ޖަޕާން އޯޕެން ބެޑްމިންޓަން މުބާރާތުގެ މެޗުތައް މިހާރު މީޑިއާނެޓުން ބަލައިލެވޭނެ

"ޑައިހަޓްސޫ ޔޮނެކްސް ޖަޕާން އޯޕަން 2022" ބެޑްމިންޓަން މުބާރާތް --- ފޮޓޯ/ ބީޑަބްލިއުއެފް ނިއުސް

އިއްޔެ ފަށާފައިވާ ބެޑްމިންޓަންގެ ފޯރިގަދަ މުބާރާތް "ޑައިހަޓްސޫ ޔޮނެކްސް ޖަޕާން އޯޕެން 2022" މުބާރާތުގެ ގަދަ 16ގެ މެޗުތައް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެ މުބާރާތް މިފަހަރު ކުރިއަށްދަނީ ޖަޕާނުގެ އޮސާކާގައެވެ.

މީޑިއާނެޓުގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް އައިސް ޕްލަސް (ޗެނަލް888)އިން އެ މުބާރާތުގެ މެޗުތައް ބަލާލެވޭނެއެވެ. މީޑިއާނެޓުގެ އެމްއެސް ޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް މެޗް އަންނަ ގަޑީގައި މެޗު ނުބެލުނު ނަމަ، ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް ފަހުން ވެސް މެޗު ބަލާލެވޭނެއެވެ.

މީގެ އިތުރުން އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކެ އެ މެޗުތައް ބަލާލެވޭނެއެވެ.

އެ މުބާރާތުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ބައެއް ކުޅުންތެރިން އަނިޔާގެ މައްސަލަތަކާ ގުޅިގެން ނުފެންނާނެއެވެ.

އެގޮތުން ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ، ޑެންމާކްގެ ވިކްޓޯ އެކްސެލްސެން، ފާއިތުވި ހަފުތާގައި ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު ޖަޕާން އޯޕެންގައި ބައިވެރި ނުވުމަށް ވަނީ ނިންމާފައެވެ.

އެ މުބާރާތުގައި ބައިވެރިނުވާ، ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ޕީ ވީ ސިންދޫ އަދި ދުނިޔޭގެ ރޭންކިންގެ ފަސްވަނަ ކުޅުންތެރިޔާ، ޖަޕާނުގެ ނޮޒޯމީ އޮކުހަރާ ހިމެނެއެވެ.

އެ މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ބެލެވޭ އަންހެން ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ ޓައި ޒޫޔިންގް އާއި އަކާނޭ ޔަމަގޫޗީއެވެ.

އޭގެ ތެރެއިން އުމުރުން އެންމެ 22 އަހަރުގައި ދުނިޔޭގެ އަންހެން އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދި ޓައި ޒޫ ޔިންގްގެ ފަރާތުން އެ މުބާރާތުގައިވެސް މޮޅު ކުޅުމެއް ފެންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެންމެ ފަހުގެ އޮލިމްޕިކް ޗެމްޕިއަން އަދި އެންމެ ގިނަ ދުވަހު ރޭންކިންގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ދުވަހު ދިފާއުކޮށްފައިވާ އެ ކުޅުންތެރިޔާ މި އަހަރު މިހާތަނަށްވަނީ 108،800 ޕޮއިންޓް ހޯދާފައެވެ.

ޖަޕާނުގެ އަކާނޭ ޔަމަގޫޗީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާއެވެ.

މިދިޔަ އަހަރާއި މި އަހަރު ޖެހިޖެހިގެން ދެ ފަހަރު ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެ ކުޅުންތެރިޔާ ޖަޕާން އޯޕެންއާ ކުރިމަތިލަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައެވެ.

އެ މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ލަފާކުރެވޭ ފިރިހެން ކުޅުންތެެރިންގެ ތެރޭގައި ހިމެނެނީ ކުންލަވުޓް ވިޓިޑްސާން އާއި ކެންޓޯ މޮމޮޓާއެވެ.

އޭގެ ތެރެއިން އުމުރުން އެންމެ 21 އަހަރުގެ، ތައިލެންޑްގެ ކުޅުންތެރިޔާ ކުންލަވުޓްއަށް އެ މުބާރާތުގައި ދުނިޔޭގެ ސަމާލުކަން ލިބޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރާއި 2018ވަނަ އަހަރު އަދި 2019ވަނަ އަހަރު ވެސް ދުނިޔޭގެ ޖޫނިއާ ޗެމްޕިއަން ކަމަށްވާ ކުންލަވުޓް ވަނީ އެންމެ ފަހުން ބޭއްވި ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ރޭންކިންގައި މާ ކުރީގައި އުޅޭ ކުޅުންތެރިންނާ ވާދަކޮށް ފައިނަލަށް ދަތުރުކޮށްފައެވެ.

ފައިނަލުގައި ދުނިޔޭގެ އެއްވަނަ ރޭންކިން ކުޅުންތެރިޔާ ވިކްޓޯ އެކްސެލްސެން އަތުން ބަލިވި ކަމުގައިވިޔަސް، ކުންލަވުޓް އެ މުބާރާތުގައި ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

މީގެ އިތުރުން ބާރު ޝޮޓުތަކެއް ޖަހާ ކުޅުންތެރިއެއް ގޮތުގައި ފާހަގަކޮށްލެވޭ އުމުރުން 27 އަހަރުގެ ޖަޕާނު ކުޅުންތެރިޔާ ކެންޓޯ މޮމޮޓާ ޖަޕާން އޯޕެންއަށް ކުރިމަތިލަނީ ދުނިޔޭގެ ރޭންކިންގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބެޑްމިންޓަން ކުޅެގެން ކެންޓޯ ހަދާފައިވާ ރެކޯޑު އަދިވެސް އެއްވެސް ކުޅުންތެރިއަކަށް މުގުރާލެވިފައި ނުވާއިރު އެ އަހަރު ކެންޓޯ ވަނީ ޖުމުލަ 11 މުބާރާތް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް