މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އޮތް ވަރުގަދަ އިމްތިހާނެއް: ޑުންގާ

ސާފްޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ކޯޗް ޑުންގާ އިރުޝާދުދެނީ --- ފޮޓޯ/ މޯލްޑިވްސް ވިމެން ނެޝަނަލް ފުޓްބޯޅަ ޓީމް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އޮތް ވަރުގަދަ އިމްތިހާނެއްކަމަށް ރާއްޖޭ ޓީމުގެ ކޯޗް އަހުމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ އަންހެނުންގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން މީޑިއާ އާ ވާހަކަދައްކަމުން ކޯޗް ޑުންގާ ބުނީ، މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމް ލައްވާލީ މަރުގެ ގްރޫޕްގައިކަމަށެވެ.

އެގޮތުން މި ގްރޫޕްގައި ހިމެނޭ ޓީމުތަކާއި ވާދަކުރަން ރާއްޖޭގެ ޓީމަށް އޮތް ޗެލެންޖް ވަރަށްބޮޑުކަމަށް ކޯޗު ފާހަގަކުރިއެވެ.

"އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާނަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމްތައް. މި ޓީމްތަކުގައި ޔޫރަޕްގެ ބައެއް ލީގްތަކުގައި ކުޅޭ ކުޅުންތެރިން ވެސް އެބަތިބި. މިއީ ޔަގީނުން ވެސް ދިވެހި ޓީމަށް ކުރިމަތިލާންޖެހޭނެ ވަރަށްބޮޑު ޗެލެންޖެއް،" މެޗްގެ ކުރިން މީޑިއާ އާ ވާހަކަދައްކަމުން ކޯޗް ބުންޏެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމް ނޭޕާލަށް ދިޔައީ، އަނިޔާގެ އިތުރުން އަމިއްލަ ބައެއް ސަބަބުތަކާހެދި މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އިންޑިއާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނިކުންނައިރު، އެ ކުޅުންތެރިން ތިބިނަމަ ވަރަށްބޮޑުތަން ފަސޭހަވެގެންދާނެކަން ކޯޗު ފާހަގަކުރިއެވެ.

ސާފްޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ކޯޗް ޑުންގާ އިރުޝާދުދެނީ --- ފޮޓޯ/ މޯލްޑިވްސް ވިމެން ނެޝަނަލް ފުޓްބޯޅަ ޓީމް

ކޯޗު ބުނީ މިފަހަރުގެ މުބާރާތުން ކުޅުންތެރިންނަށް ވަރަށްގިނަ ތަޖުރިބާތަކެއް ލިބޭނެ ކަމަށާއި، މުބާރާތަށްފަހު ވެސް ދެމެހެއްޓެނިވި ގޮތަކަށް ރަނގަޅު ޕްލޭނެއްގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހޭކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމް

ގޯލްކީޕަރުން: އާއިމިނަތު ލީޒާ، ޝާއިގާ ހުސައިން، އާއިމިނަތު ސަފާ، ނަޝާޔާ ނާޒިމް

ޑިފެންޑަރުން: ހައްވާ ހަނީފާ، މައީޝާ އަބްދުލް ހައްނާން، ރިޝްމާ ޢަބްދުﷲ، ޝައުފަތު ޝިއުތް، އިނާޝާ އާދަމް، ފާތިމަތު ތީބާ، މަރިޔަމް ހަމީޒާ، ޝިޔާނާ އަހުމަދު

މިޑްފީލްޑަރުން: އާއިމިނަތު ޒާހިޔާ، މަރިޔަމް ޝަހުމާ، ފާތިމަތު ޝައިނާ، ޝަހުލާ ތަޢުފީޤް، އާއިޝަތު ރަވީނާ، އާއިޝަތު އަލްތާފް، ފާތިމަތު ޝާއިގާ، އާއިޝަތު އީމާން

ފޯވާޑުން: ރާނިޔާ އިބްރާހީމް، މަރިޔަމް ނޫރާ، މަރިޔަމް ވަސިއްޔާ

ކޯޗް: އަހުމަދު ޝަރީފް (ޑުންގާ)

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު މާދަމާ ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ، ރާއްޖެ ގަޑިން ހަވީރު 16:45 ގައެވެ.

comment ކޮމެންޓް