ފުލުހުންނަށް ހަމަލާދިނީ ގުރޫޕަކުން، މައްސަލަ ސީރިއަސް ކޮށް ބަލާނަން: ސީޕީ

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުންތަކަށް ހަމަލާދިން މައްސަލައިގައި ސީޕީ ކުރެއްވި ޓްވީޓެއްގައި ވަނީ ޑްރަގްގެ މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ، ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އެންމެ އެދެވޭގޮތުގައި ފުރިހަމަ ކުރުމަށް ފުލުހުންނަށް އިތުރު ހިތްވަރާއި ރައްކާތެރިކަން ބޭނުންވާކަމަށް ސީޕީގެ ޓްވީޓުގައިވެއެވެ.

"މި މައްސަލައިގައި ޝާމިލްވާ ދެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ. ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ މައްސަލައެއް،" އެ ޓްވީޓުގައިވެއެވެ.

ސީޕީގެ ޓްވީޓުން އެނގޭގޮތުގައި ފުލުހުންނަށް ހަމަލާދިނީ މާލޭގައި މަޝްހޫރު ގޭންގަކުންނެވެ. އަދި މިއީ ހަމަލާ ލިބުނު ތިން ފުލުހުންގެ އޮފް ޑިއުޓީ ގަޑީގައި ހިނގި ހާދިސާއެކެވެ.

މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުންތަކަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރު 11:50ހާއިރެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭގައި ފަރުވާދެމުން ދާކަމަށެވެ. މި ހާދިސާގައި ތިން ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރު 11:50ހާއިރެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ސައިކަލެއްގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގައި އެމްބިއުލާންސްއަކަށް އަރުވައެވެ.

comment ކޮމެންޓް