މިއަށްވުރެ ބާރަށް ތަރައްގީގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރެއް އަޅުގަނޑު ނުދެކެން: އަސްލަމް

އުނގޫފާރު އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހައުސިންގް ނެޝެނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ފެނަކަ

މިހާރަށްވުރެ ބާރަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ދުވަސްވަރެއް ދެކެފައިނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރު އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ބާރަށް ކުރިއަށްގެންދަނީ ސިޔަސީ ވާދަވެރިކަން އޮންނާތީކަމަށެވެ.

"ވާދައަށް ކަންކަން ކުރުމަކީ ވަރަށް ރަނގަޅުކަމެއް. ވާދަވެރިކަން އޮންނަން ޖެހޭނެ. އެކަކަށް ވުރެ ރަނގަޅަށް އަނެކަކު ކަންތައްތައް ކުރަން އުޅެންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

އުނގޫފާރު އިންޖީނުގޭގެ ހިންގުން ފެނަކައާ ހަވާލުކުރުމަށް ރައްޔިތުން ޖެހިލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ އެރަށު ރައްޔިތުން ނިންމި ވަރަށް ރަނގަޅު ނިންމުމެއްކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އުނގޫފާރު އިންޖީނުގޭގެ ހިންގުން ފެނަކައާ ހަވާލުކުރުމުގެ ސަބަބުން ހަކަތަ އުފެއްދުމަށް ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެނަކައިން ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިތް އެދޭ އެންމެ ހަލުވި މިނުގައި މަސައްކަތްތައް ކުރިއަށްނުދާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ގާބިލުކަން ހުރި މިންވަރުން ރައްޔިތުންނަށް ހުރިހާކަމެއް ވެސް ކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް