ބަހަށް އުނދަގޫވާގޮތަށް ޕާކް ކުރާ އުޅަނދުތައް ނަގާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ: ބަހަށް ދަތިވާގޮތަށް ޕާކް ކޮށްފައި ހުންނަ އުޅަނދު ނަގާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައި-- ސަން ފޮޓޯ: ނާއިލް ހުސައިން

މާލެ ތެރޭގައި ބަސް ދަތުރުތައް ފަށާފައިވާއިރު އެ ބަސްތަކަށް އުނދަގޫވާގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އިން އިއްޔެ ރަސްމީކޮށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު އެކަމަށް ތައްޔާރުވުމުގެ ގޮތުން ވަނީ މަޖީދީމަގުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރެވޭ ގޮތަށް ހަދާފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ބަސް ސްޓޮޕްތައް ހަދާފައިވާއިރު އެތަނުގައި ޕާކް ކުރުމަކީ ވެސް މަނާކަމެކެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.

މަޖީދީމަގުން ބަސް ދުއްވާފައި ދަނީ: ބަހަށް ދަތިވާ ގޮތަށް ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނޭ-- ސަން ފޮޓޯ: ނާއިލް ހުސައިން

މިނީ ބަހުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ކުރާނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޚިދުމަތް ދެ ހަފުތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި، ހިލޭ ލިބޭނެއެވެ. އޭގެ ފަހުން މިނީ ބަހުގެ ދަތުރަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ.

މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

އެ ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

comment ކޮމެންޓް