މައްސަލައަކީ ބަހުރުވައެއް ނޫން، އުސޫލާ ހިލާފުވުން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން-- ފޮޓޯ: އެންއީއޯސީ

މައްސަލައަކީ އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުން ނޫން ކަމަށާއި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ އުސޫލާ ޚިލާފުވުން ކަމަށް ސަރުކާރުން ބުނެފިއެވެ.

މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން މުދިމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ.

އެ މައްސަލައިގައި ސަސްޕެންޑް ކުރީ މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު، ކިޔާ މުދިމެކެވެ.

https://sun.mv/167947

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މުދިމު ސަސްޕެންޑު ކުރީ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން ނޫން ކަމަށެވެ.

ނަމަވެސް ޚުތުބާ ކިޔުމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އުސޫލު ތެރޭގަ އޮންނާނެ އިސްލާމިކް މިނިސްޓްރީން ދޭ ހުކުރު ޚުތުބާކަން ހުރިހާ ރަށެއްގަވެސް ކިޔަން ޖެހޭނީ. އެއަށް ބަދަލު ގެނެސްގެން ނުވާނެ ކަން. އެކަމު އައްޑޫގައި އެގޮތަށް ކަންތަށް ކުރުމުން ބަހުގެ ދަރަޖައަށް ވެސް ތަފާތު ކަމެއް އައިސް އެތާގެ މީހުން އެބަ ބުނޭ ކީރިތި ރަސޫލާގެ ދަރަޖަ ދަށް ވާ ގޮތަށް މާނަ ދޭހަވިކަމަށް،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އޭރު މިސްކިތް ތެރޭގައި ތިބި އާއްމުން އެކަމާ ހީ ސަކަރާތް ޖަހާފައިވާ ކަމަށް އެ މިސްކިތުގައި ތިބި މީހުން ބުނާ ކަމަށެވެ.

އެ މުދިމުގެ މައްސަލަ ބަލަނީ އައްޑޫގައި އޮންނަ ޚުތުބާއާ ބެހޭ ކޮމިޓީން ކަމަށާއި މިހާރު އެ މުދިމު ސަސްޕެންޑު ކޮށްފައިވަނީ އެ މައްސަލަ ބަލައި ނިމެންދެން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ހުކުރު ޚުތުބާ އަައްޑޫ ބަހުރުވައިން ކިޔުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ސަން"އަށް ރޭ ވިދާޅުވީ އައްޑޫ ބަހުރުވައިން އެ މުދިމު ޚުތުބާ ކިޔަމުންދިޔައިރު މިސްކިތުގައި އެވަގުތު ތިބި ގިނަ ބަޔަކަށް އެކަން ވީ ބޮޑު މަޖާގަނޑަކަށް ކަމަށެވެ.

ހަމައެއާއެކު، ޚުތުބާގެ ހުރުމަތްކެނޑީ ކަމަށް ބުނެ، ރުޅި ގަދަވެގެން ގިނަ ބަޔަކު މިސްކިތުން ބޭރަށް ނިކުމެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިކަހަލަ މައްސަލަތަކަކީ އެހާ އާއްމުކަމެއް ނޫނެވެ. އައްޑޫގައި އައްޑޫ ބަހުރުވައިން ޚުތުބާ ކިޔުމާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާތީ ގިނަ ބަޔަކު ދަނީ އެކި ގޮތް ގޮތަށް އެކަމާ ގުޅިގެން ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް