ޖިންސީ ގޯނާ ކުރިކަމަށް ބުނާ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

ކްރިމިނަލް ކޯޓު: ޖިންސީ ގޯނާގެ ތުހުމަތުވާ ޓީޗަރު ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވާ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ސްކޫލްގެ ޓީޗަރު, ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.

ހުޅުމާލޭ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވާ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ، އެ ސްކޫލު ޓީޗަރެއް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ހަވަރަށް ދީފިއެވެ.

އޭނާއަށް އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރަނީ ފިރިހެން ޓީޗަރަކަށެވެ.

ހަމަ އެ ރޭ ފުލުހުން ވަނީ އެ ޓީޗަރު ގެންގޮސް ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް އިތުރު ކޮށްދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ޓީޗަރަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން 36 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ވީޑިއޯގައި މީހަކު ޓީޗަރާ ދިމާލަށް އޭނާ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ހުރިހާ ދަރިވަރުންނަށް ޖިންސީ ގޯނާކުރިކަމަށް ބުނެއެވެ. އެކަމަށް ޖަވާބުދެމުން އޭނާ ބުނީ އޭނާ ޖިންސީ ގޯނާކުރީ އެންމެ ދަރިވަރަކަށް ކަމަށެވެ.

ވީޑިއޯގައި ދައްކާ ވާހަކައިން އޭނާ އަމިއްލައަށް އިސްނަގައިގެން ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ޓިއުޝަން ދިންކަން އެނގެއެވެ. އަދި ދެވަނަ ދުވަހު ޓިއުޝަނަށް ދަރިވަރުން ގެންގޮސް، ދަރިވަރުންނާ ނުގުޅޭ ވީޑިއޯ ދެއްކިކަމަށް ވީޑިއޯގައި ވާހަކަދައްކާ ބައެއް މީހުން ބުނެއެވެ.

އެ ޓީޗަރުގެ ގައިގައި އާންމުންގެ ބަޔަކު ތަޅައި އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އަނިޔާކުރުމުން އެ ޓީޗަރު ރޯ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އަނިޔާ ލިބިފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ބެލެވޭގޮތުގައި އާންމުންގެ ބަޔަކު އެ ޓީޗަރަށް އަނިޔާކުރީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ.

އަމިއްލައަށް ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި މީހުންނަށް އަނިޔާ ނުކުރުމަށް މީގެކުރިން ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓިއުޝަން ދޭންކަމަށް ބުނެ ސްކޫލު ކުއްޖަކު ގެއަކަށް ގެންގޮސް އެ ކުއްޖާއަށް ޓީޗަރު ބަދުއަޚްލާގީ ވީޑިއޯއެއް ދެއްކި މައްސަލަ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު އެ ޓީޗަރު ސްކޫލަށް ހާޒިރުނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް