ރައްޓެއްސެއްގެ ބައްޕަ ސަލާމަތް ކުރުމަށް މަސަތުވާތަކެއްޗާ ހަވާލުވި މީހާ އުމުރަށް ޖަލަށް

މަސްތުވާތަކެތި ބޭނުންކުރާ ތަނެއްގެ ތެރެ: ރައްޓިއްސެއްގެ ބައްޕަ ސަލާމަތް ކުރުމަށް ކަމަށް ބުނެ މަސްތުވާތަކެއްޗާ ހަވާލުވި މީހަކު އުމުރުަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައި ----

ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރުމަށް ކަމަށް ބުނެ މަސްތުވާތަކެއްޗާ ހަވާލުވި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގދ. ދެއްވަދޫ/ ނޫމަތި, އަޖުވަދު މުހައްމަދުގެ މައްޗަށެވެ.

ނަމަވެސް މަސްތުވާތަކެތި ފެނިފައިވަނީ އެހެން މީހެއްގެ ޖީބުންނެވެ. ލޯންޗެއްގެ ތެރޭގައި އިން އެ މީހާގެ ޖީބުން ނެގި ހަތަރު ރަބަރު ޕެކެޓުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 19.9648 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މަސްތުވާތަކެއްޗަކީ އަޖުވަދުގެ ސާމާނު ކަމަށް އޭނާ ވަނީ ތަހުގީގު މަރުހަލާފައި އިއުތިރާފްވެފައެވެ. ނަމަވެސް ފަހުން ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށް މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗިހި ނޫން ކަމަށާއި ކުރިން އެއްބަސްވީ ރައްޓެއްސެއްގެ ބައްޕަ ސަލާމަތް ކުރުމަށް ކަމަށް ބުނެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އަނެއްކާވެސް އަޖުވަދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައެވެ.

އެހެންކަމުން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައި ބުނެފައިވަނީ އަޖުވަދުގެ މައްޗަށް ކުށް ސާބިތުވާތީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ކަމަށެވެ. އަދި ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވެސް އޭނާއަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް