މޯލްޑިވިއަނުން ފިއުލް ސާޗާޖު ބޮޑުކުރުމުން ޓިކެޓުގެ އަގު ބޮޑުވެއްޖެ

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ނަގާ ފިއުލް ސާޗާޖު ބޮޑުކުރުމުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުވެއްޖެއެވެ.

މިކަމާ ގުޅިގެން "ސަން" އާ ވަހަކަދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ޓިކެޓުގެ އަގު ބޮޑު ނުކުރާކަމަށެވެ. އަދި އަގުބޮޑު ކުރީ ފިއުލް ސާޗާޖު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓިކެޓްގެ އަގުގެ ޖުމްލަ އަދަދު ކަނޑައެޅިފައިވަނީ ފަސިންޖަރުންގެ އަތުން ނަގާ ހުރިހާ ޗާޖަކާއި ޖީއެސްޓީ ވެސް ހިމެނޭގޮތަށެވެ.

"ފިއުލް ސާޗާޖު އަގުބޮޑުކުރީ އެންމެ 65 ރުފިޔާ،" ޖެނިފާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވިއަނުން ފިއުލް ސާޗާޖު ބޮޑުކުރީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުންނެވެ.

މޯލްޑިވިއަނުން ޓިކެޓު އަގު ބޮޑު ނުކުރާކަމަށް ބުނުމުން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާގޮތުގައި ޓިކެޓު އަގު ބޮޑު ނުވިނަމަވެސް ރައްޔިތުން ޓިކެޓަށް ދައްކަންޖެހޭ އަދަދު ވަނީ ބޮޑުވެފައެވެ.

"ފިއުލް ސާޗާޖު އިތުރު ވީމަ ދޯ 1210 ރުފިޔާ އަށް ހުރި ޓިކެޓު 1278 އަށް ދިޔައީ،" ސޯޝަލް މީޑިއާގައި މީހަކު އޭނާގެ ޚިޔާލު ފާޅުކުރަމުން ބުންޏެވެ.

comment ކޮމެންޓް