ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ތައާރަފްކޮށްފި

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑު އާންމު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ އިފްތިތާހު ކޮށްފިއެވެ.

އެ ޕޮލިސީ އިފްތިތާހު ކޮށްފައިވަނީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއާޒް، އަޙްމަދު ޙަސަންދީދީ އާއި މިނިސްޓަރުން އަދި ސިއްހީ ދާއިރާގެ ގިނަ އިސްވެރިންތަކެއް ބައިވެރިވިވަޑައިގެންނެވިއެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމަކީ ވެސް އެ ޕޮލިސީ އެކުލަވާލުމުގެ އެއް ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ ސިޔާސަތާއި މިންގަނޑުތަކުގެ އަމާޒަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންގެ ނިސްބަތް މިހާރުހުރި މިންވަރުން 2030ގެ ނިޔަލަށް 10 ޕަސެންޓަށް ދަށްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 49 ޕަސެންޓް އަންހެނުންނަކީ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންނެވެ. އަދި 35 ފިރިހެނުންނަކީ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންނެވެ.

މިނިސްޓްރީން ބުނީ އެ ފަންނުގެ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމާއި ކަމާ ގުޅުންހުރި ދާއިރާތައް އެކުގައި މަސައްކަތް ކުރުމަކީ ވެސް މި ސިޔާސަތުގެ މައިގަނޑު އަސާސެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ބިނާކޮއްފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ކަސްރަތު ކުރުމާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް ކަސްރަތުކުރުމަށް މަގުފައިވާނޭ ގޮތްތައް ހޯދައި ދިނުމާއި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ކަމާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް ސިޔާސީ ދާއިރާ އާއި މިކަމާ ގުޅުން ހުރި އެހެނިހެން ދާއިރާތައް އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތާއި މިންގަނޑުތައް މިއަދު އިފްތިތާހުކޮށްފައިވާއިރު، ރާއްޖޭގައި އަހަރަކު މަރުވާ ނުވަތަ ބޮޑެތި ބަލިތަކުގެ ސަބަބުން ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އެންމެ ބޮޑު ހިއްސާއެއް ނިސްބަތްވަނީ، ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ނަފްސާނީ ބަލިތައް ފަދަ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގައިންގަޔަށްނާރާ ބަލިތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސް (ރިސްކް ފެކްޓާސް)ގެ ތެރޭގައި ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާ މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން ހިމެނޭ ކަމަށެވެ.

comment ކޮމެންޓް