ތިމާވެށީގެ މަޝްރޫއުތަކަށް ބީއެމްއެލްއިން ދޫކުރާ ފައިސާގެ އެހީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ

ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް އެހީތެރިވުމަށް ބީއެމްއެލްއިން ތައާރަފްކުރި 'ސްމޯލް ގްރާންޓް'އަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގައި ހަމަވާނެ -- ފޮޓޯ/ ބީއެމްއެލް

ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކުރި 'ސްމޯލް ގްރާންޓް'އަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

އެ ފަންޑަށް ހުށަހަޅާ މަޝްރޫއުތަކުގެ ތެރެއިން ބީއެމްއެލްއިން އަށް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ މަޝްރޫއުތަކަށް ސްމޯލް ގްރާންޓްސްގެ ދަށުން ހިލޭ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

"މި އެހީއާއެކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި ދެވި، މުޖުތަމައަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން،" ސައީދު ވިދާޅުވިއެވެ.

އެ ފަންޑަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށެވެ. އެ އެހީއަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލާއި އެހީއަށް އެދި ހުށަހަޅާ ފޯމު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް