މިނީ ބަސް ފެށުން: ދަތުރުފަތުރުގެ އަގު ހެޔޮވެ، ބޮޑު ލުޔެއް

އެމްޓީސީސީގެ މިނީ ބަސްތައް --- ފޮޓޯ/ އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާ މިނީ ބަހުގެ ދަތުރުތައް މާލޭގެ އެތެރޭގައި މިއަދު ފަށައިފިއެވެ.

މިނީ ބަހުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރުފަށާނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޚިދުމަތް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި، ހިލޭ ލިބޭނެއެވެ. އޭގެ ފަހުން މިނީ ބަހުގެ ދަތުރަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ.

މިނީ ބަސް: މިއަދު ވަނީ ދަތުރުތައް ފަށައިފައި --- ފޮޓޯ/ އެމްޓީސީސީ

ދެ ހަފުތާއަށް ފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

މިއަދު ފެށި އެ ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ބަހުގައި 20ގޮނޑި ހުންނައިރު އާންމު ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މިނީ ބަސްތަކުގައި ކޮންމެ ބަހެއްގައި 10 މީހުނަށް ކޮޅަށް ތިބެ ދަތުރު ކުރެވޭނެއެވެ.

މިއަދު މިނީ ބަހުގެ ދަތުރުތައް މާލޭގައި ރަސްމީކޮށް ފަށާފައިވާއިރު އަދިވެސް ސަރުކާރުން ދަނީ އެކަމާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން ބުނީ މިއީ ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ރައްޔިތުންނަށް ހުރި ދަތިތަކަށް ނިމުމެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ.

މާލޭގެ އެތެރޭގެ ދަތުރުތަކަށް "ޕަބްލިކް ޓްރާންސްޕޯޓް"ގެ ރަނގަޅު ނިޒާމެއް ނެތުމަކީ ޒަމާންވީ މައްސަލައެކެވެ. އެހެންކަމުން އެތެރޭގެ ދަތުރުތަކަށް ގިނަ ބަޔަކަށް މަޖުބޫރުވީ އަމިއްލަ އުޅަނދު ހޯދުމަށެވެ. އޭގެ ސަބަބުން އުޅަނދުތައް އިންތިހާއަށް އިތުރުވެ މާލޭގެ ޓްރެފިކަށް ބާރުބޮޑުވިއެވެ. އެކަމަށް އޮތް ހައްލަކީ ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މީގެ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މާލެ ތެރޭގައި ދުއްވުމަށް ބަސްތަކެއް ގެނައެވެ. އާއްމުންގެ ތަރުހީބުވެސް ލިބުނެެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އޭގެ ފަހުން އެތެރޭގެ ދަތުރުފަތުރެއް މާލެ ތެރެއަކު ނެތެވެ.

އަމިއްލަ އުޅަނދު ނެތް މީހުން އެތެރޭގެ ދަތުރުތަކަށް މީގެ ކުރިން އޮތް ހަމައެކަނި ގޮތަކީ ޓެކްސީ ތަކެވެ. ޓެކްސީގެ އަގު ބޮޑުވުމާއި ލިބުން ދަތިކަމުގެ ޝަކުވާ އަބަދުވެސް އާމުންގެ ތެރޭގައި ބޮޑެވެ.

comment ކޮމެންޓް