ސިވިލް ކޯޓުގެ ހުކުމަކާއެކު، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލަށް ދެ ޕްރިންސިޕަލުން

ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްކަން އަލުން ދިން މުޙައްމަދު ފަޔާޒަށް އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް މަރުހަބާ ކިޔަނީ --- ފޮޓޯ/ ސޯޝަލް މީޑިއާ

ސިވިލް ކޯޓުން ވަޒީފާ އަނބުރާ ދިނުމަށް ކުރި ހުކުމަކާއެކު، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، މުޙައްމަދު ފަޔާޒު އެ ސްކޫލުގެ ވަޒީފާއަށް އަލުން ނުކުންނަވަން ފަށައިފިއެވެ.

އެއާއެކު، އެ ސްކޫލުގައި މިހާރު ޕްރިންސިޕަލްގެ މަގާމުގައި ދެ ބޭފުޅަކު އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

ފަޔާޒަކީ 2019 ވަނަ އަހަރު ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކި ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީގެ މަގާމަކަށް ބަދަލުކުރި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ވަނީ އއ. ފެރިދޫ ސްކޫލުގެ ޕްރިންސިޕަލްކަމަށް ވެސް ބަދަލުކޮށްފައެވެ.

އޭނާ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭ އެ ޓްރައިބިއުނަލުން ވަނީ ފަޔާޒަށް އެ މަގާމު އަލުން އަނބުރާ ދިނުމަށް އަމުރުކޮށްފައެވެ. އޭގެ ފަހުން އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު "ސަން" އަށް ވިދާޅުވީ އެ މަގާމަށް ދެވަނަ ބޭފުޅަކު އައްޔަނުކުރަން ޖެހުނީ ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުކުރުމަށްޓަކައި ކަމަށެވެ.

"ޓްރައިބިއުނަލުން ވަޒީފާ އަނބުރާ ދިނުމަށް އެންގި އިރުވެސް އެބޭފުޅާ ސްކޫލެއްގެ ޕްރިންސިޕްލެއްގެ މަގާމުގައި ހުރީމަ އަޅުގަނޑުމެން ނިންމީ އެ އަމުރު ތަންފީޒުވީކަމަށް. އެކަމަކު މިހާރު ސިވިލްކޯޓުން ނިންމަވާފަ އެއޮތީ ހާފިޒް އަހްމަދު ސްކޫލުން ވަޒީފާ ދިނީމައޭ ތަންފީޒުވީ ކަމަށް ވާނީ," ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުގައި ދެ ޕްރިންސިޕަލުން ތިބި މައްސަލަ ހައްލުކުރުމަށް، ސިވިލް ސާވިސްގެ އުސޫލުތަކުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް