އިސްލާމީ ޝަރީޢަތުގެ އުގޫބާތްތައް ހަމަ ހަރުކަށީހެއްޔެވެ؟

ފޮޓޯ: ތާރެކްފްލޮއިޑް.ކޮމް

އިސްލާމްދީނުގެ އަދާވާތްތެރިން އެންމެ ބާރަށް ދައްކާ އެއްވާހަކައަކީ އިސްލާމީ ޝަރީޢަތުގައިވާ އުގޫބާތްތަކަކީ ޒަމާނަށް ނުފެތޭ، ހަރުކަށި އުގޫބާތްތަކެއް ކަމަށް ބުނުމެވެ. އެބައިމީހުންގެ ފަރާތުން އެފަދަ ތުހުމަތުތައް ތަކުރާރުކޮށް އައިނަމަވެސް އެކަންކަމާ އަޅައިލާ މުސްލިމުން މަދުވާނެއެވެ. އެހެންނަމަވެސް، ޣައިރު މުސްލިމުންގެ ފަރާތުން ނަކަލު ކުރެވޭ އެފަދަ ތުހުމަތުތައް، މުސްލިމު މުޖުތަމަޢުތަކުގައިވެސް އާއްމުވެ ގުގުމަން ފެށުމަކީ އަޅައިނުލައި ތިބެގެންވާނެ ކަމެއްނޫނެވެ. ވީމާ، މި ސުވާލުގެ ޖަވާބު ހޯދަމާ ހިނގާށެވެ. އިސްލާމީ ޝަރީޢަތުގައިވާ އުގޫބާތްތަކަކީ ހަގީގަތުގައިވެސް ޒަމާނަށް އެކަށީގެންނުވާ ހަރުކަށި އުގޫބާތްތަކެއްހެއްޔެވެ؟

އިސްލާމީ ޝަރީޢަތަކީ އަމުރާއި ނަހީގެ މައްޗަށް އެކުލެވޭ، ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް މަގުދައްކައިދޭ ގޮތުގައި ﷲ ބާވައިލައްވާފައިވާ، އެކަލާނގެ ސީދާވެގެންވާ ތެދު މަގެވެ. ޤިޔާމަތާ ޖެހޭންދެން ދުނިޔޭގައި އުޅޭނެހައި ބަޔަކަށް އެންމެ އެކަށީގެންވާ، ދެދުނިޔޭގެ ކާމިޔާބަށް އިންސާނާ ގެންގޮސްދެނިވި ޤާނޫނެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރައްވައި، އެންމެ ފަހުގެ ރިސާލަތައިގެން ފޮނުއްވެވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވާފައިވަނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ޢާލަމްތަކަށް ރަޙުމަތެއްކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." (އަންބިޔާއު: 107)

ބައެއްމީހުންނަށް ހީވެފައި އޮންނަހެން، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި ޙުދޫދުތައް ޤާއިމުކުރުމުގެ މައްޗަށް ހުއްޓިފައިވާ ޝަރީޢަތެއްނޫނެވެ. އިސްލާމީ ޝަރީޢަތަކީ ޢަޤީދާއާއި ޢިބާދާތާއި އަޚުލާގާއި ޤާނޫނާއި، ފަރުދީ އިޖުތިމާއީ އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި، ތައުލީމާއި ތަރުބިޔަތާއި ވެރިކަން ހިންގުމުގެ ނިޒާމާއި، އިގުތިސާދީ މަބާދިއުތަކާއި، އާއިލީ ގުޅުންތަކާއި ކައިވެންޏާއި ވަރިއާއި ވާރުތަމުދަލާއި، މިހެންގޮސް އިންސާނީ ދިރިއުޅުމުގެ އެންމެހައި ދާއިރާތައް ޝާމިލުވާ، ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ.

ޖަރީމާއާއި ޢުޤޫބާތަކީވެސް އިސްލާމީ ޝަރީޢަތުގައި ހިމެނޭ އެއްބައެވެ. އެހެންނަމަވެސް ޝަރީޢަތުގައި މިބަޔަށް ކަނޑައަޅުއްވާފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. ނިކަން ވިސްނާށެވެ. ކީރިތި ޤުރުއާނުގައި ހިމެނޭ ހަހާހަށްވުރެ ގިނަ އާޔަތުގެތެރެއިން، ޖަރީމާއާއި ޢުޤޫބާތުގެ ވާހަކަ އައިސްފައިވަނީ ގާތްގަނޑަކަށް ދިހަ އާޔަތުގައެވެ. ބާކީ ހުރި ގިނަ އާޔަތްތަކުގައިވަނީ ފިޤުހީ ޙުކުމްތަކާއި، އަޚުލާގާއި، ޢަޤީދާއާއި، ފަރުދީ އަދި އިޖުތިމާއީ މަޞާލިޙުތަކާއި، ދީނާއި ދުނިޔޭގެ ކަންތައްތައް އިސްލާހުގެ މަގުން ގެންދިއުމާ ބެހޭ ވައުޒާއި އާއްމު އިރުޝާދެވެ. މިއީ އިސްލާމްދީނަކީ ހަރުކަށިކަމާއި އުގޫބާތް ދިނުމުގެ މައްޗަށް އައިސްފައިވާ، އެކާވީސްވަނަ ގަރުނަށް އެކަށީގެންނުވާ ދީނެއްކަމަށް ގޮވައިލާމީހުން ފުންކޮށް ވިސްނާންޖެހޭނެ ކަމެކެވެ.

ކުށްކުރާ މީހުންނަށް، ބޮޑެތި އަދަބުތައް ކަނޑައެޅިފައިވަނީ ހަމައެކަނި އިސްލާމީ ޝަރީޢަތުގައެއްނޫނެވެ. ވަޟަޢީ ޤާނޫނުތަކުގައިވެސް، ކުށްކުރާމީހުންނަށް ބޮޑެތި އަދަބުތައް ކަނޑައެޅި އެ އަދަބުތައް ތަންފީޒު ކުރަމުންދެއެވެ. މިސާލަކަށް ޗައިނާއަކީ އިސްލާމީ ޝަރީޢަތަށް އަމަލުކުރާ ތަނެއްނޫނެވެ. އެހެންނަމަވެސް، މަސްތުވާ ތަކެއްޗާ ގުޅޭ ކުށްތަކަށް އެގައުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކުގެތެރޭގައި؛ އުމުރަށް ޖަލަށްލުމާއި، މަރުގެ އަދަބު ދިނުމާއި، މުދާ ސަރުކާރަށް ނެގުން ހިމެނެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން، 2021 ވަނަ އަހަރު އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރި ގައުމަކީވެސް ޗައިނާއެވެ. މީގެއިތުރުން ޖަޕާނާއި ކޮރެޔާއާއި ވިއެޓްނާމު އަދި އެމެރިކާގައިވެސް ތަފާތު ކުށްތަކަށް މަރުގެ އަދަބުދޭކަމީ ސިއްރެއްނޫނެވެ. ނަމަވެސް .... އިސްލާމީ ޝަރީޢަތުގައި ކުށްތަކަށް ކަނޑައަޅުއްވާފައިވާ އަދަބުތައް، އިސްލާމީ ގައުމެއްގައި ތަންފީޒުކުރަން އުޅެފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ހަދައެވެ. ޚާއްސަ ގޮތެއްގައި، ޤިޞާޞް ހިފުމާއި، އަތް ކެނޑުމާއި، ޙައްދު ޖެހުންފަދަ އަދަބުތަކަކީ ލާއިންސާނީ، އަނިޔާވެރި އުގޫބާތްތަކެއްކަމަށް ދުނިޔެއަށް ދައްކަން މަސައްކަތް ކުރެއެވެ!

އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ޢުޤޫބާތުގެ ބައި ކިތަންމެ ކުޑަނަމަވެސް، އެ ޙުކުމްތައް ގާއިމުކުރުމުން ލިބޭނޭ ލާބައާއި މަންފާ ކިތަންމެހައިވެސް ބޮޑެވެ.

މުރުތައްދުވާމީހާ އެކަމަށް ތައުބާނުވުމުން މަރުގެ އަދަބު ދެވެނީ ދީން ރައްކާތެރިކުރުމަށްޓަކައެވެ. ކެއުންބުއިމުގެ ރަނގަޅު އާދަތައް ހިފުމަށް އަންގަވައި، މަސްތުވާ ތަކެތި ބޭނުންކުރުން ޙަރާމްކުރައްވައި، އެފަދަ ތަކެތި ބޭނުންކުރާ މީހުންނަށް ޙައްދާއި ތަޢުޒީރުގެ އަދަބު ކަނޑައަޅުއްވާފައިވަނީ ބުއްދި ރައްކާތެރި ކުރުމަށްޓަކައެވެ. ހައްގަކާނުލައި މީހުންގެ ފުރާނަ ދުއްވައިލާ މީހުންނަށް އަދަބުގެ ގޮތުގައި ޤިޞާޞް ހިފުން ކަނޑައަޅުއްވާފައިވަނީ ފުރާނަ ރައްކާތެރިކުރުމަށްޓަކައެވެ. ކައިވެނި ޝަރަޢަކުރެއްވުމާއެކު، ޒިނޭއާއި ޤަޒުފުކުރުމާ ބަދުއަޚުލާގީ އަމަލުތައް ޙަރާމް ކުރައްވައި، އެފަދަ ކުށްތައް ކުރާމީހުންނަށް ޙައްދާއި ތަޢުޒީރުގެ އަދަބު ކަނޑައަޅުއްވާފައިވަނީ ނަސަބާއި އަބުރު ރައްކާތެރިކުރުމަށްޓަކައެވެ. މުދާ ހޯދައި މިލްކުކުރެވޭނެ ހަލާލު މަގުތައް ކަނޑައަޅުއްވައި، ރިބާއާ ރިޝްވަތާއި ފޭރުމާއި ވައްކަންކުރުމާއި މަކަރު ހެދުމާއި ޚިޔާނާތްތެރިވުމާއި، ނުހައްގުން މުދާ ކެއުން ޙަރާމްކުރައްވައި އެކަމުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައިވަނީ މުދާ ރައްކާތެރިކުރުމަށްޓަކައެވެ. އެހެންކަމަށްވާއިރު، އިސްލާމީ ޝަރީޢަތަށްވުރެ ވަކީން އަދުލުވެރި އެހެން ނިޒާމެއް ދުނިޔޭގައި އޮންނާނެހެއްޔެވެ؟ ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއްނުވެއެވެ."(ފުއްޞިލަތު: 46)

ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެއްޗެއް ނެތުމުގެ ތެރޭން އުފެއްދެވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެންކަމުން އެތަކެއްޗަށް އެންމެ އެކަށީގެންވާ ޤާނޫނުތަކަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެކަން ކަށަވަރެވެ. ވީމާ، ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކުރާ މީހުންނަށް ކަނޑައަޅުއްވާފައިވާ ޙައްދުތައް އެއީ އިސްލާމްދީނުގައި ހުރި "ހަރުކަށި" އަދަބުތަކެކޭ ނުބުނެވޭނެއެވެ. އަދި ހަމަ މިއާއެކު އެއީ ޒަމާނަށްނުފެތޭ، އިންސާނީ ހައްގުތައް ނިގުޅައިގަންނަ ކަންތައްތަކެއް ކަމުގައި ބުނެ އެއާމެދު "ދެވަނަ ވިސްނުމަކަށް" ދިއުމުގެ އެއްވެސް އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (އަޙުޒާބު: 36) މާނައީ: "އަދި ﷲ އާ އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވަފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ގުޅޭ ޓެގު
comment ކޮމެންޓް