ހިޔާ ސޭފްޓީ ޕޯޓަލްގެ ނަމުގައި ސްޕޭމް މެސެޖްތަކެއް ފޮނުވަނީ

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގިނަ އަދަދެއްގެ ސްޕޭމް މެސެޖް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.

އެކުންފުނިން މިއަދު ބުނީ HDC.mv ގެ ނަމުގައި އެކުންފުނިން އެއްވެސް މެސެޖެއް ނުފޮނުވާނެ ކަމަށެވެ. އެގޮތަށް ފޮނުވާ ސްޕޭމް މެސެޖްތަކުގައި "ހިޔާ ސޭފްޓީ ޕޯޓަލް" އަށް ވަނުމަށް ކަމަށް ބުނެ ލިންކުތަކެއް ފޮނުވަމުން ދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

"މި ކޯޕަރޭޝަންގެ ފަރާތުން މި ނަމުގައި އެއްވެސް މެސެޖެއް އާންމުންނަށް ނުފޮނުވާނެ ވާހަކަ ދަންނަވަމެވެ. އަދި "ހިޔާ ސޭފްޓީ ޕޯޓަލް" ނަމުގައި އެއްވެސް ޕޯޓަލްއެއް ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތް ކުރުމަށް ބޭނުން ނުކުރާނެ ކަމުގައިވެސް ދަންނަވަމެވެ." އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/167651

ސްޕޭމް މެސެޖްތަކުގައި އެފަދަ ލިންކްތައް ހިމަނާފައި ހުންނަނީ އެ ލިންކްތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތުތައް ހޯދުމަށެވެ. އެ މައުލޫމާތުތައް ހޯދަނީ އިންޓަނެޓް ބެންކިން ފަދަ ފައިސާއާ ގުޅުންހުރި މުއާމަލާތްތައް ވަގަށް ބޭނުން ކުރުމަށެވެ.

އެފަދަ މެސެޖުތަކުގައި ވާ ލިންކް ތަކަށް ނުފިތުމަށް އެޗްޑީސީން އިލްތިމާސް ކުރެއެވެ. އަދި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ 3353535 އަށް ގުޅައި އެ މައުލޫމާތު އެ ކުންފުންޏާ ހިއްސާ ކުރުމަށް ވެސް އެޗްޑީސީން އެދެއެވެ.

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހުންނަށް ގުޅައި ފައިސާ ހޯދުމަކީ މިހާރު އާންމު ކަމެކެވެ. އެ މަޅީގައި ގިނަ ބަޔަކު ޖެހި އެތައް ލައްކަ ރުފިޔާއެއް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް