824 ދަރިވަރުންނާއެކު ކާމިލްދީދީ ސްކޫލްގެ ކިޔެވުން ފަށައިފި

ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގެ ކިޔެވުން ފަށާފަިއވަނީ 824 ދަރިވަރުންނާއެކު--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގެ ކިޔެވުން، 824 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި، ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒް އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކަށް ކިޔަވައިދޭ ސްކޫލެކެވެ. މިއަދުން ފެށިގެން އެ ހުރިހާ ގްރޭޑަކަށް ވެސް އެ ސްކޫލުގައި ކިޔަވައިދޭނެއެވެ.

އެ ސްކޫލްގައި މިއަދު ކިޔަވައިދޭން ފަށާފައިވާއިރު ސްކޫލުގައި މަސައްކަތް ކުރާނީ ޖުމްލަ 65 މުވައްޒަފުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެއީ 47 ޓީޗަރުންނާ، އަށް އިދާރީ މުވައްޒަފުން އަދި 10 މަސައްކަތު މީހުންނެވެ. ކާމިލްދީދީ ސްކޫލް އިމާރާތް ކޮށްފައިވަނީ 24 ކްލާސްރޫމް ހިމަނައިގެންނެވެ.

ކާމިލްދީދީ ސްކޫލްގެ މަސައްކަތް އެޗްޑީސީން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ސަތޭކަ ފަސްދޮޅަސް ފަސް ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވި ނަމަވެސް, ބޭރުން ގެންނަ މުދާ ނުލިބުމުން ދިރާސީ އާ އަހަރު ފެށުނުއިރު ވެސް ސްކޫލް ވަނީ ހުޅުވޭ ގޮތް ނުވެފައެވެ.

އެހެން ކަމުން ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލު ދަރިވަރުން ވަނީ ހުޅުމާލޭގެ އެހެނިހެން ސްކޫލްތަކުން ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސަދީފައެވެ. ހުރަވީ ސްކޫލާއި ރެހެންދި އަދި ގާޒީ ސްކޫލަށް އެ ދަރިވަރުން ގޮސްފައިވަނީ ކާމިލްދީދީ ސްކޫލް ޔުނީފޯމުގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި އެ ސްކޫލު ފަރުމާ ކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަސޭހަ ކަމާއެކު އެކްސެސް ވެވޭނެ ގޮތަށް ކަމަށް އެސްޖޭ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް