ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ގާނޫނަކަށް ހެދިދާނެތޯ ނަޝީދު ސުވާލު އުފައްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައިވާ މާއްދާއެއް ގާނޫނަކަށް ހެދިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓިފައެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

https://sun.mv/166988

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

އެހެންނަމަވެސް ސަރުކާރުން ވަނީ ފަތުރުވެރިން އަންނަ ތަންތަނުން ގްރީން ޓެކްސް ނެގުމަށް އަންގާފައެވެ.

އެ ޓެކްސް އަލުން ނަގަން ފެށުމަށް ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ގްރީން ޓެކްސް ނުނެގޭ މުއްދަތުގެތެރޭގައި އެ ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު އެ ފަތުރުވެރިޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.

އެ މާއްދާއާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބެއް ނުލިބޭނެއެވެ.

"މިހާރު ތިޔަބޭފުޅުން ހުށަހަޅުއްވާފައިވާ ގާނޫނުގައި އަޅުގަނޑަށް ފެންނަ ތަނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ހެދުމަށް އެކަން ހިނގާ ދިޔަފަހުން ގާނޫނެއް ހަދަން. މި ގާނޫނުގައި މި މާއްދާއެއް ނުހިމެނޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/167647

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެމީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުންނެވެ.

comment ކޮމެންޓް