އެސްޓީއޯ އާއި ސިޔާމް ވޯލްޑްގެ އެހީގައި ލަންދޫ ރައްޔިތުންނަށް ކާޑު ފޯރުކޮށްދެނީ

ލަންދޫގައި ދަނީ ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ/ ލަންދޫ ކައުންސިލް

ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދިޔަ ނ. ލަންދޫގެ 'ލަންދޫ ބޯޓު' ގާފަރު ފަރަށް އަޑިއަށް ދިއުމުން ކާޑުގެ ދަތިކަން ކުރިމަތިވެފައިވާ ލަންދޫއަށް އެސްޓީއޯ އާއި ސިޔާމް ވޯލްޑްގެ އެހީގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ އެ ރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް އެސްޓީއޯއިން ވަރަށް އަވަހަށް ހަމަޖައްސައި ދިން ކަމަށެވެ. އަދި އެ ތަކެތި ލަންދޫއަށް ގެންގޮސްދިނީ ނ. އަތޮޅުގައި އޮންނަ ސިޔާމް ވޯލްޑް ރިޒޯޓްގެ ސަޕްލައި ދޯންޏަކުން ކަމަށް ވެސް އަބްދުލްއަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާމް ވޯލްޑްގެ މެނޭޖްމެންޓަށް ގުޅައިގެން، ބޯޓު އަޑިއަށް ދިޔުމުން މިހާލަތު ދިމާވެފަ އޮތީމަ މިކަން ކޮށްދިނުމަށް އެދުނީމަ އިޖާބަ ދެއްވާ އެކަން ކޮށްދެއްވީ. ސިޔާމް ވޯލްޑްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" އޭނާ ވިދާޅުވިއެވެ.

ލަންދޫ ކައުންސިލުން ވަނީ އެ ރަށަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއާއި ސިޔާމް ވޯލްޑް ރިޒޯޓުން އެއްބާރުލުން ދިން ކަމަށް -- ފޮޓޯ/ ލަންދޫ ކައުންސިލް

އަބްދުލްއަޒީޒް އިތުރަށް ވިދާޅުވީ ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ބޭނުންވެފައިވާ މީހުން ކައުންސިލުގައި ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ރަށަށް ލިބިފައިވާ ކާޑުގެ ބާވަތްތައް މީހުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

'ލަންދޫ ބޯޓު'ގެ އިތުރުން އެ ރަށަށް މުދާ އުފުލައިދެނީ އެންމެ ބޯޓެކެވެ. ނަމަވެސް ދެން އޮންނަ ބޯޓު މަރާމާތު ކުރުމަށް ދާދި ފަހުން ވަނީ އެހެލާފައެވެ.

އެހެންކަމުން މިދިޔަ ބުދަ ދުވަހު ލަންދޫ ބޯޓު އަޑިއަށް ދިޔުމުން އެ ރަށަށް ކާޑުގެ ދަތިކަން ދިމާވެ، ފިހާރަތަކުން ކޮންމެ ގެއަކަށް ވަކި މިންވަރަކަށް ކާޑު ވިއްކަން ފެށި ކަމަށް އެ ހާދިސާ ހިނގި ދުވަހު ލަންދޫއިން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ލަންދޫ ކައުންސިލުން ދަނީ އެ ރަށު ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ/ ލަންދޫ ކައުންސިލް

އެރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ލަންދޫ ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި އެރަށު ތިން މީހެއްގެ ތިން ސައިކަލު އުފުލިއެވެ. އަދި އެރަށު ސްމާޓް ސެވަން ކިޔާ ފިހާރައެއްގެ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ މުދާ އެ ބޯޓުގައި އުފުލިކަަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެ ބޯޓު އަޑިއަށް ދިޔަ އިރު ބޯޓުގައި 40 ވަރަކަށް މީހުން ތިއްބާ އެމީހުން ސަލާމަތްކުރީ އެ ސަރަހައްދަށް ދިޔަ ގާފަރުގެ ބަޔެކެވެ. ގާފަރަށް ގެންދިޔަ އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ބޯޓު ފުންކުރުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ލަންދޫއާއި ގާފަރުގެ ރައްޔިތުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް