ޕޯސްޓުން ގެނައި މަސްތުވާތަކެތި ބަލައި ދިޔަ ޒުވާން އަންހެން މީހާގެ ބަންދަށް 30 ދުވަސް

ކްރިމިނަލް ކޯޓު: ޕޯސްޓުން މަސްތުވާތަކެތި ގެނައި މީހެއްގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްދީފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އިން ބޭރުން ގެނައި މަސްތުވާތަކެތި ބަލައި ދިޔަ ޒުވާން އަންހެނެއް ހައްޔަރުކޮށް އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

އުމުރުން 23 އަހަރުގެ އެ ޒުވާނާ ހައްޔަރު ކޮށްފައިވަނީ ޕޯސްޓް އޮފީހަށް ޕާރުސަލެއް ބަލައި ދިއުމުންނެވެ. އޭނާ ބަލައިދިޔަ ޕާރުސަލު އެތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ހައްޔަރުކޮށް ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެ ޒުވާނާ އެއްބާރުލުން ދީފައި ނުވާކަމަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކަސްޓަމްސްއިން ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ފަސް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

އެގޮތުން ޖަރުމަނުން ރާއްޖެ ގެނެސްފައިވާ މި ޕެކޭޖްތަކުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހަތަރު ޕެކެޓް ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް ހަތަރު ޕެކެޓުގެ ތެރެއިން ދެ ޕެކެޓުގައި ހުރީ 1087 ގްރާމްގެ ކެޓަމައިން ކަމަށެވެ. އަދި އަނެއް ދެ ޕެކެޓުން ފެނިފައިވަނީ 587 ގްރާމްގެ ކޮކެއިން ކަމަށް ކަސްޓަމުން ބުނެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމުލަ 1،674 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު، ފަސް މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް