މައާފު އެދެމޭ ޔާރާ... 19

ކޮޓަރިއަށް ވަދެ، ދޮރު ތަޅުލާފައި ބުރުގާ ބޭލީމެވެ. އިސްތަށިގަނޑު ނިއުޅައިލާފައި، އަތްފުނާ އަޅަމުން ފާހާނާ އާއި ދިމާއަށް ހިނގައިގަތީމެވެ. ތަޅުގައި ހިފައިލަން އަތް ދިއްކޮށްލި ތަނާ، ކޮންމެވެސް މީހަކު ފާހާނާގެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ޔާނިޝްއެވެ. އޭނާ ހުރީ ހަމައެކަނި ތުވާލިކޮޅުގައެވެ. މުޅި ތަނުގައި ހިފައިލީ، ސައިބޯނީގެ މީރުވަހެވެ. ޔާނިޝްގެ ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ތިރިއަށް ފައިބަމުން ދިޔައެވެ. އެ އޮމާން ހަށިގަނޑުގައި ބީހިލާފައި ގޮސް، އުނަގަނޑުގައި އޮޅާލާފައި އޮތް ތުވާއްޔަށް ހިނދެމުން ދިޔައެވެ. ނުބަލަން އުޅުނަސް، އެ ފުރިހަމަ ހަށިގަނޑަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލިއެވެ. މޫނުން ފެށިގެން ތުވާއްޔާއި ހަމައަށެވެ.

*********

އަހަރެން ހުރީ ހަރަކާތް ހުއްޓިފައެވެ. މަސައްކަތް ކުރަމުން ދިޔައީ ހަމައެކަނި ހިތާއި ދެ ލޮލެވެ. ހިތުގެ ތެޅުމުގެ އަޑު ބާރަށް އިވެމުން ދިޔައިރު، ޔާނިޝްގެ ހަށިގަނޑުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ޔާނިޝް ވެސް ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ބަލަން ހުރި ގޮތުން ހީވީ، އަހަރެން އެފަދަ ގޮތަކަށް ހުއްޓައި އޭނާއަށް ފެނުނު ފުރަތަމަ ފަހަރު ހެންނެވެ.

ހަމަހޭވެރިކަންވުމާއިއެކު، ހަޅޭއްލަވައިގަނެފައި ދޮރުފޮތިގަނޑާއި ދިމާއަށް ދުއްވައިގަތީމެވެ. ފޮތިގަނޑުގެ ފުރަގަހަށްވަދެ ނިވާވެލިއިރު، ހިތުގެ ތެޅުން ވަނީ އިތުރުވެފައެވެ. ހިތް ހަށިގަނޑާއި ވަކިވާން އުޅޭ ކަހަލައެވެ. ދެއަތުން މޭގައި ހިފަހައްޓައިލެވުނެވެ. މުޅި ހަށިގަނޑުން ހުރީ ހީބިހި ނަގާފައެވެ. ބަނޑުތެރޭގައި ކުދި ކޮކާތަކެއް އުދުހެމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވެން ފެށުނެވެ.

ޔާނިޝް އައިސް ފޮތިގަނޑު ކަހައިލީ އަހަރެން އެފަދަ ހާލެއްގައި ހުއްޓައެވެ. އޭރު އޭނާ ހުރީ ޖީންސަކާއި، ޓީޝާޓެއް ލައިގެންނެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ތިރިއަށް ފައިބަމުން ދިޔައެވެ.

"މުޅި ތަން އެކަށް ތެންމާލައިފި..." ތުވާއްޔެއް އަހަންނާއި ދިމާއަށް އެއްލަމުން ޔާނިޝް ބުނެލިއެވެ.

ތުވާލި އައިސް ޖެހުނީ އަހަރެންގެ މޫނުގައެވެ. އަވަހަށް އެއިން އިސްތަށިގަނޑު ނިވާކޮށްލީމެވެ.

"ތި އިސްތަށިގަނޑު އަހަންނަށް ފެނިއްޖެ...." ޖެއްސުމުގެ ރާގަކަށް ޔާނިޝް ބުނެލިއެވެ. "ތިހާ ކުޑަ ކުއްޖަކަށް ދިގު އިސްތަށިގަނޑެއް ނުގުޅޭ..."

އަހަރެންގެ ދަތްތަކަށް ބާރުވެގެން އައެވެ. ޔާނިޝްގެ އެއްވެސް ރަހުމެއް ނެތީ ހެއްޔެވެ؟ އަހަރެން ލަދު ގަންނާނެވަރު އޭނާއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް އަހަރެންގެ ހަށިގަނޑު މުހިއްމެވެ. އެހެން މީހުންނަށް ދައްކަން ބޭނުން ނުވާހެން، ޔާނިޝްއަށްވެސް އަހަރެންގެ ހަށިގަނޑުން އެއްވެސް މިންވަރެއް ފެނުމަށް ހިތެއް ނޭދެވޭނެއެވެ.

"ދެމީހުން އެއްކޮޓަރިއެއްގަ އުޅޭއިރު، މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ... އަބަދު ތިހެން އަހަންނަށް ފިލައިގެން އުޅެން ރުއާއަށް ފަސޭހަވާނެތަ؟... ރުއާއަށްވެސް އަހަރެން ފެނިއްޖެ... އަހަންނަށް ރުއާ ފެނިއްޖެ... ދެން ކޮބާ މައްސަލައަކީ؟..." ޔާނިޝް ހުރީ ހަމަޖެހިފައެވެ.

"މައްސަލައަކީ ތީ..." އެ ޖުމްލަ ވީ އަހަރެންގެ ހިތުގައެވެ. ދެލޮލަށް ކަރުނަ ޖަމާވީ ރުޅިގަދަވެގެންނެވެ. ބުނަން ބޭނުންވި އެއްޗެހި ކިތަންމެ ގިނަ ނަމަވެސް، ދުލާއި ހަމައަށް ގެންނާނެ ހިތްވަރެއް ނުލިބުނެވެ.

އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު، ޔާނިޝް އޭނާގެ ދެޖީބަށް އަތްޖަހައިލިއެވެ.

"އަހަރެން މީ ރުއާގެ ފިރިމީހާ..." އަހަންނަށް ނުބަލާ ހުރެ ޔާނިޝް ބުނެލިއެވެ.

ފާއިތުވެގެންދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ޔާނިޝްއަކީ އަހަރެންގެ ފިރިމީހާ ކަން އަހަންނަށް އެނގެއެވެ. އެކަން އަހަންނަށް ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ. ޔާނިޝް އާއި ކައިވެނި ކުރެވުނު ވަގުތު ހިތުގައި އެޅުނު ކޫރުމުގެ އިހުސާސް ދުވަހަކު ފިލައިގެން ދާނެކަމެއް ނޭނގެއެވެ. ފިރިއެއްގެ ލަގަބަކީ އަހަރެންގެ ކުރިމަތީގައި އޭނާ ބޭނުންކުރަން އޮތް ހަމައެކަނި ހަތިޔާރެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން..." ދެމީހުންގެ މެދުގައިވި ހިމޭންކަން ނެތިގެން ދިޔައީ ޔާނިޝްގެ އަޑުންނެވެ. "ރުއާގެ ހައްގުތައް އަހަރެން އެބަ އަދާކޮށްދެން... އަނތްބެއްގެ ޒިންމާ ރުއާއަށް އެބަ އަދާކޮށްދެވޭތަ؟... އަހަރެންވެސް ރުއާގެ ފަރާތުން ބޭނުންވާ ކަންކަން އެބަހުރި..."

"ކޮން... ކޮން.. ކަމެއް؟..." ޔާނިޝްގެ ޖުމްލައިން އަހަރެން ބިރުގަތެވެ.

ޔާނިޝް ޖަވާބެއް ނުދިނެވެ. އޭނާ އަހަންނާއި ގާތަށް ޖެހިލިއެވެ. ޔާނިޝް ކޮއްޕާލާފައި ދުވެފައި ގޮސް ފާހާނާއަށް ވަނީމެވެ. ދޮރުގައި ލެނގިލާފައި ތެޅެމުންދިޔަ ހިތަށް ލުއިކަމެއް ހޯދުމަށް މޭގައި އަތް ޖައްސައިލީމެވެ. ދުވަހަކުވެސް އަހަރެންގެ ހިތް އެހާ ބާރަކަށް ނުތެޅެއެވެ. މިވަރުން ދަންޏާ، އަހަންނަށް ހިތުގެ ބައްޔެއް ނުޖެހޭނެ ކަމެއްވެސް ނޭނގެއެވެ. އަހަރެން ކުޑަކޮށް ދޮރު ހުޅުވައި ކޮޓަރިތެރެއަށް ބަލައިލީމެވެ. އެނދުގައި އޮށޯވެލައިގެން އޮތްއިރު، ޔާނިޝްގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ގަސްދުގައި އަހަރެން އިމްތިހާންކޮށްލީ ކަން ޔަގީނެވެ. ޔާނިޝްގެ މަގުސަދަކީ އަހަރެން ބިރުގެންނެވުމެވެ. ނޫނީ އަހަންނަށް ޖެއްސުން ކުރުމެވެ. އަހަރެން ޔާނިޝްދެކެ ލޯބިނުވާ ފަދައިން ޔާނިޝްވެސް އަހަރެންދެކެ ލޯބިނުވާކަން އަހަންނަށް ޔަގީނެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ލޯބިވާ މީހަކު އެފަދަ ކުދި އަނިޔާއެއް ނުކުރާނެއެވެ.

ލޯގަނޑުގެ ކުރިމަތީގައި ހުއްޓި، އިސްތަށިގަނޑު ނިއުޅައިލީމެވެ. އެކި ގޮތްގޮތަށް ހުރެ، ފަރި ކިޔުނެވެ. އިސްތަށިގަނޑަކީ އަހަރެން ނުހަނު ލޯބިން ގެންގުޅުނު އެއްޗެކެވެ. އެކަމަކު، ޔާނިޝްގެ ޖުމްލައިން އަހަރެންގެ ހިތް ގޯސްވެއްޖެއެވެ. ދިގު އިސްތަށިގަނޑެއް އަހަންނާއި ނުގުޅެއޭ ހިތް ބުނަން ފެށިއެވެ. އިސްތަށިގަނޑު ބުރިކޮށްލަން ހިތް ބުންޏެވެ. ނޫނެކެވެ. ޔާނިޝް ބުނާ އެއްޗަކަށް އަހަރެން ހެއްލެންވީ ކީއްވެ ހެއްޔެވެ؟ އަހަރެން އަވަހަށް ގޮސް ފެންވަރަން ފެށީމެވެ.

ފެންވަރައިގެން ނުކުތްއިރު، ޔާނިޝް ފެންނާކަށް ނެތެވެ. އަވަހަށް ގޮސް ކޮޓަރި ތަޅުލީމެވެ. އޭރުވެސް ބޯކޮށް ވާރޭވެހޭ އަޑު އިވެމުން ދިޔައެވެ. ނަމާދުކޮށްގެން، އެނދުގައި ޖައްސައިލީމެވެ. އަހަރެންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ ޔާނިޝްގެ ގާތްކަމެވެ. އޭނާގެ އިންޒާރެވެ. ފިނޑިވެގެން އެއްވެސް ކަމެއް ނުވާނެއެވެ. އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން އަހަންނަށް މަޖުބޫރެވެ. ވަގުތުން އިންޓަނެޓުގެ އެހީ ހޯދީމެވެ. އެކި މީހުންގެ ހިޔާލު ތަފާތެވެ. ގިނަ މީހުން ބުނެފައި ހުރީ ކެރިގެން ފިރިމީހާ އާއި ކުރިމަތިލުމަށެވެ. ކުއްލިއަކަށް ހަނދާންވީ ޖީނާގެ މަތިންނެވެ. ޖީނާއަށް ގުޅިއިރު، އޭނާ ހުރީ ކައިވެނި ޕާޓީއަކަށް އެހެން ރަށަކަށް ގޮހެވެ.

"އެރޭންޖް މެރިއޭޖެއް...." ޖީނާ ބުނެލިއެވެ. "ކަޒިން ބޯއީއަކާ މެރީކުރަނީ... އިނގޭތަ، އެ ގާލްއަށް ކިޔާނީ ޝައު... ވަރަށް ލަދުރަކިވާނެ... ޝައު އަހަރެން ކައިރީ ބުނި އެއްޗެއް އެނގޭތަ؟..."

"ކީކޭ ބުނީ؟..." އަހަރެންގެ ހިތް އަވަސްވިއެވެ.

"ބުރުގާ އަޅައިގެންނޯ ނިދާނީވެސް..." ޖީނާ ހީގަތެވެ. "މޮޔައެއް ނޫންތަ؟... މަގޭ ކަޒިންއަށް ވާނެގޮތަކާމެދު މިހާރު މި ވިސްނެނީ..."

"ދެން ކީކޭ ޖީން ބުނީ؟..." އަހަރެން ހުރީ ޖީނާގެ ހިޔާލު އެނގެން ބޭނުންވެފައެވެ.

"ޝައު ބޭނުން ވަނީ ފުރަތަމަ ޓްރަސްޓް ހޯދާށޯ... އަހަރެން ދިނިން މޮޅު ހިޔާލެއް..." ޖީނާ ޝައުގުވެރިވެފައި ކިޔައިދޭން ފެށިއެވެ. "މާ ބޮޑަށް ފޮރުވިގެން އުޅެންޏާ، ފިރިހެނުން ވަރަށް ބަލާހިތްވާނެ... އަހަރެން ބުނެފިން މެރީކޮށްގެން ދާގޮތަށް ގޮސް، ކޮޓަރިއަށް ވަދެފަ ބުރުގާ ނަގާ ހޫރާލާށޭ... ނިދާއިރު ލާންވީ އެއްޗެހިވެސް އޭނައަށް ބުނެދޭން ޖެހުނީ... އަސްލު އިނގޭތަ، އަންހެނުންނަށް ހީވަނީ ފިރިހެނުން ލަދެއް ނުގަންނާނެއޭ... އެކަމަކު، އެމީހުންވެސް ލަދުގަންނާނެ... އެކަން ނުދައްކަން އުޅުނަސް..."

"އެހެން ވާނެތަ؟..." އަހަންނަށް އަހައިލެވުނެވެ.

"މުޖައްރިބެއްނު..." ޖީނާ ޔަގީންކަން ދިނެވެ.

ޖީނާ ފޯނު ބޭއްވުމުން އަހަންނަށް ވިސްނުނީ އެކަމާއެވެ. އިންޓަނެޓުން މޮޅުހެން ހީވާ ހިޔާލުތައް ހޯދީމެވެ. ޔާނިޝް ބުނިހެން އަހަރެންގެ އިސްތަށިގަނޑު އޭނާއަށް ފެނިއްޖެއެވެ. ރީތި ނޫންކަމަށްވެސް ބުނެފިއެވެ. ވީއިރު، ފޮރުވައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. ޔާނިޝް ޖެއްސުން ކުރާހެން، އަހަންނަށްވެސް އޭނާއަށް ޖެއްސުން ކުރެވޭނެއެވެ.

ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރި އާނާ ފެނުމުން، އަހަންނަށް ދެކޮޅު ހޯދައި ބަލައިލެވުނެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

"ޑެޑީ ބޭނުމީ..." އަހަރެންގެ ގައިގައި ޖެހިގަނެފައި އާނާ ކޮޓަރިތެރެއަށް ދެމިގަތެވެ. "ޑެޑީ... ޑެޑީ..."

"ޑެޑީ ނެތް..." އަހަރެން މަޑުމައިތިރި ރާގަކަށް ބުނީމެވެ.

"ޑެޑީ ބޭނުމީ..." އާނާ ރުޅިއައިސްގެން އަހަންނަށް ބަލައިލިއެވެ.

އާނާ ހީވަނީ އެހެން ކުއްޖެއް ހެންނެވެ. ކުރިން ދިމާވި އިރާއި މުޅީން ތަފާތެވެ. ޔާނިޝް ކައިވެނި ކުރަން އުޅޭ ވާހަކަ އަހަރެން ކައިރީ ބުނި އިރުވެސް އާނާ ހުރީ ނުރުހިފައެއް ނޫނެވެ. އަހަންނަށް ޔަގީނެވެ. ކުޑަކުދިން ބަދަލުވާނީ ކޮންމެވެސް މީހަކު ވާހަކައެއް ދެއްކީމައެވެ.

"ހިނގާ ޑެޑީ ހޯދަން..." އާނާގެ އަތުގައި ހިފައިލަމުން، އަހަރެން އެކުވެރި ރާގަކަށް ބުނެލީމެވެ.

"ނުދާނަން... ތީ ހަޑި މަންމައެއް..." އާނާ އަހަރެންގެ އަތް ފޮޅުވައިލާފައި ގޮސް ކޮޓަރިން ނުކުތެވެ.

އަހަންނަށް ވީގޮތްވެސް ނޭނގުނެވެ. އާނާ ރުޅި އައިސްގެން އުޅެނީ އަހަރެންދެކެ ކަން ޔަގީން ވިއެވެ. އޭގެ ފަހަތުގައި ކޮންމެވެސް މީހެއްގެ އަތެއް ވާނެކަން ގައިމެވެ. އަހަރެން އެމީހަކު ހޯދާނަމެވެ. އެކަން ކުރަން އެންމެ ފުރަތަމަ ޖެހޭނީ އާނާގެ ރުހުން ހޯދާށެވެ.

އިންޓަނެޓުގައި ކުޑަކުދިންގެ ރުހުން ހޯދިދާނެ ގިނަ ގޮތްތަކެއް ބުނެދީފައި ހުއްޓެވެ. އެ ބަލަން އޮއްވައި ނިދުނުއިރުވެސް ނޭނގުނެވެ. ހޭލެވުނީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. އެކަކުވެސް އަހަންނަށް ނުގޮވީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެހާ ގިނައިރު ނިދާފައި ކޮޓަރިން ނުކުންނަންވެސް ނުކެރުނެވެ. ފެންވަރައި، ނަމާދުކޮށްގެން އަނެއްކާވެސް އެނދުގައި ޖައްސާލީއެވެ. ފިޒާ އައިސް ދޮރު ހުޅުވައިލީ ނުވައެއް ޖަހަން އުޅެނިކޮށެވެ.

"މިހާރު ކޮންއިރެއް ތިއްތަ ހޭލިތޯ ބަލަން އަންނަތާ..." ފިޒާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ބޮލުގެ ރިހުން ކިހިނެއް؟... ލުއިވާހެން ހީވޭތަ؟..."

"އޭނ؟..." އަހަރެން ހައިރާންވިއެވެ.

"ތިއްތި ބުނި ތިއްތަ ބޮލުގަ ރިއްސާތީއޭ އޮތީ... އެހެންވެ އެކަކުވެސް ތިއްތައަށް ނުގޮވަން ބުނީ..." ފިޒާ ތަފްސީލު ދިނެވެ. "މިހާރު އޯކޭތަ؟..."

އަހަރެން ބޯ ޖަހައިލީމެވެ. ޔާނިޝް ދޮގުހެދީ ކީއްވެބާއެވެ؟ އަހަރެން ފަޟީހަތްކޮށްލަން ބޭނުންވާ މީހަކު އެފަދަ ކަމެއް ކުރުމުން އަހަންނަށް ހައިރާންކަމެއް ލިބުނެވެ.

"ހިނގާ ކާންދާން... އަހަރެމެން އެކަނި މިހާރު ނުކަނީ... ތިއްތަ އަންނަންދެން މަޑުކުރީ..." ފިޒާ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

"އާނާ ކޮބާ؟..." އަހަންނަށް އަހައިލެވުނެވެ.

"ކޮޓަރީގަ... މިހާރު ކާންވެސް ގެންދަންޖެހެނީ ކޮޓަރިއަށް... ރައުފައްތައާ ގާތްވެއްޖެއްޔާ، އެކުއްޖާ އުޅޭނީ އަބަދުވެސް އެހެން..." ފިޒާގެ މޫނުން ފެނުނީ ފޫހިކަމެވެ.

"ހުރިހާވެސް މައްސަލައަކީ ރައުފާތާ..." އަހަންނަށް ހިތާއިހިތުން ބުނެވުނެވެ.

ސިޑިން ފައިބަނިކޮށް، ސިޓިންގްރޫމް ސޯފާގައި އިން މީހަކު ފެނި، ފައި އޮޅިގެން ނުވެއްޓުނީ ކިރިޔާއެވެ. ޔާނިޝްގެ ކައިރީގައި އިނީ މިރާން ނޫން އެހެން މީހެއް ނޫނެވެ. ދެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. ފޯނުން ކޮންމެވެސް އެއްޗެއް އެކަކު އަނެކަކަށް ދައްކަމުން ދިޔައެވެ.

އަހަރެން ވަގުތުން މައްޗަށް އަރަން ފެށީމެވެ. ފިޒާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

"ކީއްވެ ތި ދަނީ؟..." ފިޒާ ސުވާލުކުރިއެވެ.

"ނެތް ކާހިތެއް..." އަހަރެން ބުނީމެވެ.

"ކޭމައޭ ރަނގަޅުވާނީ... އާދޭ..." ފިޒާ ދުލެއް ނުކުރިއެވެ.

އަހަރެމެންނާއި ދިމާއަށް ފުރަތަމަ ބަލައިލީ ޔާނިޝްއެވެ. އޭގެ ފަހުގައި މިރާންއެވެ. އަހަންނަށް އިސްޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. މިރާން އެގޭގައި ކުރަނީ ކީއްބާއެވެ. ޔާނިޝް އާއި ދެމީހުންގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޔާނިޝްގެ ގޯސް ވާހަކަ އަހަރެންގެ ކައިރީގައި ދެއްކީ މިރާންއެވެ. އަނެއްކާ އެއީ މިރާން އާއި ޔާނިޝް ގުޅިގެން ރޭވި ރޭވުމެއްގެ ދަށުން ކުރި ކަމެއް ހެއްޔެވެ؟ ނޫނީ އަހަރެންގެ ގޮތް ބެލުމަށް ކުރި ކަމެއް ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު