ގިނަ ބައެއްގެ އެހީތެރިކަމާއެކު ލަންދޫ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް

ނ. ލަންދޫ މާލޭ ދަތުރުކުރާ ބޯޓެއް ކ. ގާފަރު ފަރަށް އަރައި، ދިޔަވެ، އަޑިއަށް ދަނީ --- ފޮޓޯ/ ޒަހީން އަބްދުﷲ

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު އިއްޔެ ކ. ގާފަރު ފަރަށް އަރައި، އަޑިއަށް ދިއުމާއެކު ލަންދޫއާއި ގާފަރު ރައްޔިތުނާއި ސިފައިން ގުޅިގެން މިއަދު ބޯޓު ފުންކުރުމުގެ މަސައްކަތް ކޮށްފިއެވެ.

އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ލަންދޫއަށް ނިސްބަތްވާ މަންސޫރު މުޙައްމަދު މިއަދު 'ސަން' އަށް ބުނީ އެ މަސައްކަތް ކުރުމަށް ލަންދޫން 54 މީހުންގެ ޓީމެއް މިއަދު އައިސްފައިވާ ކަމަށެވެ. އެއީ ސީދާ އެ މަސައްކަތް ކުރުމަށް ރަށުން އައި ޓީމެކެވެ.

އޭނާ ބުނީ އެ ރަށަކީ އަބަދުވެސް ވަރަށް އެއްބައިވަންތަ ބައެއް ކަމަށާއި ދިމާވާ އެކިއެކި ކަންކަމުގައި ލަންދޫގެ ރައްޔިތުން އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވާ ކަމަށެވެ.

މަންސޫރު ވަނީ ގާފަރުން ލިބެމުންދާ އެހީތެރިކަމާއި އެމްއެންޑީއެފްގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި ބޯޓު ފުން ކުރުމަށް ދިޔައީ ނ. ޅޮހިން ފްލޯޓިން ބެލޫން ހިފައިގެންނެވެ.

"ބޯޓުގެ މަތީ ގެގަނޑު އެއްކޮށް ވަކިކޮށް، ގިނަ އަދަދެއްގެ މުދާ ބޯޓުން މިހާރު ވަނީ ހުސްކޮށްފައި،" މަންސޫރު ބުންޏެވެ.

ލަންދޫ ބޯޓު--- ފޮޓޯ/ ޒަހީން އަބްދުﷲ

އޭނާ ބުނީ އަދިވެސް ބޯޓުގައި ވަރަށް ބައިވަރު މުދާ ހުރުމާއެކު ބޯޓު ފުންކުރުމަށް އެ މުދާތައް ހުސް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް މާދަމާ ހެނދުނު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މަންސޫރު ބުންޏެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ގާފަރަށް ގެންގޮސްފައި ވަނީ އެ ރަށު ބަޔަކު ހާދިސާ ހިނގި ސަރަހައްދަށް ގޮސްގެންނެވެ. ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބީ 40 ވަރަކަށް މީހުންނެވެ.

ގާފަރުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ގާފަރަށް ގެނައި އެންމެނަށް އެ ރަށުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.

comment ކޮމެންޓް