ޔުނައިޓެޑު އަތުން ބަލިވެ އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

އެންޓޮނީ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ މައްޗަށް ޔުނަައިޓެޑުން ކުރި ހޯދައި އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

މިރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނިކުތުމުގެ ކުރިން އާސެނަލް ވަނީ ލީގުގައި އެ ޓީމު ކުޅުނު ފަސް މެޗުން މޮޅުވެފައެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި މާކޮސް ރަޝްފޯޑުގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިދިނީ އެ ޓީމާ އަލަށް ގުޅުނު އެންޓޮނީ ސަންތޯސްއެވެ.

ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި އާސެނަލް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ގަބްރިއާލް ޖީސުސް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ބުކަޔޯ ސަކާ ޖެހި ގޯލެކެވެ. އޭގެ ހަ މިނެޓު ފަހުން ބުރޫނޯ ފަނާންޑޭޒް ލީ ތުރޫ ޕާހަކުން ރަޝްފޯޑު ވަނީ ގޯލެއް ޖަހައި ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފައެވެ.

މެޗުގެ 75 ވަަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު ރަޝްފޯޑު ޖެހި ގޯލެކެވެ.

އެ ބައްޔާއެކުވެސް އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސިޓީ އޮތީ 14 ޕޮއިންޓާއެކުއެވެ. އަދި މެޗުން މޮޅުވި ޔުނައިޓެޑު ތާވަލުގެ ފަސް ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް