސް ޑިގްރީ ހާސިލް ކުރެއްވިއެވެ. އެދުވަސްވަރު އިނގިރޭސި ޝާހީ އާއިލާގެ ގިނަ ބޭފުޅުންނަކީ މަތީ ތައުލީމު ހާސިލް ކުރައްވާބައެއް ނޫނެވެ. ތައުލީމީ ފެންވަރު ދަށް ބައެކެވެ. އެހެންކަމުން ޗާލްސްވެވަޑައިގެންނެވީ އިނގިރޭސި ޝާހީ އާއިލާގައި ޑިގްރީ ފެންވަރަށް މަތީ ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ޝަޚްސިއްޔަތަށެވެ.

ޗާލްސް އިނގިރޭސި އަސްކަރިއްޔާގައި ތަމްރީން ހެއްދެވި ދުވަސްވަރު

ޗާލްސް އިނގިރޭސިވިލާތުގެ ވަލީއުލްއަހްދު ކަމަށް ހަމަޖައްސާފައިވަނީ 1969 ވަނަ އަހަރު ޗާލްސްގެ އުމުރުފުޅުން 21 އަހަރުގައެވެ. އޭރު ޗާލްސް ގެންދެވީ ޔުނިވަސިޓީ ތައުލީމު ހާސިލް ކުރައްވަމުންނެވެ. 1971 ވަނަ އަހަރު މަތީ ތައުލީމުން ދަސްވެނިވުމަށްފަހު ޗާލްސް އިނގިރޭސި ސިފައިންގެ ލަޝްކަރުތަކާ ގުޅިވަޑައިގެން އަސްކަރީ ތަމްރީން ހޯއްދެވިއެވެ. މިގޮތުން އިނގިރޭސި އެއްގަމު ސިފައިންގެ ތެރޭގައާއި ސިފައިންގެ ތެރޭގައި 1976 ވަނަ އަހަރާ ހަމައަށް ޗާލްސް ޚިދުމަތް ކުރައްވައި އަސްކަރީ ތަމްރީނާއި އަސްކަރީ ޑިސިޕްލިން ހޯއްދެވިއެވެ.

ޗާލްސް އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިވަޑައިގަތީ މިހާރުގެ އަނބިކަނބަލުން ކެމީލިއާ ޕާކާ ބޮވްލެސްއާ އެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ކައިވެންޏަކާ ހަމައަށް އެދުވަސްވަރު ދެވޭނެގޮތެއް ނުވިއެވެ. އެހެންކަމުން ޗާލްސްގެ ބަދަލުގައި ކެމީލިއާ އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ އެންޑްރޫ ޕާކާ ނަމަކަށް ކިޔާ ބޭފުޅަކާއެވެ. ޗާލްސް ވެސް ކެމީލިއާ އާ ކައިވެނި ކުރެވޭގޮތް ނުވުމުން ދެން ލޯބީގެ ގޮތުގައި ގުޅިވަޑައިގަތީ ޑަޔާނާ ސްޕެންސާ އާއެވެ.

ޗާލްސް، ޑަޔާނާ އާ ކައިވެނި ބައްލަވައިގަތީ 1981 ވަނަ އަހަރުއެވެ. ވަރަށް ކުލަ ގަދަކޮށް ބޭއްވި ކައިވެނީގެ ޗާލްސްއާއި ޑަޔާނާގެ ކައިވެނީގެ ރަސްމިއްޔާތާއި ކައިވެނީގެ ހަފްލާ ލައިވްކޮށް ޓީވީގެ ޒަރީއާއިން މުޅި ދުނިޔެއަށް ދެއްކިއެވެ. އެރަސްމިއްޔާތު ލައިވްކޮށް 750 މިލިޔަނަށް ވުރެ ގިނަ މީހުން ބެލިކަމަށް އެދުވަސްވަރުގެ ޚަބަރުތަކުން ހާމަވެފައިވެއެވެ.

ޗާލްސްއާއި ޑަޔާނާގެ ކައިވެންޏަށް ފިރހެން ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ވިލިޔަމްއާއި ހެރީއެވެ. ޑަޔާނާއަށް ވުރެ ޗާލްސް ލޯބިފުޅުވަނީ ކެމީލިއާ އާ ކަމަށްވާތީ ގިނަ އަހަރުތަކެއްނުވެ އެކައިވެނީގައި ރެނދުލާން ފެށިއެވެ. އެންމެފަހުން ދެބޭފުޅުންގެ މެދުގައި ޖެހެމުން ދިޔަ މައްސަލަތައް ގިނަވެ ހައްލުނުވެ ޗާލްސް ޑަޔާނައަށް ޚިޔާނާތްތެރިވިކަން ބޭޒާރު ވެގެންދިޔުމާއެކު 1996 ވަނަ އަހަރު ޗާލްސް، ޑަޔާނާ ވަރިކުރެއްވުމުން އެދެބޭފުޅުންގެ ކައިވެނި ރޫޅިގެންދިޔައެވެ.

އޭގެފަހުން ޑަޔާނަ ލޯބީގެގޮތުން ގުޅިވަޑައިގެންނެވީ އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ މިސްރުގެ މަހުޖަނެއްކަމަށްވާ މުހައްމަދުލް ފާއިދުގެ ދަރިކަލުން ދޯދީ އަލްފާއިދު އާއެވެ. ދޯދީ އަލްފާއިދު އާއެކު ލޯބީގެ ގުޅުންތައް ބާއްވަމުން ގެންދަވަނިކޮށް އެދެބޭފުޅުން އެކުގައި ދަތުރުކުރެއްވި ކާރު ޕެރިހުގައި އެކްސިޑެންޓްވެ 1997 ވަނަ އަހަރު ޑަޔާނާ އާއި ދޯދީ އަވަހާރަވިއެވެ.

ޑަޔާނާ އަވަހަރަވުމުގެ އެކްސިޑެންޓަކީ އިނގިރޭސި ރާނީ އަޑީގައި ހުންނަވައިގެން އިނގިރޭސި ޖާސޫސީ އިދާރާއިން ޑަޔާނާ އަވަހަރަކޮށްލުމަށް ހިންގި ޖަރީމާއެއްކަމުގެ އަޑުތައް އެދުވަސްވަރު ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. މިކަމުގެ ސަބަބުން ރާނީއަށް އުނދަގޫފުޅުވެވަޑައިގެން އެކަން ދޮގުކުރައްވައި އިނގިރޭސި ރައްޔިތުންނާ މުޚާބަތު ކުރައްވައި ޚާއްސަ ޚިތާބެއް ދެންވަން ރާނީ އެލިޒަބަތަށް މަޖްބޫރުވެވަޑައިގެންނެވިއެވެ.

ޗާލްސް ޑަޔާނާއެކު 1982 ވަނަ އަހަރު

އޭރުވެސް ޗާލްސް ގެންދެވީ ކެމީލިއާ އާ އެކު ލޯބީގެ ގުޅުންތައް ބާއްވަމުންނެވެ. އޭރު ކެމީލިއާ ހުންނެވީ ޗާލްސްއާ ހެދި އެންޑްރޫ ޕާކާގެ ކިބައިން ވަރިވެވަޑައިގެންނެވެ. ޗާލްސް އާއި ކެމީލިއާގެ ގުޅުމަށް ރާނީ އެލިޒަބަތު ދެކޮޅު ހައްދަވާކަމަށްވެއެވެ. ދެކޮޅު ހެއްދެވިނަމަވެސް 2005 ވަނަ އަހަރު ޗާލްސް ކެމީލިއާ އާ ކައިވެނި ކުރެއްވިއެވެ. މިއާއެކުވެސް ކެމީލިއާއާއި ރާނީ އާ ދެމެދު ނުތަނަވަސްކަން އޮންނަ ކަމަށްވެއެވެ.

ކެމީލިއާއާމެދު ރާނީ ހިތްހަމަނުޖެހޭ ސަބަބުތަކުގެ ތެރޭގައި ކެމީލިއާއަކީ އެހެން މީހަކާ ކައިވެނިކުރައްވައިގެން ކައިވެނި ރޫޅި ވަރިވެފައިވާ ބޭފުޅަކަށްވުން ހިމެނެއެވެ. އެހެންކަމުން ޗާލްސްއަށް ރަސްކަން ލިބިއްޖެ ހާލަތެއްގައި ކެމީލިއާ އަށް ރާނީއެއްގެ ލަގަބު ދިނުމަށްވެސް މިދިޔަ އަހަރާ ހަމައަށް އެލިޒަބު ދެކޮޅު ހެއްދެވިއެވެ. މިމައްސަލަ ހައްލުވީ މިދިޔަ އަހަރު ރާނީ އެލިޒަބަތު މިކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރާނީ އެލިޒަބަތު ވަރަށް ބޮޑަށް މުސްކުޅިފުޅު ވީއިރުވެސް ރަނިކަމުން ފާބައިވަޑައިނުގަތީވެސް ޗާލްސްއަށް ރަސްކަން ލިބި ކެމީލިއާ ރާނީ އަކަށް ވުމުގެ ފުރުސަތު ނުދެއްވުމުގެ ގޮތުންނެވެ.

ޗާލްސްގެ ޝަޚްސިއްޔަތަށް ބަލާއިރު އޭނާއަކީ ބަސްމަދު އަދި ފޮތް ކިޔުމަށާއި ޕްރައިވެސީއަށް ވަރަށްބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. އިސްލާމް ދީނާބެހޭ ފޮތްތައްވެސް ވަރަށް ގިނައިން ކިޔުއްވާކަމަށްވެއެވެ. ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ ވެސް އެއްކޮށް ކިޔުއްވި ކަމަށްވެއެވެ.

އިނގިރޭސި ޝާހީ އާއިލާގެ އެހެން ބޭފުޅުންނާ ޚިލާފަށް ޗާލްސްވަނީ އިސްލާމް ދީނުގައި ވަރަށް ގިނަ ރަނގަނޅުކަންތައްތަކެއް ހުރިކަމަށް ފާޅުގައި ވިދާޅުވެ އެކަންކަން ދިރިއުޅުމުގައި ޕްރެކްޓިސް ކުރަންޖެހޭކަމަށް ބަޔާން ކުރައްވައި އިސްލާމް ދީނަށް ފާޅުގައި ތައުރީފް ކުރައްވާފައެވެ. މިއީ އިނގިރޭސި އެއްވެސް ރާނީއަކު އަދިި ރަސްކަލަކު ކުރެއްވި ކަމެއްނޫނެވެ.

ޗާލްސްއަކީ އިޖްތިމާއީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އަދި އެކަމަށް ޝައުގުވެރިކަންވެސް ހުންނަ ބޭފުޅެކެވެ. ޗާލްސް އެންމެ ގިނައިން ވަގުތު ހޭދަކުރައްވާ ކަމަށްވަނީ ދަނޑުވެރިކަމުގައެވެ. ތަފާތު ގަސްތައް ހެއްދުމަށް ކަމަށްވެއެވެ. ގަސްގަހާގެއްސާއި އަމިއްލައަށް ވާހަކަ ދައްކަވައި އެތަކެއްޗާ ސަލާމް ކުރައްވާކަމަށްވެސް ވެއެވެ. ޗާލްސް މިކަން ކުރައްވާތީ އޭނާއަކީ މޮޔަގޮތެއް ހުންނަ ބޭފުޅެއްކަމަށް ބުނެ މީޑިއާއިން ފާޑުވެސް ކިޔާފައިވެއެވެ.

ގަސް ހެއްދުމުގެ އިތުރުން ޗާލްސްއަކީ ތިމާވެށްޓައް ލޯބިކުރައްވައި ތިމާވެއްޓާބެހޭ ދިރާސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ޗާލްސްއަކީ އެއްވެސް ވަރަކަށް މީޑިޔާއާ ރަހުމަތްތެރި ބޭފުޅެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާގިނައިން މީޑީއާއަށް ނަންއަރާ ގޮތަށް އުޅުމަކީ ނުވަތަ މީޑިއާއަށް ބަޔާންތައް ދިނުމަކީ ދެއްކުންތެރިކަމުގެ ސިފައެވެ. އަދި އެއީ ޗަރުކޭސް ކަމަށްވެސް ތަންކޮޅެއް ކުރިން ޗާލްސްވަނީ ސިފަކުރައްވާފައެވެ.

ޗާލްސްއަކީ އޭނާގެ މަންމާފުޅާ ޚިލާފަށް ޚަރަދު ކުރެއްވުމުގައި ބަލައިގެން އުޅުއްވާ ބޭފުޅެއްކަމަށްވެއެވެ. އަދި އާންމުންގެ ދިރިއުޅުމާމެދު ކޮންމެވެސް ވަރަކަށް ވިސްނަވައި އާންމުންގެ އިހްސާސްތައް އަޑު އައްސަވާ ބޭފުޅެއްކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުން 1970 ގެ އަހަރުތަކުގައި އިނގިރޭސި ވިލާތަށް ކުރިމަތިވި އިގްތިސާދީ ދަތިތަކުގައި އާންމުން ހާލުގައި އުޅޭތަން ފެނުމުން ޗާލްސް ވަނީ އޭނާގެ އަމިއްލަ ފައިސާއިން އެތައް ލައްކަ ޕައުންޑެއް އިނގިރޭސިވިލާތުގެ ފަގީރު އާއިލާތަކަށް ހަދިޔާ ކުރައްވާފައެވެ. ޗާލްސް ވިދާޅުވެފައިވާގޮތުގައި އެއީ އޭނާއަށް ކުރެއްވުނު ވަރަށް ރަނގަނޅު ކަމެކެވެ.

ކިންގް ޗާލްސް ތިން ރަސްކަމުގެ ފުރަތަމަ ޚިތާބު އިއްޔެ ދެއްވަނީ

ޗާލްސްއަކީ މިއަދު އިނގިރޭސިވިލާތުގެ ރަސްގެފާނެވެ. އޭނާގެ ރަސްކަމުގެ ނަމަކީ ކިންގް ޗާލްސް 3 އެވެ. ރަސްކަން ލިބިވަޑައިގަތް އިރު ވަނީ މުސްކުޅިފުޅު ވެފައެވެ. އުމުރުފުޅަކީ 73 އަހަރެވެ. ރަސްކަން ލިބިވަޑައިގަތީ 70 ވަރަކަށް އަހަރުގެ ދިގު އިންތިޒާރަކަށްފަހުގައެވެ.

ނަމަވެސް ޗާލްސް ވިދާޅުވެފައިވާ ގޮތުގައި ރަސްކަން ލިބިވަޑައިގަންނަވާނެ ދުވަހަކާމެދު އޭނާ އެއްވެސް ވަރަކަށް ނުވިސްނަވައެވެ. އެއީ މަންމާފުޅު އަވަހަރަވުމަށްފަހު އަންނާނެ ދުވަހެއްކަން ޗާލްސްއަށް ރަނގަނޅަށް އެނގިވަޑައިގަންނަވާތީއެވެ. ރަސްކަން ލިބިވަޑައިގަންނަވާ ދުވަހަކީ އުފާވެރި ދުވަހަކަށް ނުވާނެކަމަށް ޗާލްސް ވިދާޅުވެފައިވަނީ އެހެންވެއެވެ.

ވަލީއުލްއަހްދު ކަމުގައި ޗާލްސް ހުންނެވި ދުވަސްވަރު އޭނާ އަދާކުރައްވަން ޖެހޭ ޝާހީ ޒިންމާތަކުގެ އިތުރުން ޗާލްސް އެންމެ ގިނަ ވަގުތު ހޭދަކުރައްވާ ކަމަށްވަނީ އޭނާގެ ގަނޑުވަރުގެ ބަގީޗާގައި ގަސް އިންދައި ގަސްތަކަށް ފެންދީ ގަސްތައް ބެލެހެއްޓުމުގައެވެ. ޗާލްސްގެ މިހާރުގެ ގަނޑުވަރަކީ ބަކިންހަމް ޕެލަސް އެވެ.

comment ކޮމެންޓް