މޫނު ބުރުގާ އަޅައިގެން އުޅޭ ކަނބަލުންނަށް ފުރައްސާރަކުރާ މީހުން ދުލެއް ނުކުރެވޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުالله ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިސްލާމީ މުޖުތަމައެއްގައި ނިގާބުވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަ ކޮށް ގަޔަށް އަތްލާ މީހުން ދުލެއް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މާލޭގެ މަޖީދީ މަގުން ރޭ ހިނގާފައިދިޔަ އަންހެނަކާ ދިމާލަށް "ނިންޖާ" އޭ ބުނެ، މީހަކު ފޮށިފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މި ފޮށުން އަމާޒުވި އަންހެން މީހާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ މަޖީދީ މަގުން ރޭ ހިނގާފައި ގެއަށްދަނިކޮށް މީހަކު އައިސް އޭނާއާ ދިމާލަށް "ނިންޖާ"އޭ ގޮވައި ހަޅޭއްލެވީ ކަމަށެވެ. އަދި އަޅައިގެން ހުރި ބުރުގާއަށް ވެސް ދަމައިގަތް ކަމަށް އެ އަންހެންމީހާ ބުނެފައިވެއެވެ.

އަޅާފައި ހުންނަ ހެދުމާ ގުޅުވައިގެން ގަޔަށް އަތްލައި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަގުމަތިން ހިނގާ އަންހެނުންނަށް ފުރައްސާރަކޮށް ބައެއް ފަހަރު ގަޔަށް އަތްލުމާއި ދަބަސް ފޭރިގަތުން ފަދަ ކަންކަން އަންނަނީ މުޖުތަމައު ތެރޭގައި އާންމުވަމުންނެވެ.

އަންހެނުންނަށް ފުރައްސާރަކޮށް ގޯނާ ކުރާ މީހުންގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރަން އައިސްގެން އުޅޭ ބިދޭސީން ވެސް ވަރަށް ގިނައިން ހިމެނެއެވެ. މި ބާވަތުގެ މައްސަލަތަގުގައި ބިދޭސީން ހައްޔަރު ވެސް ކުރެއެވެ. އަދި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެގޮތަށް ހައްޔަރުކުރާ މީހުން ދޫކޮށްލާފައި ވެސް އެބަހުއްޓެވެ.

މި ކަމާ ގުޅިގެން ހޯމް މިނިސްޓަރު އެއްޗެއް ވިދާޅުވި ނަމަވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ. އެހެންކަމުން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް