ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ބީއެމްއެލްގެ އިންޓާންޝިޕް ފުރިހަމަކުރި ދަރިވަރުންނަށާއި، އަލަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގުރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިދިޔަ ދެ އަހަރު އެ ޕްރޮގްރާމް ފުރިހަމަ ކުރި 30 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އަދި، މި އަހަރު އެ ޕްރޮގުރާމަށް ހޮވުނު 15 ބައިވެރިންނަށް ވަނީ އެކަމުގެ ލިިޔުން ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވަނީ ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގުރާމްގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ.

ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވާހަކަ ދައްކަވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

އެގޮތުން، އެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލުން، ނުވަތަ އެހެނިހެން މުވައްސަސާއަކުން ދާއިމީ ވަޒީފާ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ބީއެމްއެލްގެ ކާމިޔާބީގެ ފަހަތުގައި އެބޭންކުގެ މުވައްޒަފުން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވާފައެވެ.

އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ހާސިލްކުރާނެ ލަނޑުދަނޑިތަކެއް ދެވެއެވެ. އަދި، ވަކި ލައިން މެނޭޖަރަކާއި، މެންޓަރެއް ހާއްސަ ކުރެވެއެވެ. މީގެ އިތުރުން، ބޭންކުގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ އެކި ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.

އެ ޕްރޮގުރާމުގެ ބައިވެރިންނަށް މަހަކު އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ދެމުން ދާއިރު، ރޯދަ އެލަވަންސްގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި ސިއްހީ ނުވަތަ އާއިލީ ސަބަބުތަކަށްޓަކައި ސަލާމުގެ 10 ދުވަސް ލިބޭނެއެވެ.

comment ކޮމެންޓް