ގޭސްފުޅި ގޮވައިގެން އެތައް ގެއްލުމެއް، ރައްކާތެރިވާނީ ކިހިނެއް؟

އަލިފާންގެ ހާދިސާތަކަށް މީހުން ހޭލުންތެރި ކުރުވުމަށް ސިފައިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާތައް މަދުން ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާއިރު ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކަކީ އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވާ ހާދިސާތަކެކެވެ. ފާއިތުވި އޮގަސްޓް މަހު އެކަނިވެސް ބަދިގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން ތިން މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ.

އެ ހާދިސާތަކުގައި މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު މީހާ ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

އުމުރުން 53 އަހަރުގެ އައިމިނަތު އަބްދުލް ހަމީދު ނިޔާވި އެ ހާދިސާ ހިނގާފައި ވަނީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ތެރެއިން ގައިގާ ހުޅު ހިފައިގެންނެވެ. އެ ހާދިސާގައި އޭނާގެ ގައިގެ 50 ޕަސަންޓަށް ވުރެ ބޮޑު ބައެއް ފިހިފައިވެއެވެ.

ދެ މީހަކު ގޭސްފުޅިއެއް ހިފައިގެން ދަނީ: ގޭސް ފުޅި ގޮވައިގެން ދޭތެރެއަކުން ހާދިސާއެއް ހިނގާ-- ސަން ފައިލް ފޮޓޯ

އޭގެ ކުރިން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުން ލިބުނު އާއިލާއަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެހީތެރިވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ދެމަފިރިއަކާއި ތިން ކުޑަކުދިން ދިރިއުޅެމުން ދިޔަ ދެކޮޓަރީގެ އެޕާޓްމަންޓެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގީ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ. އެ ހާދިސާގައި، ބަދިގޭގައި ހުރި ކަބަޑާއި އޭގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ގޭސްފުޅިން ގޭސް ލީކުވެ އަލިފާނުގެ އެހެން ހާދިސާއެއް އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ހިނގާފައެވެ. ހދ. ނޮޅިވަރަންފަރުގައި ގޭސް ފުޅިއަކުން ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކަށާއި ކުޑަ ކުއްޖަކަށް އަނިޔާވެ، ފަރުވާދީފައިވެއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ 32 އަހަރުގެ އަންހެނަކަށާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށެވެ. ގޭސް ފުޅިން ލީކުވެ އަލިފާން ރޯވެގެން ހިނގި އެ ހާދިސާގައި އަންހެން މީހާގެ އަތާއި ފައި ފިހިފައިވުމުގެ އިތުރުން މޫނުން ވެސް ބައެއް ތަންތަން ވަނީ ފިހިފައެވެ. ކުޑަ ކުއްޖާގެ އަތާއި ފައި ވެސް ކޮންމެސް ވަރަކަށް ވަނީ ފިހިފައެވެ.

މި ހުރިހާ ހާދިސާތަކަކުން ވެސް މިއީ ކުޑަ މައްސަލައެއް ނޫންކަން ޔަގީންވެއެވެ.

މިފަދަ ހާދިސާތައް ހިނގަނީ ކީއްވެ؟

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ބުނިގޮތުގައި އަލިފާނުގެ ހާދިސާތައް ހިނގުން އެވްރެޖް ގޮތެއްގައި މިދުވަސްވަރު ގިނަކަން ފާހަގައެއް ނުކުރެވުނު ނަމަވެސް ހިނގާފައި ހުރި ބައެއް ހާދިސާތައް ރިޕޯޓް ނުކުރާކަން ފާހަގަ ކުރެވެއެވެ.

އުނދުނެއްގައި ރޯވެ ހިނގި އަލިފާންގެ ހާދިސާގައި ހުޅުމާލޭ ގެއަކަށް ގެއްލުން ވެފައި-- ފޮޓޯ: އެމްއެންޑީއެފް

ގޭހުގެ ހާދިސާތައް އާންމުގޮތެއްގައި ހިނގަނީ ގޭސް ސިލިންޑަރުގެ ވޭލުގެ ޕެކިން ނެތް ފުޅި ބޭނުން ކުރުމުންނާއި، ހަލާކުވެފައިވާ ރެގިއުލޭޓަރ ބޭނުން ކުރުމުންނާއި، ގޭސް ހޮޅިން ކޮންމެވެސް ގޮތަކުން ހަލާކުވެގެން ލީކުވުމުންނެވެ. އޭގެ އިތުރުން ގޭސް އުނދުނުގެ ނޮބު ހަލާކުވުމުންނާއި، އުދުނަށް ދިމާވާ މައްސަލަތައް ރަނގަޅު ނުކޮށް ބޭނުން ކުރުމުންނާއި ގޭސް ލީކުވެފައި ހުއްޓާ ގޭހުގެ ވަސް ދުވާކަން ނޭގުން ފަދަ ސަބަބަކުން ވެސް މިފަދަ ހާދިސާތައް ހިނގާކަމަށް ސިފައިން ބުނެއެވެ.

މިހާތަނަށް ހިނގާފައިވާ ހާދިސާތަކުގައި ފާހަގަ ވެފައިވާ މައްސަލަތަކުގެތެރޭގައި ގޭސް ހޮޅި ހަލާކުވުމާއި، ރެގިއުލެޓަރު ހަލާކުވުމާއި، ކައްކަން އުނދާފައި ބޭރަށް ދިޔުން އަދި އުނދުން ބޭނުންކުރުމުގައި ފަރުވާ ކުޑަވުން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފަޔާއެންޑް ރެސްކިއު ސާވިސްއިން ބުނެއެވެ.

އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އުނދުން ބޭނުން ކުރުމުގެ ކުރީން އުނދުން ހުރީ ރަނގަޅު ހާލަތުގައިތޯ ބެލުން މުހިންމު ކަމަށް ސިފައިން ބުނެއެވެ. އަދި ކައްކަން ފެށުމުގެ ކުރީން ގޭސް އުނދުނުން އެއްވެސް ވަހެއް ދުވާތޯ ބެލުމާއި، ވަސްދުވާނަމަ އުދުން ރޯނުކުރުމާއި، އުނދުނުގެ ނޮބުތައް ޗެކްކުރުމާއި، ގޭސް ފުޅި ބަހައްޓާފައިހުރި ކަބަޑުގެ ދޮރުތައް ހުޅުވާލާފައި ބެހެއްޓުމަށް ސަމާލު ވުމަށް ފަޔާ އެންޑް ރެސްކިއުއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ގޭ ތެރެއިން ވައި ބޭރުވާނޭ ގޮތަށް ދޮރުތައް ހުޅުވާލުމާއި، ގޭހުގެ އެއްވެސް އަލާމާތެއް ނެތްކަން ޔަގީން ކުރުމަށްފަހު ކައްކަން ފެށުމާއި، ގޭސް ލީކުވެފައިވާނަމަ ކަރަންޓުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ސަމާލު ވުމަށް ވެސް އެ ސިފައިން އެދެއެވެ.

އަލިފާނުގެ ހާދިސާތަކުގައި ފުރާނަ ގެއްލުންފަދަ ބޮޑެތި ގެއްލުންތައް ވަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިސްކަން ދޭންޖެހެއެވެ. ފަރުވާ ކުޑަ ކުރެވުމުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވާތީއެވެ.

comment ކޮމެންޓް