ވާހަކަ މަދުކޮށް، ކުރާ މަސައްކަތް ދައްކާނީ ދަނޑުމަތިން: ބަޔާންގެ ކޯޗު ނާގަލްސްމަން

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން --- ފޮޓޯ / ބަޔާން

ބަޔާން މިއުނިކުން ވާހަކަ މަދުކޮށް، އެ ޓީމުން ކުރާ މަސައްކަތް ދައްކާނީ ދަނޑުމަތިން ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަމިލާނާ ދެކޮޅަށް މިރޭ އެ ޓީމު ނިކުތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ އެ ޓީމު ލައްވާލީ ވަރުގަދަ ގުރޫޕެއްގައި ކަމަށާއި، އެހެންކަމުން އެ ޓީމުން ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ދައްކާނީ ދަނޑުމަތީގައި ކަމަށެވެ.

މީގެ ދެ ސީޒަން ކުރިން 2019/2020ގެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ނިމިދިޔަ ސީޒަންގައި ކުއާޓާއިން ކަޓާފައިވާ ބަޔާންއާއެކު އެ ގްރޫޕްގައި ދެން ހިމެނެނީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއާއި، އިޓަލީގެ އިންޓަމިލާންގެ އިތުރުން ޗެކްރިޕަބްލިކްގެ ވިކްޓޯރިއާއެވެ.

އޭނާ ބުނީ އެ ގްރޫޕްގެ ހުރިހާ ޓީމެއް ވެސް ވާދަކުރަނީ ގަދަ 16އަށް ދިއުމަށްކަމަށް ވުމުން ކޮންމެ މެޗަކުން މޮޅުވާން އެ ޓީމަށް މަޖުބޫރު ކަމަށެވެ.

"އަހަރުމުންގެ ގްރޫޕް ވަރަށް ވަރުގަދަ. އެހެންކަމުން އަހަރުމެން އަމާޒު ހިފަންވީ ވަރަށް ވަރުގަދަ ފެށުމެއް ހޯދަން،" ނާގަލްސްމަން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ބަޔާނަކީ ތާރީހެއް އޮތް ބޮޑު ކުލަބެއް ކަމަށެވެ. އެހެންކަމުން އެ ޓީމު ވާންޖެހޭނީ ޗެމްޕިއަަންސް ލީގުގެ ފޭވަރިޓުންނަށް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާނުން މިރޭ އިންޓައާ ދެކޮޅަށް ކުޅޭ މެޗު ވާނީ އުނދަގޫ މެޗަކަށްކަން އޭނާއަށް އެނގޭކަމަށް ނާގަލްސްމަން ބުންޏެވެ.

""އިންޓައަކީ ވަރަށް ތަޖުރިބާކާރު ޓީމެއް، މޮޔަކޮށްލަން ފަސޭހަ ޓީމެއް ނޫން. ހާއްސަކޮށް ފުރަތަމަ 11އަށް ބަލާލީމަ އެކަން އެބަ އެނގޭ،" ނާގަލްސްމަން ބުންޏެވެ.

މިރޭ އިންޓަ މިލާނާއި ބަޔާން ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން 12:00 ގައެވެ. އެ މެޗު މީޑީއާ ނެޓުގެ ސޮނީ ޓެން ވަން އަދި ޓެން ވަން އެޗްޑީއިން ބަލާލެވޭނެއެވެ.

comment ކޮމެންޓް