17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމް ސްކޮޑް ފޮޓޯ/ އިމްރާން މުހައްމަދު ފޭސްބުކް ޕޭޖް

ސްރީލަންކާގެ ކޮލަމްބޯގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދާފައިވަނީ، 0-5ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ މެޗު ފެށުމާ ހަމައިން މެޗުގެ ކޮންޓްރޯލް ހޯދައި މުޅި މެޗުގައި ވެސް މޮޅަށް ކުޅެފައެވެ.

މެޗުގައި ބަންގްލަދޭޝްއަށް ގޯލް ހުޅުވާލަދިނީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި ނަޒްމުލް ފައިސަލެވެ. މި ލަނޑަށްފަހު ރާއްޖޭގެ ކުޅުންތެރިން ވެސް ވަނީ ދޭތެރެއަކުން ކުރިއަށްޖެހިލައި ބަންގްލަދޭޝްގެ ޑިފެންޑަރުންނަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް ބަންގްލަދޭޝްގެ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގައި ބަންގްލަދޭޝްގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ، 36 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުރުޝިދު އަލީއެވެ. ފުރަތަމަ ހާފް ނިމުނީ 0-2ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މެޗުގައި ދެން ބަންގްލަދޭޝްއިން ޖެހި ތިން ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މިރުޖުލް އިސްލާމެވެ. މެޗްގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ވެސް ބަންގްލަދޭޝްގެ ޓީމުންނެވެ.

މި މުބާރާތުގައި ބަންގްލަދޭޝް ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މުބާރާތް ބާއްވާ ގައުމު ސްރީލަންކާއާ ދެކޮޅަށް ކުޅުނު މި މެޗް ބަންގްލަދޭޝް ކާމިޔާބުކުރީ 1-5ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ބަންގްލަދޭޝް އުޅެނީ އެއްވަނައިގައެވެ. ރާއްޖެ އާއި ސްރީލަންކާއަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، ސެމީފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫއްޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމަށެވެ.

މި މުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ، އަންނަ ހުކުރު ދުވަހު ސްރީލަންކާއާ ދެކޮޅަށެވެ.

comment ކޮމެންޓް