ވާރޭގައި ވީ ހިޔަނިތައް 16

"އެންމެ ކާމިޔާބު މީހާއަކީ ވަޒީފާގައި ހުއްޓަސް، ކިތަންމެ ބުރަ މަސައްކަތެއްގައި ހުއްޓަސް ނަމާދު ވަގުތު ވަނުމުން މަސައްކަތް ހުއްޓާލާފައި ވުޟޫކޮށްގެން ނަމާދު ގާއިމު ކުރާ މީހާއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އެފަދަ މީހުންނަށެވެ."

***

"މާފު؟ ހަހަހަ.......އިންސާނުންނާ އަހަރެމެން ތަފާތުވާ ސަބަބަކީ އެއީ. ބަދަލުހިފަން ވައުދުވެއްޖެއްޔާ ވައުދު ފުއްދާނެ. އަހަރެމެން އެއްމާބަނޑު ކުދިންގެ ގޮތުގައި ދުނިޔެއަށް އައުމުން މަގޭ ހިތުގައި ކައިދަންއަށްޓަކާ މިވަރަށް ލޯބި ވުމަކީ ކާކުގެ ބަދުނަސީބެއްކަމެއް ނޭގޭ. ކައިދަންވެސް ހަނދާން ނައްތާނުލާ. ހަޒަލްއާއި ކައިވެނި ކުރީ ކީއްކުރަން؟ އަނެއްކާ އޭނަދެކެ ލޯބިވާންފެށީތަ؟"

"އަހަރެންގެ ސިކުނޑިއަށް ފީނައިގެން ހޯދަންވީނު. ކިހާ ދެރަކަމެއްތަ؟"

"ކައިދަންގެ ވައުދު ހަނދާން ނައްތާނުލާ ނޫނީ ހަޒަލް ދުނިޔެއާއި ވަކިވާނެ. ކައިދަންގެ ހިތް މަޑުވިޔަސް މަގޭ އޭގެ ދިމާ އިދިކޮޅު.........." ރަވާން އިންޒާރުދިނުމާއެކު ކައިދަންގެ ލޮލުން ބިރުވެރިކަން ފައުޅުވިއެވެ. ކުށެއްނެތް ބަޔަކު ދުނިޔެއާއި ވަކިކޮށްލަން އޭނަގެ ތާއީދެއް ނެތެވެ. ހަޒަލްއާއި އޭނަ ކައިވެނި ކުރީ ރަވާންގެ އަމުރަށެވެ. އެއާއިލާއިން ބަދަލު ހިފުމުގެ ނިޔަތުގައެވެ. އެކައިވެނީގެ ސަބަބުން ދަރިއަކު ލިބި އެދަރިފުޅަށްޓަކާ ކައިދަންގެ ހިތުގައިވަނީ ބުނެދޭން ނޭގޭވަރުގެ ފުން ލޯތްބެކެވެ. އެއީ އޭނަގެ ހަށިގަނޑުގެ ބަޔެއްފަދައެވެ. އެދަރިފުޅުގެ ގައިގާ ކޫރުމެއް އެޅެންވެސް އޭނަ ނޭދެއެވެ. ދަރިފުޅަށްޓަކާ ހަޒަލް ހުރުމުގެ ބޭނުންތެރިކަން އެނގޭތީ ހަޒަލް އޭނައާއި ވަކިވެގެންދާން ނުރުހެވެނީއެވެ. އެއީ ލޯތްބެއްނޫނެވެ. އެއަށް ދޭނެ ނަމެއް އޭނައަކަށް ނޭގެއެވެ.

***

ވިއްސާރައާއި އެހެން ކަންތައްތަކުގެ ސަބަބުން ބޭނުންވާ ވަރަށް ދަތުރުގެ އުފާ ހާސިލު ނުވެ ދަތުރު ކުރުކޮށްލާފައި އެނބުރި އަންނަން ޖެހުނެވެ. ލޯންޗުގެ އެކުރު ދަތުރުގައި އެންމެންވެސް ތިބީ ހިމޭންވެފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޚިޔާލަށް ގެއްލިފައެވެ. ސޫފީ ވަރުބަލިވީވަރުން ކައިދަންގެ އަތުތެރޭގައި ލޯބިކޮށް ނިދާލާފައި އޮތެވެ. ބަނދަރާއި ހަމަޔަށް އާދެވުމާއެކު އެންމެންވެސް އަވަސްވެގެންގޮސް ވޭނަށް އަރައިފިއެވެ. ހަޒަލް ޚަލީސީ އަދި އެމާ ތިބީ ގާތުގައެވެ. ރޯޒަލީއާއި ޚާތޫނު އެއް ސީޓުގައި ތިބިއިރު ދެމީހުންވެސް އަނގައިން ނުބުނެ ބޭރަށް ބަލަން ތިބީއެވެ. ކައިދަން ޑްރައިވަރާއި ޖެހިގެން ހުރި ސީޓުގައި ސޫފީ އުނގުގައި ބައިންދައިގެން އިންއިރު ހައިސަމްއާއި ރާހިލް ތިބީ ފަހަތުގައެވެ.

***

ގެއަށް އައިގޮތަށް ކައިދަން ނިދުމުގެ މުބާރާތެއްގައި ބައިވެރިފަދައެވެ. ހޭލީ ޖެހިގެން އައި ދުވަހު އިރު އެރިފަހުންނެވެ. އޭރު ހަޒަލް ޑިއުޓީއަށް ދާންވެގެން ފެންވަރާ ރީތިވެލައިގެން ނުކުތީއެވެ. ރޯޒަލީ ހުރީ ރޮށްޓާއި ފަތުން މަސްހުނި މޮޑެ މޭޒު މަތި ތައްޔާރުކޮށްލާފައެވެ. ހައިސަމް އޭނަގެ ކަޅު ނޫކުލައިގެ ލޮލާއި ގުޅޭފަދަ ނޫކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްލައިގެން ހުރިއިރު ސްމާޓްކަމުން އެސްފީނާޖެހޭވަރުވެއެވެ. ރޯޒަލީ ފެނުމުން ހައިސަމްގެ މޫނުމަތިން މޮޅިވެރިކަމުގެ ކުލަވަރު ފެނުނެވެ. މަންމަ ބުރަކޮށް މަސައްކަތްކުރުމުން އެންމެން ކާން އެރުން ހިތުން ކުށްވެރިކުރެވުނެވެ.

"ދޮންބެ. މަންމަ ދެރަކޮށްލިކަމަށް ބުނެ އަހަރެން ކުށްވެރިކުރިއިރު ދޮންބެ ތިއުޅެނީ މާކުރީގައި. ކޮބާ ޚަލީސީ؟" ހަޒަލް ދެރޮށްޓާއި މަސްހުނި ތަށްޓަކަށް އަޅައިގެން ކޮފީ ތަށްޓެއް ކައިރީގައި ބެހެއްޓިއެވެ.

"ހޫމް. އެވާހަކަ ބާއްވާ.އަހަރެންގެެ ކޮންމެ ނިންމުމަކީ ކޮންމެ ހުވަފެނަކީ ދަރިންގެ ކުރިމަގަށްޓަކާ ބުނި އެއްޗެއް. އެކަމަކު ﷲ ތައާލާ ލައުހުލްމަހުފޫޒުގައި ލިޔުއްވާފައި ނެތްކަމެއް ކުރަން އުޅުނަސް ނުކުރެވޭނެ. އެއްވެސް މީހަކަށް ތަގުދީރަކާއި ނުކުޅެވޭނެ. ދެރައީ ހައިސަމްއަށް މުސްލިމް އަންހެންކުއްޖަކު ނުފެނުނުކަން...." ރޯޒަލީ ހައިސަމްއަށް ކޮފީތަށި އަޅާދިނެވެ. ހައިސަމް ބުނާނެ އެއްޗެއް ނޭގި އިސްއުފުލައިލަންވެސް ނުކެރިފައި އިނުމުން ހަޒަލް ހިނި އައެވެ.

ޚަލީސީއާއި އެމާގެ ފަހަތުން ކަހަލަ ގޮތަކަށް ކައިދަން ކާކޮޓަރިއަށް ވަނެވެ. އޭނަ ހުރީ ހަމައެކަނި ކަކުލާއި ހަމަޔަށް އޮތް ދިގު ސޯޓުލައިގެންނެވެ. އިސްތަށިގަނޑު ހޭވިފައެވެ.

"އިއްޔެ ހަވީރު ނިދިގޮތަށް އަދިވެސް ނިދީގައި ހުރެ ކައިދަން ތި ހިނގަނީ؟" ހަޒަލް ލަދުވެސް ގަތެވެ. ކައިދަންގެ އެސްފިޔަތައް އަދިވެސް ރަގަޅަށް ހުޅުވައިނުލައެވެ.

"ބަނޑުހައިވެގެން...ކޯންޗެއް ހުރީ؟"

"ފެންވަރައިގެން އާދެބަލަ. ޕްލީޒް."

"އަހް..އެބުނާހެން ދަތްވެސް ނޫގުޅާ....."ކައިދަން ހަޒަލްއާއި ކައިރިއަށް ޖެހިލާފައި ދަތްތައް ދިލުވައިލިތަން ފެނި އެމާއަށް ހީގަނެވުނެވެ. ކައިދަންގެ ލާނެތްކަމެއްވެސް އެބަހުރިތާއެވެ. ރޯޒަލީ އަނގަ ހުޅުވުނުގޮތަށް އިރުގަނޑެއްވާންދެން ހުރެފައިގޮސް އެއްފަރާތުގައި ހުރި ހުސްގޮނޑީގައި އިށީދެ ކަޅު ސައިތަށްޓެއް ބޯންފެށިއެވެ.

"ކަޅުސައި ބުއިމުން އުމުރު ދިގުވާ ވާހަކަ އޮތީމަ މަންމަ ކަޅު ސައިބޮނީ؟"

"ސާބަހޭ.އުމުރު ދިގުވާ ވާހަކައެއް ނޫނޭ، ސިއްހަތަށް ފައިދާ ކުރާނެ ވާހަކަ އޮންނާނީ. އުމުރު ދިގުކުރަންޏާ މާއުލް ހަޔާތުން ފެންބޯން ޖެހޭނީ........"ހަޒަލް ހީލިއެވެ.

"ނުދެނެހުރިން. ކުޑައިރުއްސުރެ މަންމައަށް ކަޅު ސައި މީރީ. ކިރު އެޅިއްޔާ މޭބޮޑުވޭ......."ރޯޒަލީ ކައިދަންއާއި ދިމާލަށް ފާޑަކަށް ބަލާލާފައި އެހެންމީހުންނަށް ސަމާލުކަން ދިނެވެ. ކައިދަން ފްރިޖް ހުޅުވާލާފައި ޕީނަޓުން ދަޅުން ސަމުސަލެއް ކާލާފައި ދާން ހިނގައިގަތުމުން ހަޒަލްގެ މޫނަށް ވެރިވީ އަނގުރު އަލިފާނުގެ ކުލައެވެ. ކައިދަންގެ "ސްކިޒޮފްރީނިއާ"ގެ އަލާމާތްތައް ގޯސްވަމުންދާ ވަރަކަށް މީހުންގެ ތެރޭ އޭނަ ލަދުގަންނަން ޖެހޭނެއެވެ. ހޮސްޕިޓަލުގައި އޭނައާއި ހަސަދަލައިގެން އުޅޭ މުވައްޒަފުންނަށް މިކަން ފޮރުވަން އޭނަ ހަދަންވީގޮތެއް ވިސްނަން އިނދެ ރޮށިކޮޅެއް އަނގަޔަށް ލިއެވެ.

"މަންމަ ލެކްޓޯސް އިންޓޮލެރެންސްކަމަށް ތިވާނީ......." ރާހިލް ފަސް ރޮށި ތަށްޓަށް ލިތަން ފެނުމުން ހަޒަލް އަނގަޔަށް ގޮތެއްހެދިއެވެ.

"ރާހިލް އިންޓޮލެރެންސްވާ އެއްޗެއް ނެތްތަ؟"

"ގްލޫޓެންއަށް އިންޓޮލެރެންސްވާ ކުދިންނަށް މަގޭ ސިމްޕަތީ. މަށަށް އެންމެ މީރީ ގްލޫޓެންއާއި ޑެއިރީ ސްޓަފް. ހުރިހާ އެއްޗަކާއި ގުޅޭކަމީ ﷲދެއްވި ނިއުމަތެއް. އެކި މީހުން އިމްތިހާނުތައް އެކިގޮތްގޮތުން އަންނަނީ. ކާއެއްޗެހިން ނޫންކަން ނޭގޭ އިމްތިހާނު އަންނާނީ. ކާނާއާއި ނުލާ އުޅެން ވެއްޖެއްޔާ މޮޔަވެދާނެ....."ރާހިލް ރޮށިކޮޅެއް ކައިލަމުން މަންމައަށް ތައުރީފުކުރިއެވެ." މަންމާ ސޮރީ މާދާމާއިން ފެށިގެން މަންމަ ބަދިގެއަށް ވަންނާކަށް ނުޖެހޭނެ. އަހަރެން މިގޭ ކެއްކުމުގެ ހުރިހާ މަސައްކަތެއްކުރާނަން..."

"ރާހިލް މަންމައަށް ކަމެއްކޮށްދެންޏާ ކިޔަވައިގެން އާދޭ. މަންމަ ކުރާހިތުން މަސައްކަތްކުރަނީ..މަންމަ ފިރިހެން ދަރިން ބަލާ ބޮޑުކުރީ ބަދިގޭގައި ނޯކިރީކަން ކުރުވާކަށްނޫން. ދަރިންގެ ކުރިމަގާއިމެދު މަންމަ ވިސްނަނީ. އިންސާނިއްޔަތަށް ޚިދުމަތްކުރާ ހަރުދަނާ ގަދަރުވެރި އިންސާނަކަށް ވޭތޯ..............." ރޯޒަލީގެ މޫނުމަތީގައިވި ބަނަކަން ކޮންމެވެސް ވަރަކަށް ނެތިގެން ދިޔައެވެ. ރާހިލްގެ ކަރު އެލުނެވެ.

ކައިދަން ކުއްލިއަކަށް ރޯޒަލީގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ." މަންމަ ހާދަ ރީތި ހެދުމެއްލައިގެން ތިހިރީ.... މި ބުރުގާކޮޅުވެސް ވަރަށް ލޯބި...."

"ކައިދަން. މޮޔަބޮލަށް އަރައިގެން....ކޮޓަރިއަށް ދޭބަލަ މަންމަ ރުޅިއަރުވަން ނަހަދާ. ކިހާ ދެރަކަމެއްތަ؟" ހަޒަލް ކެތްނުވެގެން ތެދުވެގެން އައިސް ކައިދަންގެ ބުރަކަށީގައި އަތްއަޅާ ކޮށްޕައިލުމުން ހެމުން ދުއްވައިގަތެވެ. ހަޒަލްގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. ލަދުންނާއި ހިތާމައާއި ރުޅިވެރިކަން އޭނަގެ ހިއްސުތައް ގަނޑުކޮށްލައިފިއެވެ. ކާހިތްވެސް ކެނޑުނެވެ. ރޮށްޓެއްގެ އެއްފަޅި ކާލާފައި އޭނަ އަތް ދޮވެގެން ދާން ހިނގައިގަތުމުން ރޯޒަލީ ގޮވިއެވެ.

***

ހަޒަލް ކޮޓަރިއަށް ވަންއިރު ސޫފީ އޮތީ އަދިވެސް ގަދަނިދީގައެވެ. "ކައިދަން. އަހަރެން ޑިއުޓީއަށް ދަނީ......."

"މަ މިއޮތީ ހަޒަލްގެ ފައިގާ ހިފަހައްޓައިގެންތަ؟"ކައިދަން ނުކުތީ ތުވާލި އަނދެލައިގެންނެވެ."ކާއެއްޗެއް ގެނެސްދީފައި ދާންވީނު. ނުކައި ވިއްޔާ އިއްޔެއިން ފެށިގެން މިހިރީ....."

"ގަނެގެން ކާލާ. މަންމަ ފިހެފައި ހުރި ރޮށި ކާން ކައިދަންއަށް ކެރޭނެ؟"

"ނުކެރޭންވީ ކީއްވެތަ؟ ހަޒަލް ފިހެދޭންވީނު ދެން. ނޫނީ ފައިސާ ދީފައި ދޭ......"

ހަޒަލް ސަތޭކަ ރުފިޔާ މޭޒުމައްޗަށް އެއްލާލައިފިއެވެ. ކައިދަންގެ މިޒާޖާއި ވާހަކަ ހުންނަގޮތުން އޭނަގެ ހިތަށް ތަދުވާވަރާއި ކުރާ އަސަރު ބުނެދޭކަށްވެސް ނޭގެއެވެ. މިހުރިހާ ދުވަހު ކައިދަންގެ ހަގީގަތް އޭނައަށް އޮޅުވައިލީއެވެ. ނަފްސާނީ ބަލިމީހެއްކަންވެސް ސިއްރުކުރީއެވެ. ކައިދަންއާއިމެދު ބައެއްފަހަރު ހަމްދަރުދީވެވެންވެސް އުޅެއެވެ. ދަރިފުޅުގެ ބައްޕައަށް ވީއިރު އޭނަ ކައިދަންއާއިމެދު ރަގަޅަށް ކަންތައް ކުރަންވެސް ބޭނުންވެއެވެ. ނަމަވެސް ކުއްލިއަކަށް މި ފިރިހެނާ ބަދަލުވާންފެށީ ހީނުކުރާފަދަ ގޮތަކަށެވެ. ވާހަކަދެއްކުމުގައިވެސް އެހެރީ ކޮންފަދަ އަމުރުވެރިގޮތެއް ހެއްޔެވެ؟ އޭނަގެ ހިތް އަތުލަން ނެތް ސިފަތަކެއް ދައްކައިގެން ހުއްޓަސް އަސްލު ކުލަ ފެންނަން ފެށީބާވައެވެ.

ހަޒަލް އިތުރު އެއްޗެއް ނުބުނެ ހައިސަމްއާއެކު ޑިއުޓީއަށް ދާން ނުކުތީއެވެ.

***

ހަޒަލް ބަލިމީހުން ބަލަން އިންއިރުވެސް ތަބީއަތު ރަގަޅެއްނުވެއެވެ. ބޭސްސިޓީގައި ލިޔެވޭ ކުށްތައް ގިނަކަމުން އެތައް ބަލިމީހުންނެއް ފާމަސީއިން އަނބުރާ ފޮނުވައިލިއެވެ. ރުޅިގަދަވެގެން އެކީ މަސައްކަތްކުރާ މީހުންނާއިވެސް ވާހަކަދެއްކެނީ ނުރުހުންތެރިކަމާއެކުގައެވެ. ހަޒަލްގެ ބޭބެމެންނަކީ ތަނުގެ އިސް މަގާމުގައި ތިބި ޑޮކްޓަރުންނަށްވުމުން ހަޒަލް މާ ފޮނިވެގެން އުޅެނީކަމަށް އެންމެން ދެކުނެވެ. ކައިދަން ގުޅަންފެށުމުން ފޯނު ނެގިއިރު އޭނަ ހުރި ހޮސްޕިޓަލުގައި ސޫފީ ގޮވައިގެން އައިހެވެ. ސޫފީ ބެޓެރިއެއް ދިރުވައިލީއެވެ. ހަޒަލް ބިރުންގޮސް ހިތް ކިރިޔާ ނުހުއްޓުނުކަމެވެ.

"ކީކޭ؟ ކޮން ބެޓެރިއެއްތަ؟"

"ކުޅޭ އެއްޗެއްގެ....."

"ދަރިފުޅު ބަލަން ނޭގޭ މީހަކާއި ހަވާލުކޮށްފައި މަށަށް މި އާދެވުނީ....." ހަޒަލްގެ ހަތަރެސް ފައި ފިނިވުމާއެކު ދުއްވައިގަނެވުނީ އިމަޖެންސީ ރޫމާއި ދިމާލަށެވެ. ބެޓެރި ދިރުވައިލުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އެނގޭނީ އެކަމުގެ މައުލޫމާތު ހުރި މީހަކަށެވެ. ހަޒަލްއަށް ދެވުނުއިރު ސޫފީ އެކްސްރޭ ނަގަންވެގެން ގެންދަނީއެވެ.

"ހާސްނުވޭ ހަޒަލް....އަހަރެން ދަރިފުޅަށް ވަގުތުން މާމުއި ދިނިން. ދިހަ މިނިޓުން އެއްފަހަރު މާމުއި ދޭން ޖެހެނީ. އެގޮތަށް ބަޓްން ބެޓެރި ދިރުވާލާކުދިންނަށް ވަގުތުން މާމުއި ދިނުމަކީ ޓިޝޫތަކަށް ބޮޑުވަރުނުވެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވާ އެއްޗެއް. ސަބަބަކީ........."

ކައިދަން ކިޔާ އެއްޗަކަށް ފަރުވާލެއްނެތި ހަޒަލްއަށް ދަރިފުޅު ނަގާ މޭގައި ޖައްސައިލެވުނެވެ. ސޫފީ ވަރަށް ހެވިލާފައި ހަޒަލްގެ މޫނަށް ބަލަން އިނީ މޮޅުކަމެއް ކުރެވިގެން އުޅޭފަދަ ގޮތަކަށެވެ. ސޫފީއަށް ދިމާވެގެން އުޅޭ ނުރައްކަލުގެ ހިލަމެއްވެސް އެތުއްތު މައުސޫމް ފުރާނައަކަށް ނޭގެއެވެ. އެންމެންގެ ސަމާލުކަން ލިބުމުން އުފާވެފައި އިނދެ ހެނީއެވެ.

"ސޫފި އީޓް ބަޓްން...."

"ބެޓެރިއެއްކަން އެނގުނީ ޓޯއި ރޫޅާލައިގެން އިނީމަ. ބެލިއިރު ބެޓެރި ނެތް. ބަޓްން ބެޓެރިއެއް........" ކައިދަން ބުނެދިނެވެ. ހަޒަލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު