މެސީ އާއި އެމްބާޕޭގެ މޮޅު ކުޅުމުން ޕީއެސްޖީ މޮޅުވެއްޖެ

މެސީ ބޯޅައާއެކު ކުރިއަށް ދަނީ--- ފޮޓޯ/ ޕީއެސްޖީ

ފްރެންޗް ލީގުގައި ރޭ ނަންޓްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ލިއޮނަލް މެސީ އާއި ކިލިއަން އެމްބާޕޭގެ މޮޅު ކުޅުމުން އެ ޓީމު މޮޅުވެއްޖެއެއެވެ.

ނަންޓްސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްބާޕޭ ދެ ގޯލު ޖެހިއިރު އެ ދެ ގޯލުޖެހުމަށް އެހީތެރިވެދީފައިވަނީ މެސީއެވެ.

އެ މެޗުގައި ނަންޓްސްގެ ފަރާތުން މެޗުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް އެ ޓީމުން އުފެއްދި ދެ ހަމަލާވެސް ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ފެނިފައިވަނީި މެޗުގެ 18 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މެސީގެ އެހީތެރިކަމާއެކު އެމްބާޕޭ ޖެހި ގޯލެކެވެ.

އެމްބާޕޭ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ޕީއެސްޖީ

މީގެއިތުރުން މެޗުގެ 54 ވަނަ މިނެޓުގައި މެސީ ނަންޓްސްގެ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ދެވަނަ ގޯލު ޖެހީ އެމްބާޕޭއެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 68 ވަނަ މިނިޓުގައި ޖެހީ، ދެވަނަ ހާފަށް ކުޅެން ނުކުތް ފުލްބެކް ނޫނޯ މެންޑޭޒްއެވެ. އެ ގޯލަކީ ނޭމާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި އައުމުން ނޫނޯ ޖެހި ގޯލެކެވެ.

ޕީއެސްޖީގެ އެ މޮޅާއެކު އެ ޓީމް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ޕީއެސްޖީއަށް އެއް ވަނަ ލިބެނީ ތާވަލްގެ ދެވަނައިގައި މާސޭއަށް ވުރެ ފައިދާ ގޯލު ގިނަ ވެގެންނެވެ. ޕީއެސްޖީއަށް 20 ފައިދާ ގޯލު ލިބޭއިރު، މާސޭ 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ 10 ފައިދާ ގޯލާއެކުއެވެ.

comment ކޮމެންޓް