ބަސް ދަތުރުތަކަށް ހޭނެމުންދާއިރު، މި އާދަތައް އަށަގަންނުވަން ޖެހޭ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭ މި ދުވަސްވަރަކީ ގިނަ ބަޔަކު އެ ޚިދުމަތް އަލަށް ހޯދަން ފަށާނެ ދުވަސްވަރެކެވެ. އެއާއެކު، އާންމު ދަތުރުފަތުރުގެ ބޭނުން ކުރުމުގަައި ގެންގުޅެން ޖެހޭ ރިވެތި އާދަތައް ހަނދާާން އައު ކޮށްލުމަކީ މުހިންމުކަމެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުންނަށް އިސްކަންދިނުން

އެމްޓީސީސީގެ އާރްޓީއެލް ނެޓްވޯކުގައި ބޭނުންކުރާ ކޮންމެ ބަހެއްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، މާބަނޑު މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޖާގަތަކެއް ކަނޑައަޅާފައި ހުރެއެވެ.

މި ޖާގަތައް އެފަދަ މީހުންނަށް ހުސްކުރުމަކީ އެހެންމީހުން ސަމާލުވާންޖެހޭ ކަމެކެވެ. ސަބަބަކީ އެ ސީޓުތައް ހާއްސަ ކުރެވިފަައިވާ މީހުންނަކީ ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި އާންމު މީހުންނަށްވުރެ ބޮޑެތި ތަކުލީފުތަކެއް އުފުލާނެ ބަޔަކަށް ވުމެވެ.

އެހެންމީހުންނަށް އުނދަގޫވާނެހެން އަޑުގަދަ ނުކުރުން

ބަހުގައި އިންނައިރު ބޭރަށް އަޑުއިވޭނޭހެން ބާރަށް ލަވަޖެހުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން، އެކީގައި ދަތުރުކުރާ އެހެން މީހުންނަށް އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ.

މިނޫނަސް، ބަހުގެ ތެރޭ އާދަޔާ ޚިލާފަށް އަޑުގަދަވާ ފަދަ ކަންކަން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އާންމު ތަނެއްގައި އެކި ކަހަލަ މީހުން އެއްތަންވެގެން ތިބޭއިރު، އަނެކުންނަށް އުނދަގޫ ނުވާނެ ފަދަ އެއްވެސް ކަމެއް ނުކުރެވޭތޯ ބަލަންވާނެއެވެ.

އެމްޓީސީސީގެ މިނީ ބަސްތައް --- ފޮޓޯ/ އެމްޓީސީސީ

ބަހުގެ ސާފުތާހިރުކަން ގެއްލޭ ފަދަ ކަމެއް ނުކުރުން

އާންމު ކޮންމެ ތަނެކޭ އެއްފަދައިން، ބަހުގެ ތެރޭގައި ވެސް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ތަބާވުމަކީ މުހިންމު ކަމެކެވެ. ބަހުގެ ތެރޭގައި ކެއުމާއި، ބުއިމަށް އެމްޓިސީސީން ތަރުހީބު ނުދެނީ އެ ސަބަބަށްޓަކައެވެ.

މީގެ އިތުރުން، ބަހުގެ ތެރޭގައި ކުނި ބެހެއްޓުމުގެ ބަދަލުގައި ޑަސްބިނަށް ކުނި އެޅުމަކީ އާންމު ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މަގު ބޭނުންކުރާ އެހެން ފަރާތްތަކުން ސަމާލުވާންޖެހޭ ކަންކަން

ބަހަކީ އާންމުކޮށް މަގުމަތީ ދުއްވާ އުޅަނދުފަހަރަށްވުރެ ބޮޑު އެއްޗެކެވެ. ބަސް ދުއްވަން އިންނަ މީހާއަށް އޭގެ ދެފަރާތާއި، ފުރަގަހުން އެންމެ ކައިރި ހިސާބުތައް ނުފެންނާނެއެވެ. އެހެންކަމުން، މަގުމަތީ ދުއްވާ، އަދި ހިނގާބިނގާވެ އުޅޭ އެހެން މީހުން ބަހުގެ ބްލައިންޑް ސްޕޮޓުތަކަށް ސަމާލުވާން ޖެހެއެވެ.

މީގެ އިތުރުން، ބަހަށް އުނދަގޫވާގޮތަށް މަގުމަތީ އުޅަނދުތައް ނުބޭއްވުމާއި، ދުއްވާފައިދާއިރު ވެސް ބަހަށް އުނދަގޫނުވާނެހެން އަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެކެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް--- ސަންފޮޓޯ/ ނާއިލް ހުސައިން

ފައިމަގުގައި އުޅޭއިރު، މަގު ހުރަސްކުރުމުގައި ޒިބްރާ ކްރޮސް ބޭނުންކުރުމަކީ އެންމެ ރައްކާތެރިގޮތެވެ.

މިނޫނަސް މަގުމަތީގެ އާންމު އަދަބުތަކާއި، ގަވާއިދުތަކަށް ކިޔަަމަންވުމަކީ މަގުމަތީގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.

comment ކޮމެންޓް