ދިވެހީންނާއި އިނގިރޭސި ރާނީ: މިއަހަރަކީ ހާއްސަ ވެސް އަހަރެއް

އިނގިރޭސި ރާނީ ރާއްޖޭގައި--

މިއަހަރު ދިވެހީންނަށް ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އިނގިރޭސި ރާނީއާ ގުޅުން ހުރި މުހިންމު ތާރީހެއް މިއަހަރު އައުން ހިމެނެއެވެ. އެއީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް 50 އަހަރު ފުރުމެވެ. އެ ދަތުރުފުޅަކީ ދިވެހީން އެކަމާ އުފާ ކުރާ އަދި ފަހުރުވެރިވާ ކަމެކެވެ.

ހަތް ދިހަ އަހަރު ވަންދެން އިނގިރޭސިވިލާތުގެ ރަނިކަން ކުރެއްވި ރާނީ މިރޭ އަވަހާރަވުމާއެކު އެއީ ދިވެހީންނަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ. އެކަމަނާއަކީ ގިނަ ދިވެހީންގެ އިހުތިރާމު ހޯއްދަވާފައިވާ ބޭކަނބަލެކެވެ.

ރާނީ އާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ޕިލިޕް ރާއްޖެ ވަޑައިގަތީ 1972 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އޭޝިއާގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ރާއްޖެ ވަޑައިގެން މާލެ އާއި އައްޑޫގައި ވަގުތު ހޭދަ ކުރެއްވިއެވެ. މާލޭގައި ހުންނަ މަޖިލީހުގެ އިދާރާގެ އިތުރުން އަމީނިއްޔާ ސްކޫލަށް ވަޑައިގެންނެވިއެވެ. އެކަމަނާއަކީ ރާއްޖޭގައި ޓޫރިޒަމް ފެށިފަހުން މިގައުމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ރާނީއެވެ. ރާއްޖޭގެ ޓޫރިޒަމަށް ވެސް 50 އަހަރު ފުރުނީ މިއަހަރެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާނީ އެފަހަރު ރާއްޖެ ވަޑައިގަތުމުން ދިވެހި ދައުލަތުން ވަނީ ރާނީއަށް ނިޝާން ޣާޒީގެ އިއްޒަތުގެ ލަގަބް އަރުވާފައެވެ. އަދި ރާނީގެ ފިރިކަލުންނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު އެރުވިއެވެ.

އެ ދަތުރުފުޅުވީ މާލެ އާއި އައްޑޫއަށް އައި އީދަކަށެވެ. ރާނީ ދެކިލަން ގިނަ ބަޔަކު އެއްވިއެވެ. އެ މީހުންނާ ރާނީ ބައްދަލުވެސް ކުރެއްވިއެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ ވެސް ގިނަ އަހަރުތަކެއް ވަންދެން އޮތެވެ. ނަމަވެސް ރާއްޖެ އޮތީ އިނގިރޭސި ކޮލޯނީސްގެ ދަށުގައި ކަމަށް ނުވާތީ ރާނީއަކީ އެއްވެސް އިރަކު މި ގައުމުގެ އެންމެ އިސްވެރިޔާއެއް ނޫނެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު 1954 ވަނަ އަހަރު ރާނީ ވަނީ އަވައްޓެރި ސްރީލަންކާއަށް ވެސް ވަޑައިގެންފައެވެ. އެފަހަރު ދިވެހީންގެ ފަރާތުން މަރުހަބާ ދެންނެވުމަށް ރަސްގެފާން މުހައްމަދު ފަރީދުގެ އެންގެވުމަށް ލަންކާއަށް ވަޑައިގެންނެވީ އޭރުގެ ބޮޑުވަޒީރު އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. ދިވެހި ދައުލަތުގެ ވަފުދަކާއެކު އިބްރާހީމް ފާމުދޭރި ކިލެގެފާނު ލަންކާއަށް ވަޑައިގެން ރާނީއާ ބައްދަލު ކުރެއްވިއެވެ.

ރާނީއަކީ ކޮން ބޭފުޅެއް؟

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނައަކީ ޔުނައިޓެޑް ކިންޑަމް އާއި ކޮމަންވެލްތުގެ އެންމެ މަތީ ވެރިޔާއެވެ.

ރަސްގެފާނު ޖޯޖް ހަ ވަނަ އާއި މަންމަ ރާނީ އެލިޒަބަތުގެ ރެހެންދި ދަރިކަނބަލުން ކަމުގައިވާ އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުގެ އެޕްރީލު މަހުގެ 21 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރަސްމީކޮށް އެކަމަނާގެ އުފަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ދެވަނަ އާދީއްތަ ދުވަހުއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ލަންޑަނުގައެވެ. ރާނީ އެލިޒަބަތުގެ ފުރިހަމަ ނަންފުޅަކީ އެލިޒަބަތު އެލެގްޒެންޑްރާ މޭރީއެވެ. އާއިލީ ގޮތުން ގާތް ބޭފުޅުން އެކަމަނާއަށް ދެއްވައިފައި އޮންނަ ނަންފުޅަކީ ލިލިބަތުއެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ ވިންޑްސާ ދަރިކޮޅަށެވެ.

https://sun.mv/19738

ދިވެހިން އެކަމަނާއަށް 'އިނގިރޭސި ރާނީ'އޭ ކިޔަސް އިނގިރޭސި ބަހުން ކުއީން ނުވަތަ ކިންގް އޮފް އިންގްލޭންޑޭ އެންމެ ފަހުން ކިޔައިފައިވަނީ ކުއީން އޭން (1702-1707) އޮފް އިންގްލޭންޑަށެވެ. އޭގެ ފަހުން ވަޑައިގެންނެވި ބޭފުޅުންނަށް ކިޔަނީ ކިންގް ނުވަތަ ކުއީން އޮފް ގްރޭޓް ބްރިޓެއިންއެވެ. މިހާރު ކިޔަނީ ކިންގް ނުވަތަ ކުއީން އޮފް ޔުނައިޓެޑް ކިންގްޑަމްއެވެ.

ރާނީއަށް ވެރިކަން ލިބިވަޑައިގަތީ ބޮޑުބޭބޭފުޅު އެޑްވާޑް (އަށް ވަނަ)އިގެ ފަހުން ބައްޕާފުޅު ޖޯޖް (ހަ ވަނަ) ވެރިކަން ކުރެއްވުމަށް ފަހުއެވެ. ބައްޕާފުޅު ހަ ވަނަ ޖޯޖް ރަސްގެފާނު އަވަހާރަވުމުންނެވެ. އެކަމަނާއަށް ރަނިކަން ލިބިވަޑައިގަތް އިރު އުމުރުފުޅުން 25 އަހަރުފުޅެވެ. ކުއީން އެލިޒަބަތުގެ ކޮރޮނޭޝަންގެ ރަސްމިއްޔާތު އޮތީ ޖޫން 2، 1953 ގައެވެ. އެ ރަސްމިއްޔާތު ޓީވީން ދެއްކިއެވެ. އެއީ އިނގިރޭސިވިލާތުގެ ރަސްކަލެއް ނުވަތަ ރަނިކަނބަލެއްގެ ކޮރޮނޭޝަން ޓީވީން ދެއްކި ފުރަތަމަ ފަހަރު ވެސްމެއެވެ.

އެލިޒަބަތު (2 ވަނަ) އިނގިރޭސި ތަހުތުގައި އިށީނދެ ވަޑައިގަތީ ފެބުރުވަރީ 6، 1952 ގައެވެ. އެއާއެކު އެކަމަނާ ވެވަޑައިގަތީ ކޮމަންވެލްތުގެ ވެރިޔާގެ އިތުރުން، ކޮމަންވެލްތުގައި ހިމެނޭ މިނިވަން ބައެއް ގައުމުތަކުގެ ވެސް ރާނީ ކަމުގައެވެ.

ރާނީ އަވަހާރަވުމާއެކު މުޅި ދުނިޔެއަށް ލިބިގެންދިޔަ ހިތާމައިގައި ދިވެހީން ވެސް ބައިވެރިވެއެވެ. އެކަމަނާ އެ އަވަހާރަވީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް 50 އަހަރު ފުރުނު އަހަރެވެ.

comment ކޮމެންޓް