އަލަމްގީރު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށް، ބަންދު އިތުރުކޮށްފި

ކްރިމިނަލް ކޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އުމުރުން 45 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖެހިއިރު އުމުރުން 47 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން 49 އަހަރުގެ މީހާގެ ބަންދަށް ވެސް 14 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ވަނީ ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވެފައެވެ.

އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގި ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ.

https://sun.mv/167752

އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެ މައްސަލައާ ގުޅުން ހުރި ތިން މީހުންނެވެ.

އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.

comment ކޮމެންޓް