ޝަރީއަތުގައި ވަކީލުން "ސަކަރާތް" ޖެހުން: ޕީޖީން ބުނީ އެންމެ މަތީ ހަމަތައް ހިފަހައްޓާކަމަށް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ހީ ސަކަރާތް ޖެހިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ހޭ މަންޒަރު ފެނުނެވެ. އެއް ވަކީލަކު އަނެއް ވަކީލެއްގެ ގައިގައި ކޮއްޓާ ހީހެދުމުން ގާޒީ ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައި އެގޮތަށް އަމަލު ނުކުރުމަށް އަންގާފައެވެ.

"އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮއްޓާ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫންމީ. އެފަދަ ކަންތައް ކުރައްވާ ކަމުގައި ވާ ނަމަ ޝަރީއަތުން ޖެހޭނެ އެ ވަކީލަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު، އެ ވަކީލަކަށް ޝަރީއަތުން އެ ވަގުތަކަަށް ކުރަން ޖެހޭ ގޮތަަކަށް ޝަރީއަތުން އަމަލު ކުރަން ޖެހޭނެ. އެހެންވީމަ އެގޮތަށް ކަންތައް ނުކުރައްވާ،" ގާޒީ ވިދާޅުވިއެވެ.

https://sun.mv/167972

އިއްޔެގެ ޝަރީއަތުގައި ޕީޖީގެ ވަކީލުން ހޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ވަކީލުންގެ ޕްރޮފެޝަނަލް ކަމާމެދު ސުވާލު އުފެދޭ ކަމަށް ފާޑު ކިޔާ މީހުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަދި ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީގެ ވަކީލުން ކޯޓުގެ ގަވާއިދުތަކަށާއި އިޖުރާއަތްތަކަށް ހުރުމަތްތެރިކޮށް ހިތާ ކަމަށެވެ.

"ކޯޓުތަކާއި ދިފާއީ ވަކީލުންނަށް އިޙްތިރާމް ކުރުމުގެ އެންމެ މަތީ ހަމަތައް ގެންގުޅުމަކީ ޕީޖީ އޮފީހުން އަބަދުވެސް އަމަލުކުރަމުން އަންނަ ގޮތް،" ޝަފީއު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލުން ހީ ހަދާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި އެބަހުއްޓެވެ.

comment ކޮމެންޓް