ވިމެންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް 3-0 ރާއްޖެ

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/ ގޯލް ނޭޕާލް

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ބަންގްލަދޭޝް އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމުގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ، 0-3 ގެ ނަތީޖާއަކުންނެވެ. ބަންގުލަދޭޝްއިން މޮޅަށް ކުޅުނު މި މެޗުގައި އެޓީމުން ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 32 ވަނަ މިނެޓް ތެރޭގައި ބަންގްލަދޭޝް ޓީމުގެ ކެޕްޓަން ސަބީނާ ޚަތުމްއެވެ. މެޗުގައި ފެނިގެންދިޔަ ބަންގްލަދޭޝް ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއްފަހުން ޑިފެންޑަރު މަސޫރާ ޕާވިންއެވެ. ބަންގުލަދޭޝްގެ ތިންވަނަ ލަނޑު ޖަހައިދިނީ، 39 ވަނަ މިނެޓް ތެރޭގައި ފުރަތަމަ ލަނޑު ޖެހި ސަބީނާއެވެ.

މެޗުގައި ބަންގްލަދޭޝްގެ ޓީމުންވަނީ ވަރުގަދައަށްކުޅެ ދިވެހި ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗްގައި ދިވެހި ޓީމުގެ ކުޅުންތެރިން ފެނުނީ ވަރަށް ވަރުބަލިކޮށެވެ.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ، މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އިންޑިއާ އާ ދެކޮޅަށެވެ. މިމެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މުބާރާތުގައި ސާކްގެ ހަތް ގައުމުން ވާދަކުރާއިރު، ރާއްޖެ އޮތީ އެންމެ ވަރުގަދަ ގްރޫޕްގައެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ޓީމުތަކަކީ އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝްއެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ، ނޭޕާލް، ސްރީލަންކާ އަދި ބޫޓާނެވެ.

comment ކޮމެންޓް