މީރާއިން 25ރ. ވަގަށް ނެގި މީހާ ހައްޔަރަށް، މީގެ ކުރިން މުހިންމު ދެ އޮފީހެއް ފަޅާލި

މީރާ: އެތަން ފަޅާލައި ވައްކަން ކުރި މީހަކު ވަނީ ހައްޔަރު ކޮށްފައި -- ސަންފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހާ ހައްޔަރު ކޮށްފައިވާއިރު އޭނާ މީގެ ކުރިން މުހިންމު ދެ އޮފީހެއް ފަޅާލިކަން އެނގިއްޖެއެވެ.

މީރާ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކޮށްފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ދަންވަރެވެ. އޭނާއަށް އެތަނުން ގެންދެވިފައިވަނީ އެންމެ 25 ރުފިޔާ ކަމަށް މީރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ވައްކަންކުރިތާ މަހެއް ވާން ކައިރިވެފައިވަނިކޮށް ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އޭނާ ވަނީ މީރާގެ އޮފީސް ފަޅާލި ކަމަށް އިއުތިރާފް ވެސް ވެފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 45 ދުވަސް ބަންދަށް އިތުރު ކޮށްދީފައެވެ.

މީގެ ކުރިން 2014އިން މިއަހަރުގެ ޖުލައި މަހާ ހަމައަށް އޭނާ ދިޔައީ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ހުކުމުގެ ބޮޑުބައެއް ފުރިހަމަކޮށްފައިވާތީ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާއަށް ވަނީ މައާފްދީ މިނިވަން ކޮށްފައެވެ.

މިނިވަން ކުރި ފަހުން މީރާ އޮފީސް ފަޅާލުމުގެ ކުރިން, މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން އޭނާ ވައްކަން ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަށް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންކުރިތާ މަހެއް ނުވަނީސް ވައްކަން ކުރަން ޖެހުނީ ކުރީގެ އެކުވެރިންނާ ދިމާވެ މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް