ރަސްމީ ރިޒާވް ބޮޑުތަނުން ދަށަށް، ޖުލައި ނިމުނުއިރު ހުރީ 728 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ދައުލަތުގެ ރަސްމީ ރިޒާވް، ޖުލައި މަހުގެ ނިޔަލަށް، 728 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ 2020ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ފަހުން ރިޒާވް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭރު ރިޒާވްގައި ހުރީ 629 މިލިއަން ޑޮލަރެވެ.

އަހަރެއްހާ ދުވަހުގެ މުއްދަތަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް ހުރީ 1.02 ބިލިއަން ޑޮލަރުގައެވެ. އެއީ މި ފަހަކަށް އައިސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރެވެ.

މިއަހަރުގެ މާޗު މަހުން ފެށިގެން ރިޒާވް އަންނަނީ ހުއްޓުމެއް ނެތި ދަށަށް ދަމުންނެވެ. އެގޮތުން، މިއަހަރުގެ މާޗު މަހު ހުރި 865 މިލިއަން ޑޮލަރާ އަޅާ ބަލާއިރު، ޖުލައި މަހާ ހަމައަށް ޖުމްލަ 15 ޕަސެންޓު ވަނީ ދަށަށް ގޮސްފައެވެ. އެއީ 137 މިލިއަން ޑޮލަރުގެ މަދުވުމެކެވެ.

ޖޫން މަހުގެ ތެރޭ ރާއްޖެއަށް ޒިޔާރާތްކުރި އައިއެމްއެފުގެ ވަފުދަކުން އާންމުކުރި ރިޕޯޓެއްގައި ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރިޒާވް ދަށަށް ދާނެ ކަމަށާއި، ތަކެތީގެ އަގު އުފުލޭނެ ކަމަށް ބުނެފައެވެ.

އެމްއެމްއޭއިން މިހާރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި އާންމުކުރަނީ ޖުމްލަ ރިޒާވްގެ އަދަދު އެކަންޏެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރި، ޔޫޒެބަލް ރިޒާވްގެ އަދަދު މިހާރު ވަނީ ސިއްރުކޮށްފައެވެ.

ނަމަވެސް، މިދިޔަ ޖޫން މަހުގެތެރޭ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ސުވާލެއްގެ ޖަވާބުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ، ޖުލައި މަސް ނިމޭއިރު، ޖުމްލަ ފަސް މަހަށް ބޭނުންވާ ޔޫސެބަލް ރިސާވް ދައުލަތުގައި އެބަހުރި ކަމަށެވެ.

comment ކޮމެންޓް