ދެކުނު ކޮރެއާއަށް ތޫފާން އެރިއިރު ބާރު ދަށްވެއްޖެ، މިހާރު މިސްރާބު ހުރީ ގައުމާ ދުރަށް

ދެކުނު ކޮރެއާއަށް ހިއްނަމޯރު ތޫފާން އަރަނީ: އެ ތޫފާނުގެ ސަބަބުން 60،000އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑިފައިވޭ -- ފޮޓޯ/ ޔޮންހަޕް ނިއުސް އޭޖެންސީ

މި އަހަރުގެ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން "ހިއްނަމޯރު" ދެކުނު ކޮރެއާއަށް އެރިއިރު ތޫފާނުގެ ބާރު ދަށްވެފައިވާ ކަމަށާއި އެ ތޫފާން މިހާރު ގައުމާ ދުރަށް މިސްރާބު ޖަހާފައިވާ ކަމަށް ކޮރެއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކޮރެއާ މީޓިއޮރޮލޮޖިކަލް އެޑްމިނިސިސްޓްރޭޝަނުން ބުނީ އެ ތޫފާން އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އެރީ ފަތިހު 4:50ހާއިރު ކަމަށެވެ. އެ ތޫފާނުގައި ވައިގެ ބާރުމިން ގަޑިއަކު 200 ކިލޯމީޓަރަށް އަރާނެ ކަމަށް މީގެ ކުރިން އޮތީ ލަފާކޮށްފައެވެ. ކޮރެއާއަށް ތޫފާން އެރި އިރު އޭގެ ބާރު ދަށްވެފައިވީ ނަމަވެސް ވައިގެ ބާރުމިން ގަޑިއަކު 150 ކިލޯމީޓަރަށް އެރި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އެ ތޫފާނުގެ ސަބަބުން ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، މަގުތައް ހަލާކުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ދިމާވެފައިވެއެވެ. އެ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ޕޮހަންގް ސިޓީއަށެވެ. އެ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި މީހަކު މަރުވެ، ބުރިޖުތައް ވެއްޓިފައިވެއެވެ.

ޕޮހަންގް ސިޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އެ ސިޓީއަށް ގަޑިއަކު 115 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހި، ބޯކޮށް ވާރޭ ވެހިފައިވެއެވެ.

މީގެ އިތުރުން މުޅި ކޮރެއާއިން 60،000އަށް ވުރެ ގިނަ ގެއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ.

ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ހެނދުނު 7:00ހާ އިރު، ތޫފާން އެރި ސަރަހައްދުތަކުގައި ވައި މަޑުވެ، ވާރޭ ވެހުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ހިއްނަމޯރު ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ޖަޕާނާ ދިމާލަށް ކަމަށާއި އެ ތޫފާނުގެ ވައިގެ ބާރުމިން މިހާރު ގަޑިއަކު 62 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ދެކުނު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ދެ މީހަކާއި ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކަރަންޓު ކެނޑުނު ގެތަކުގެ ތެރެއިން 45 ޕަސެންޓު ގެއަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ވަނީ ތޫފާން އަދިވެސް ގައުމާ ކައިރީގައި އޮތުމުން، ރައްޔިތުން ރައްކާތެރިވެ ތިބުމަށް އެދިވަޑައިގެންފައެވެ. އަދި ތޫފާނުން ލިބުނު ގެއްލުން ކުޑަވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ޔޫން ވިދާޅުވިއެވެ.

އެ ތޫފާން އެރުމުގެ ކުރިން ކޮރެއާގެ އޮފިޝަލުން ވަނީ ގާތްގަނޑަކަށް 3،500 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި 14،000އަށް ވުރެ ގިނަ މީހުންނަށް، އެ މީހުން ދިރިއުޅޭ ގެ ނޫން އެހެން ސަރަހައްދުތަކަށް ބަދަލުވާން އިލްތިމާސްކޮށްފައެވެ.

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޖޫން މަހާއި ނޮވެމްބަރު މަހާ ދެމެދު ތޫފާންތައް އުފެދުމަކީ އާންމު ކަމެކެވެ. ނަމަވެސް ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު ވެސް ހޫނުވަމުން ދިޔުމުގެ ސަބަބުން މިހާރު އުފެދޭ ތޫފާންތަކުގެ ބާރުގަދަ ވަމުންދާ ކަމަށް ސައިންސްވެރިން ބުނެއެވެ.

comment ކޮމެންޓް